ޚަބަރު

އިޢާދަކުރަނިވި ހަކަތައިގެ އެންމެ ބިޔަ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެ


ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިމަޝްރޫޢުގެ ދަށުން 6 ސަރަހައްދެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރުމަށް ޗައިނާއާއި މެލޭޝިޔާއަށް ނިސްބަތްވާ ޖޭވީ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގައެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގައި ހަކަތައިގެ ދާއިރާ، އިޢާދަކުރަނިވި ހަކަތައަށް ހެދުމަށާއި، 2030 ވަނަ އަހަރު އަންނައިރު، ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށެވެ. މިގޮތުން ސަރުކާރުގެ ހަކަތައިގެ ސިޔާސަތުތަކުގެ ތެރެއިން މިއަދު އެންމެ އިސްކަންދޭ ސިޔާސަތަކީ، ފޮސިލްފިއުލްއަށް ބަރޯސާވުން ކުޑަކޮށް އަވިންނާއި ވައިން ހަކަތަ އުފެއްދުމަށެވެ. މިގޮތުން މިސަރުކާރުގެ ފާއިތުވި 3 އަހަރުގެ ތެރޭގައި ވަނީ، 20 މެގަވޮޓްގެ ކަރަންޓް ސޯލާހަކަތައިން އުފައްދަން ފަށާފައެވެ. މިއާއެކު މިހާރު ރާއްޖޭގައި 36.5 މެގަވޮޓްގެ ކަރަންޓް އުފައްދަނީ، ސޯލާޕެނަލްތަކުންނެވެ. އަދި މިހާތަނަށް 9.3 މިލިޔަން ލީޓަރުގެ ތެޔޮ ވަނީ ސަލާމަތްކޮށްފައެވެ.

ބޭރުގެ އެހީދޭ ފަރާތްތަކާއި އެކު އިޢާދަކުރަނިވި ހަކަތައިގެ ބޮޑު ދެމަޝްރޫއެއް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މީގެ ތެރެއިން އެއް މަޝްރޫޢަކީ، ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) މަޝްރޫޢުއެވެ. މި ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީ.އައި.ބީ) އަދި ޖަޕާން ފަންޑް ފޮރ ދަ ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގެ އެހީގައި ރާއްޖޭގެ މީހުން ދިރިއުޅޭ 160 ރަށެއްގައި ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ ދަށުން މިހާރުވެސް ގިނަ ރަށްތަކެއްގައި ވަނީ އިޢާދަކުރަނިވި ހަކަތަ އުފައްދައި ބޭނުން ކުރަން ފަށާފައެވެ.


އެކްސެލްރޭޓިންގް ސަސްޓެއިނެބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫޢައަކީވެސް މިސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ. މިމަޝްރޫޢު ކުރިޔަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން، ރާއްޖޭގެ 6 ސަރަހައްދެއްގައި 11 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދޭ ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުނެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި މަސައްކަތް ފެށުމަށްޓަކައި ސޯލަރ ޕެނަލްތައް ހަރުކުރާނެތަންތަން ކަނޑައަޅާ ދިރާސާ ކުރުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފަށައިގަނެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި 3 މެގަވޮޓް، ފުވައްމުލައް ސިޓީގައި 2 މެގަވޮޓް، ކުޅުދުއްފުށި ސިޓީގައި 1.5 މެގަވޮޓް، ގދ.ތިނަދޫގައި 2 މެގަވޮޓް، ބ.އޭދަފުށީގައި 1.5 މެގަވޮޓް އަދި ޅ. ހިންނަވަރުގައި 1 މެގަވޮޓް ސޯލާ ހަކަތަ އުފެއްދޭނެ ނިޒާމްތައް ޤާއިމްކުރުމަށް ހަމަޖެިފައިވެއެވެ.

މީގެ އިތުރުން މިމަޝްރޫޢުގެ ތެރެއިން، ހުޅުލެ- ހުޅުމާލެ ލިންކް ރޯޑުގައާއި ހުޅުމާލޭގެ ބައެއް އާންމު އިމާރާތްތަކުގައި 5.6 މެގަވޮޓުގެ ސޯލަރ ޕީވީ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މިމަޝްރޫޢުތައް ނިމޭއިރު، ތެލަށް ކުރާ ހޭދައިގެ ތެރެއިން 15 މިލިޔަންރުފިޔާ އާއި 20 މިލިޔަން ރުފިޔާ އާއި ދެމެދުގެ މިންވަރެއް ސަލާމަތްކުރެވޭނެއެވެ.