ޚަބަރު

ދެ ސްކޫލެއްގެ ބައެއް މަސައްކަތްތައް ބަޔަކާ ޙަވާލުކޮށްފި


ދެ ރަށެއްގެ ސްކޫލުގައި ކުރަން ހުރި ބައެއް މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ލ. ކުނަހަންދޫ ސްކޫލުގެ 4 ކްލާސްރޫމާއި ލައިބްރަރީ އަދި ލެބޯރަޓަރީގެ އިމާރާތުގެ މަސައްކަތަކާއި، ށ. އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތެވެ. މި ދެ މަޝްރޫޢަކީވެސް 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންދާ ދެ މަޝްރޫޢެކެވެ.

ލ. ކުނަހަންދޫ ސްކޫލުގެ 4 ކްލާސްރޫމާއި ލައިބްރަރީ އަދި ލެބޯރަޓަރީގެ އިމާރާތުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ. އަދި ނޯތް ކޯސްޓް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޢަލީ ޢިޔާނެވެ.

މި މަސައްކަތް ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަސައްކަތަށް ގާތްގަނޑަކަށް 10.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ށ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި އިވޯސަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޙުސެއިން ވަހީދެވެ.

މި މަސައްކަތްވެސް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ށ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމަށް ގާތްގަނޑަކަށް 13.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.