ޚަބަރު

ޖުނިއަރ ކޮލެޖް: ރަށުގައި އާއިލާ ކައިރީ ތިބެގެން ކިޔެވުމަށް ލިބޭ ފުރުޞަތެއް


ޖޫނިއަރކޮލެޖްގެ މަސައްކަތަކީ ރާއްޖޭ ތަޢުލީމީ ނިޒާމަށް މުޅިން އައު ކޮންސެޕްޓެކެވެ. ތަޢުލީމީ ނިޒާމުގެ މި ސަފުޙާއަކީ، ސަރުކާރުގެ މެނިފެސްޓޯގައި މަތީ ތަޢުލީމީ ދާއިރާއިން ކުރުމަށް ނިންމާފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ.

އަލަށް ސްކޫލް ނިންމާ ނުކުންނަ ކުދިން ނުވަތަ ގްރޭޑް 10 ނިންމާ ނިކުންނަ ދަރިވަރުން މާލެ އަންނަން ޖުޖެހި، މަތީ ތަޢުލީމު ލިބޭނެ މަގު ފަަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭ ކޮންމެ ސަރަޙައްދަކީވެސް، މަތީ ތަޢުލީމުގެ ފުރުޞަތު ފަހިވެފައިވާ ތަނަކަށް ހެދުމެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޫނިއަރ ކޮލެޖް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 2 ރަށެއްގެ މަސައްކަތް ވަނީ ފަށާފައެވެ. އެއީ ހއ. ދިއްދޫއާއި ނ. ކެނދިކުޅުދޫއެވެ. މީގެ ތެރެއިން ދިއްދޫގެ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ވަނީ އެރަށުގައި ފަށާފައެވެ.

ކެނދުކުޅުދޫގައި ޖޫނިއަރ ކޮލެޖް އެޅުމަށް ވިލާ އެޑިޔުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ދިއްދުއަކީ ރަށުގެ އިތުރުން، އަތޮޅުގެ ހުރިހާ ރަށްތަކުންވެސް ކުދިން ކިޔަވަން އަންނަ ރަށެކެވެ. ނަމަވެސް މިހާތަނަށްވެސް ރަށުގައި ކިޔެވޭނެ އެންމެ މަތީ މިންވަރަކީ ގްރޭޑް 12އާއި ހަމައަށެވެ.

ދިއްދޫ ސްކޫލްގައި 1000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުން އަންނައިރު، މިއިން ކޮންމެ ކުއްޖަކުވެސް ސްކޫލް ނިންމާ އިތުރަށް ތަޢުލީމު ހޯދަން ދާންޖެހެނީ ރަށުން ބޭރަށެވެ. މަތީ ތަޢުލީމަށް ބައެއް އާއިލާތަށް މުޅިން މާލެއަށް ހިޖުރަކުރަނީއެވެ. އަނެއްބައި ކުދިންނަކީ ބްލޮކް މޯޑަށް ކިޔެވުމަށް ކައިރި ރަށްތަކަށް ދަތުރުކުރާ ކުދިންނެވެ.

"މަތީ ތަޢުލީމު ވަރަށް މުހިންމު. ކުދިން މާލެ ފޮނުވާ މައިން ބަފައިން ވަރަށް ބޮޑު ހޭދައެއް ކުރާ ކަމެއް މިއީ. އަމިއްލަ ފަސްގަނޑުގައި ތިބެގެން ކިޔަވަން ބޭނުންވާ އެތަށް ކުދިންނެއް އެބަތިބި." ދިއްދުއިން ވާހަކަދެއްވި މީހަކު ބުންޏެވެ.

ޖޫނިއަރ ކޮލެޖް ޢިމާރާތްކުރަނީ ދިއްދޫގެ ހިއްކި ސަރަޙައްދުން މިކަމަށް ކަނޑައަޅާފައިވާ 30،000 އަކަފޫޓްގެ ޖާގައެއްގައެވެ. ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގައި ކުރިއަށްދަނީ އިންސްޓިޓިއުޓް ބްލޮކްގެ މަސައްކަތެވެ.

ކޮލެޖް ތަރައްޤީކުރަނީ، ކޮލެޖްގައި ތިބެވޭގޮތަށް އެކަމަޑޭޝަން ބްލޮކްވެސް ހިމެނޭގޮތަށެވެ. އެކަމަޑޭޝަން ބްލޮކް ހިމެނެނީ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގައެވެ.

ހއ. ދިއްދޫގައި ތަރައްޤީކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެއެވެ.

ދިއްދޫގެ ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްސަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެއެވެ.

"އަމިއްލަ ވަޒަނުގައި ކިޔެވޭނޭ ފުރުޞަތު ލިބުމަކީ އާއިލާކައިރީގައި އުފާވެރި މާޙައުލެއްގައި ތިބެ ތަޢުލީމު ލިބުމަށް ހުޅުވޭ ދޮރެއް. އަދި ރަށުގެ ޒުވާނުން ރަށުގައި ހިފެހެއްޓުމަށް ލިބޭ ފުރުޞަތެއް. މިއީ ދިއްދޫ އެކަންޏެއް ނޫން، މުޅި އަތޮޅުގެ ކުދިންނަށް ލިބޭ ފުރުޞަތެއް." ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ހަވާލުކޮށްފަވަނީ 10 މަސް ދުވަހުން ނިންމާގޮތަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ އަންނަ އަހަރުތެރޭގައި މަސައްކަތް ނިންމާ، ޖޫނިއަރ ކޮލެޖްގެ ކިޔެވުން ފެށުމަށެވެ.

ޖޫނިއަރ ކޮލެޖް ނިމޭއިރު މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާ ޖިމެއް ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ވަނީ ހިމަނާފައެވެ.

ނ.ކެނދިކުޅުދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް މިކޮލެޖްގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން 2 އަހަރާއި 3 މަސްދުވަހުގެ ތެރޭގައި ކޮލެޖް ތަރައްޤީކޮށް ނިންމަން ޖެހެއެވެ. މިކޮލެޖް ހިންގުމަށް ވިލާއަށް ދީފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށްޓަކައި ކެނދިކުޅުދޫން 86،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖައްސާފައެވެ. މިޕްރޮޖެކްޓް ހުރިހާ ފިޔަވައްސެއް ނިމޭއިރު ޖޫނިއަރ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ.

ޓޫރިޒަމާއި ހޮސްޕިޓަލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަދުވެގެން 6 ކްލާސް ރޫމާއި ސީ.ޓީ ލެބޯރެޓަރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއްވެސް މިތަނުގައި ހުންނާނެއެވެ.

މީގެއިތުރުން އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައްވެސް ހުންނާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން ވެސް، މިޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު، ހުރުމާއެކު އަސާސީ ޚިދުމަތްތައް ހުންނާނެއެވެ.