ޚަބަރު

2023 ބަޖެޓް : ޕީއެސްއައިޕީގެ ތެރެއިން އަލަށް 204 މަޝްރޫޢެއް


2023 ވަނަ އަހަރަށް ދަޢުލަތުން ލަފާކުރާ ބަޖެޓުގައި ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ގޮތުގައި އަލަށް 204 މަޝްރޫއެއް ފެށުމަށް ބޭނުންވާ ފައިސާ ވަނީ ހިމަނާފައެވެ. 2023 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓަށް ބަލާލާއިރު، ޕަބްލިކް ސެންޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީއަށް ޖުމްލަ 8.4 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ.

ޕީ.އެސް.އައި.ޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫޢުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ. 2023 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ އެކުލަވާލާފައިވަނީ ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޖާގަދިނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރެއިން މިހާތަނަށް ބަޖެޓުން ޖާގަނުދެވިވާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޖާގަދިނުމަށެވެ. ސަރުކާރުގެ ސިޔާސާތަކާ އެއްގޮތަށް 2023 ވަނަ އަހަރުގެ ބަޖެޓުން ބިޔަ މަޝްރޫޢުތަކަށް ޖާގަދެވިފައިވާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

2023 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ޖުމްލަ 8.4 ބިލިއަން ރުފިޔާ ޕީ.އެސް.އައި.ޕީއަށް ބަޖެޓުކުރެވިފައިވެއެވެ. މިއީ 2023 ވަނަ އަހަރަށް ދަޢުލަތުން ހުށަހަޅާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ 19.7 އިންސައްތައެވެ. 2023 އަށް ހުށަހަޅާ ޕީ.އެސް.އައި.ޕީ ބަޖެޓް ބެހިފައިވާގޮތަށް ބަލާއިރު ދަޢުލަތުގެ ޑޮމެސްޓިކް ބަޖެޓުން 3.1 ބިލިއަން ރުފިޔާ، ބޭރުގެ ފަރާތްތަކުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ، ބޭރުގެ ހިލޭ އެހީން 713 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ގްރީން ފަންޑުން 439.5 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓަށް ބަލާއިރު، އަލަށް ފަށާ 204 މަޝްރޫޢަކަށް 483.7 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ޓެންޑަރިންގ މަރުހަލާގައިވާ 311 މަޝްރޫޢަކަށް 527.5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޕްރީ-ޓެންޑަރިންގ މަރުހަލާގައިވާ 479 މަޝްރޫޢަށް 1.2 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ އިތުރުން ނިމިފައިވާ 113 މަޝްރޫޢެއްގެ ރިޓެންޝަން ފައިސާއަށްވާ 77.3 މިލިއަން ރުފިޔާވެސް ހިމަނާފައިވެއެވެ.

2023 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓް ބެހިފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. މި ބަޔަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއީ ޕީ.އެސް.އައި.ޕީ ބަޖެޓުގެ 28.9 އިންސައްތައެވެ. މީގެ ތެރޭގައި ތިލަމާލޭ ބްރިޖް މަޝްރޫޢަށް 792 މިލިއަން ރުފިޔާ، އެކި ރަށްރަށުގެ އެއަރޕޯޓްތައް ތަރައްޤީކުރުމަށް 921.9 މިލިއަން ރުފިޔާ އަދި އެކި ރަށްރަށުގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމަށް 384 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ދެން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ ބިން ހިއްކުމާ މަގުހެދުމުގެ މަޝްރޫޢުތަކަށެވެ. އެގޮތުން ޕީ.އެސް.އައި.ޕީ ބަޖެޓުގެ ޖުމްލަ 17.3 އިންސައްތަ ވަނީ މި ދާއިރާއަށް ޚާއްސަކޮށްފައެވެ. އެއީ 1.4 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ޚަރަދެއް ހިނގާނީ އެކި ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫޢުތަކަށެވެ.

އެގޮތުން ކ. ގުޅީފަޅުގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަށްސަށް ބޭނުންވާ 291.8 މިލިއަން ރުފިޔާ ލޯނުން ފަންޑުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އައްޑޫ ސިޓީ ބިން ހިއްކުމަށާއި މަގު ހެދުމަށް 171.6 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ އަދި އެވޯޑްކުރެވިފައި ހުރި މަގު ހެދުމުގެ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 411.9 މިލިއަން ރުފިޔާ އަދި އަލަށް ފެށުމަށް ރޭވިފައިވާ މަގު ހެދުމުގެ މަޝްރޫޢުތަކަށް 23.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ރޭވިފައިވެއެވެ.

2023 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 737.6 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޞިއްޙީ ދާއިރާގެ އުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް 724.9 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނާފައިވާއިރު، ޕީ.އެސް.އައި.ޕީ ބަޖެޓުގެ 16.1 އިންސައްތަ ޚާއްސަކޮށްފައިވަނީ ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކަށެވެ. އެއީ 1.3 ބިލިއަން ރުފިޔާއެވެ. މި ބައިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައެޅިފައިވަނީ ކުނި ނައްތާލުމުގެ މަޝްރޫޢުތަކަށެވެ. އެއީ 630.2 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް ޖުމްލަ 412.9 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.

ރައްކާތެރި ބޯފެނާއި، ނަރުދަމާ ނިޒާމު ރަށްރަށުގައި ޤާއިމުކުރުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއަކަށްވާއިރު، ޕީ.އެސް.އައި.ޕީ ބަޖެޓުން ރާއްޖޭގެ 158 ރަށެއްގައި ފެނާ ނަރުދަމާގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި 644 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަންނަ އަހަރު ފެނާ ނަރުދަމާގެ ޢަމަލީ މަސައްކަތްތައް ހިނގަމުންނުދާ އެއްވެސް ރަށެއް ނޯންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.