ފަރެސްމާތޮޑާ އެއަރޕޯޓްގެ އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަސައްކަތްތައް ނިމި، އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅާލާ ހައިވޭގެ ތަނބުތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މި އެއަރޕޯޓް ތަރައްޤީކުރަނީ ފަރެސްމާތޮޑާ ފަޅުތެރޭގައި އޮތް ކުދި ފަޅު ރަށްތަކެއް ގުޅާލާ، 19.9 ހެކްޓަރުގެ ބިމެއް ހިއްކައިގެނެވެ.
މި އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. އެއަރޕޯޓްގެ މަސައްކަތުގައި މައި ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.
އެގޮތުން ރަންވޭއާއި އެއަރޕޯޓްގެ ފަޔަރ ބިލްޑިންގއާއި ޓަވަރުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ޓަރމިނަލްގެ ސްޓްރަކްޗަރގެ މަސައްކަތްތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޓަރމިނަލްގެ އެތެރޭގެ މަސައްކަތްކެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ފަރެސްމާތޮޑާގެ އެއެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް އަހަރު ނިމުމުގެ ކުރިން ނިންމުމަށެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީންނެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ރަށުގެ ފަޅުތެރޭގައެވެ. އެހެންކަމުން މި އެއަރޕޯޓް ރަށާ ގުޅާލާނީ ކޯޒްވޭއަކުންނެވެ. ކޯޒްވޭ ތަރައްޤީކުރަނީވެސް އެމް.ޓީ.ސީ.ސީންނެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، ކޯޒްވޭގެ މަސައްކަތަށް ބޭނުންވާ ދަގަނޑު ތަނބުތައް ސައީޓަށް ގެންގޮސް، ކޯސްވޭގެ ސްޓްރަކްޗަރގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.
ސައިޓުގައި މިހާރު ކުރިއަށްދަނީ މި މަސައްކަތަށް ބޭނުންވާ ޝަޓަރިންއާއި ބާ ބެންޑިންގެ މަސައްކަތްތަކެވެ.
Spun piles required for Gdh. Faresmaathoda Airport Causeway Project have been delivered to the project site. Currently, shuttering and bar bending works for the bridge construction are ongoing at the site.#MTCCProjects #RayyithungeKunfuni pic.twitter.com/t29snIgMGf
— MTCC Plc (@MTCCPlc) November 10, 2022
ފަރެސްމާތޮޑާއި އެއަރޕޯޓާއި ދެމެދު ގާތްގަނޑަކަށް 800 މީޓަރު ހުންނާނެއެވެ. ކޯޒްވޭގެ މަސައްކަތްތަކުގެ ތެރެއިން 9780 އަކަމީޓަރުގެ ސަރަޙައްދެއް ވަނީ ހިއްކާފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހަމައެހެންމެ 110 މީޓަރުގެ ބްރިޖެއް އެޅުމާއި، 332 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުމާއި، ޕޭވިން މަސައްކަތް ކުރުމާއި، މަގުމަތީ ނިޝާނާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން އެމް.ޓީ.ސީ.ސީން ކުރާނެއެވެ. ކޯޒްވޭގެ މަސައްކަތަށް އެކަނިވެސް 44.2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
މަޝްރޫޢުގައި ކޯޒަވޭ ތަރައްޤީކުރާނީ އެއަރޕޯޓްގެ މައި މަގުތަކާވެސް ގުޅޭގޮތަށެވެ. އަދި ކޯޒަވޭގެ ދަށުން އޮއެ ދެމޭގޮތަށެވެ. އެމް.ޓީ.ސީ.ސީން މީގެކުރިން ވިދާޅުވެފައިވަނީ ކޯޒްވޭގެ މަސައްކަތްތައް މުޅިން ނިންމުމަށް ގާތްގަނޑަކަށް 7 މަސްދުވަހުގެ މުއްދަތެއް ހޭދަވާނެކަމަށެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ސަރުކާރުން 144.8 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. މި އެއަރޕޯޓަކީ، މިހާރު ރާއްޖޭގައި އަލަށް ތަރައްޤީކުރާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ އަވަހަށް ޚިދުމަތް ފަށާނެ އެއަރޕޯޓަށެވެ.