ޚަބަރު

ލަފާފުރުމަށް އުފުލި ތަކުލީފު ނިމުމަކަށް އައިސް، ފުޅަދޫއަށް އިތުރު ތަރައްޤީ


ބަނދަރެއް ނެތި ލަފާ ފުރުމަށް ރައްޔިތުން އުފުލި ތަކުލީފްތަކަށް ސަރުކާރުން މިވީ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި މިކަމަށް ވަނީ ހައްލުހޯދައިދީފައޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެއީ އެންމެ ބޮޑަށް މިކަން ދިމާވެފައި އޮތް ރަށްތަކަށް މީގެ ކުރިން ދުވަހަކުވެސް އަންނާނެކަމަށް އުންމީދު ނުކުރާހާ ލުއިފަސޭހަކަން ރައްޔިތުންނަށް މިވަނީ ގެނަސްދީފައެވެ. ވަކިން ހާއްސަކޮށް ކުދި އާބާދީތަކަށް މިކަންވީ ބޮޑު ކުރިއެރުމަށެވެ.

ލަފާރުމުގެ ދަތިކަން ރާއްޖޭގައި އެންމެ ބޮޑަށް ތަހައްމަލް ކުރަމުން ދިޔަ އެއް ބަޔަކީ ބ.އަތޮޅު ފުޅަދޫއާއި ފެހެންދޫ ރައްޔިތުންނެވެ. ސަބަބުތައް ވަރަށް ބައިވަރެވެ. މިދެރަށު ރައްޔިތުން މީގެ ކުރިން ދަތުރު ފަތުރުކުރުމަށް އުފުލި ތަކުލީފް ހުދު އެމީހުންނަށްވެސް ކިޔައިދޭން އުނދަގޫވެއެވެ. ސަބަބަކީ އެމީހުންގެ ދަރިންނާ އާއިލާ ބެލުމަށް އާމްދަނީ ހޯދުމަށް ކަނޑުމަގުން ކުރި މަސައްކަތަކީ ހިތުން ފިލުވާލަން ދަތި ހަނދާންތަކެއް އެކުލެވޭ ކަންކަމަށް ވާތީއެވެ.

މިދެރަށަށް ވަދެ ނުކުމެ ހަދަން ކުރިން ނެރެއް ކަނޑާފައި ނޯވެއެވެ. އެހެން ކަމުން އެއްފަޅެއްތެރޭގައި އޮންނަ މި ދެ ރަށުގެ ރައްޔިތުން ރަށުގެ ފާލަމަށް ނުވަތަ ގޮނޑުދޮށަށް އުޅަނދު ކައިރި ކުރަނީ އެ ފަޅު ތެރޭގައި އޮންނަ ގޮއިދޫ ބަނދަރަށް ވަދެ ނުކުތުމަށް ހަދާފައި އޮންނަ ނެރު ބޭނުންކޮށްގެން ތިލަ ފަޅެއްގައި ދުއްވާފައެވެ.

އާންމުކޮށް މި ދެރަށު މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަކީ ހުއިފިލަނޑާގެ މަސްވެރިކަމާއި ފާނައިގެ މަސްވެރިކަމެވެ. އެހެން ކަމުން އެމީހުން ކަނޑުމަތީގައި ހަފްތާއެއްހާދުވަހު ރަށުން ބޭރުގައި އުޅުމަށްފަހު ހުކުރަށް ރަށަށް އާއިލާ ކައިރިއަށް ދެއެވެ. މި ތިލަ ފަޅުން ދަތުރު ކުރެވެނީ ދިޔަވަރު ބޮޑު ވަގުތުތަކުގައި ކަމަށްވާތީ އެތައް ރެޔަކު ދިޔަވަރު ބޮޑުވަންދެން އާއިލާ ކައިރިއަށް ނުދެވި ތިބެންޖެހުނެވެ.

ފުޅަދޫ އަކީ މިފަޅުގެ އެންމެ ހުޅަނގަށް އޮންނަ ރަށެވެ. އާމްދަނީ ހޯދުމަށް އެތައް މަސައްކަތްތަކެއް އެރަށު މީހުންވެސް ކުރަމުންދިޔައީ ލަފާ ފުރޭނެ ރަނގަޅު ބަނދަރެއް ލިބޭނެކަމުގެ އުންމީދުކޮށްގެންނެއް ނޫންކަން އެމީހުންގެ ވާހަކައިން އެނގެއެވެ.

އެހެންނަމަވެސް ބަނދަރެއް އަދި ފަޅަށް ވަދެލާނެ ނެރެއްނެތް މިރަށުގެ ރައްޔިތުންވަނީ އެދުވަސްތަކާ އެދަތުރުތައް މާޒީއަށްވެފައެވެ.

ސަރުކާރުން އެރަށުގައި ޤާއިމް ކުރި ބަނދަރާއެކީ ރަށުގެ ރައްޔިތުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ފުޅަދޫ ބަނދަރުން ފުރޭގޮތްވުން ފުޅަދޫގައި ދިރިއުޅޭ 300 ހާ މީހުން އެކަން ބަލައިގަންނަނީ އެމީހުން ކުރިއަށް ދިއުމަށް ކޮށައިދިން މަގެއްގެ ގޮތުގައެވެ.

"އެކަމަށް ސަރުކާރުން ހައްލު ގެނެސް ދިނުމަކީ ރަށާއި ރައްޔިތުންނަށް ލިބުނު އަގު ނުކުރެވޭފަދަ ބޮޑު ކުރިއެރުމެއް، އަދި ފަތުރުވެރިކަން ފުޅާ ކުރުމަށާއި އެނޫންކަންކަމުގައި ރަށު ބަނދަރު ބޭނުން ކުރެވުން އެއީ މިހާތަނަށް ލިބުނު އެންމެ ލުއި އަދި އުފާ، ކިހިނެއްތޯ ކުރިން އުޅުނީ ޚިޔާލަށްވެސް ނުގެނެވޭނެ، އެތައް ހޭދައެއް ދަތުރު ފަތުރަށް ކޮށްފިން އެކަން ﷲ އިރާދަފުޅާއެކު މިވަނީ ނިމިފައި" އެރަށުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަދެއްކި ބައެއް މީހުންބުންޏެވެ.

ބަނދަރާއެކީ އެމީހުންނަށް އެތަކެއް ކުރިއެރުންތަކެއްދަނީ ލިބެމުންނެވެ. އަތޮޅު ފެރީ އާ ލޯންޗްތަކާއި މުދާ އުފުލާ ބޯޓްތައް މިރަށު ބަނދަރަށް ކައިރި ކުރެވުމުގެ ނަތީޖާއަކަށް ވެގެންދަނީ އިމާރާތް ކުރުމަށް ގެންނަ ހިލަޔާއި ސިމެންތި ފަދަ ތަކެތި ބާލަން މިހާރު އޮޑި 24 ގަޑިއިރު ދިޔަވަރަށް ބަލައިގެން އޮންނަން ނުޖެހުމެވެ. އަދި މިހާރު މާލެއިން 30 ރުފިޔާއަށް ގަނެގެން ގެނުވާ ސިމްކާޑު ބަލާ 200 ނުވަތަ 300 ރުފިޔާ ޚަރަދުކޮށްގެން ގޮއިދޫއަށް ދާކަށްވެސް ނުޖެހެއެވެ.

ބަނދަރާއެކު ފުޅަދޫގެ ތަރައްޤީއަށް ގިނަ ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށްވެސް ބޮޑެތި ކުރިއެރުންތައްވަނީ އަންނަން ފަށާފައެވެ.

ފުޅަދޫގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައި އޮތް އެއް ޚިދުމަތް ކަމަށްވާ ބަނދަރެއްގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދިނުން ރައްޔިތުން އަންނަނީ ޝުކުރުވެރިކަމާއެކު ބަލައިގަންނަމުންނެވެ.