ޚަބަރު

ނައިފަރުގެ ފްލެޓްތައް މަރާމާތުކުރީ ކައުންސިލާއި ޔުނިޓްތަކުގެ ވެރިފަރާތުގެވެސް ހުއްދައާއެކު: ޕްލޭނިންގ


ޅ. ނައިފަރު ހައުސިންގ ޔުނިޓްތަކުގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ޔުނިޓްތަކުގެ ވެރިފަރާތްތަކާ ކައުންސިލުގެވެސް ބައިވެރިވުމާއެކު އެ ފަރާތްތަކުގެ ހުއްދަ ލިބިގެންކަމަށް ޕްލޭނިންގ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ނައިފަރުގައި ޑިޒައިން އެންޑް ބިލްޑް އުޞޫލުން 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކާ ޕްލޭނިންގ މިނިސްޓްރީން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 26 ޖެނުއަރީ 2020 ގައެވެ.

އެކުންފުނިން މި މަސައްކަތް ނިންމާ ޕްލޭނިންގ މިނިސްޓްރީއާ ޙަވާލުކޮށްފައިވަނީ 19 ފެބްރުއަރީ 2022 ގައެވެ. 100 ހައުސިންގ ޔުނިޓް ހިމެނޭހެން 4 އިމާރާތަކަށް އަޅާފައިވާ މި ފްލެޓްތައް ބެލެހެއްޓުމާ އިމާރާތާގުޅޭ ކަންކަން މެނޭޖްކުރުމަށް މިނިސްޓްރީން ވަނީ ނައިފަރު ކައުންސިލާ ޙަވާލުކޮށްފައެވެ. ނައިފަރުގައި އިމާރާތްކޮށްފައިވާ މި ފްލެޓްތަކުގައި މަރާމާތުގެ ބޮޑެތި މައްސަލަތަކެއް ހައްލުނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ހަޤީޤަތް އުޅޭގޮތަށް މަޢުލޫމާތު ފަތުރަމުން ގެންދާތީ އެކަންކަން ހިނގާފައިވާގޮތް ޕްލޭނިންގ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ކޮންޓްރެކްޓަރާއެކުވެފައިވާ އެއްބަސްވުމުގައިވާގޮތުން މަސައްކަތް ނިންމުމަށްފަހު 1 އަހަރު ދުވަހުގެ މުއްދަތު (ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑް) ގައި އިމާރާތައް ލިބޭ ގެއްލުންތައް މިނިސްޓްރީން ބެލުމަށްފަހު އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެމަރާމާތުތައް ކުރާނީ މަސައްކަތުގެ ކޮންޓްރެކްޓަރުކަމަށެވެ. ނަމަވެސް ތަނުގައި ދިރިއުޅޭ ފަރާތްތަކުން އިމާރާތަށްގެންނަ އެއްވެސް ބަދަލެއް ޑިފެކްޓްސް ލަޔަބިލިޓީގެ ތެރޭގައި ނުހިމެނެއެވެ.

މި ހައުސިންގ ޔުނިޓްތަކުގައި މައްސަލަތަކެއް ހުރިކަމަށް 19 މެއި 2022 ގައި ނައިފަރު ކައުންސިލުގެ ފަރާތުން މިނިސްޓްރީއަށް ރިޕޯޓްކުރުމުން، އެކަން ކޮންޓްރެކްޓަރުގެ ސަމާލުކަމަށްގެނެސް، ކޮންޓްރެކްޓަރުގެ ޓީމެއް ހައުސިންގ ޔުނިޓްތަކުގައި ހުރި މައްސަލަތައް ބަލާ ޙައްލުކުރުމަށްޓަކާ 10 ޖޫން 2022 ގައި ނައިފަރަށް ދިޔަކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކޮންޓްރެކްޓަރުގެ ޓީމުން ކައުންސިލާއެކު މަޝްވަރާކުރުމަށްފަހު މަސައްކަތްކުރާނެގޮތުގެ ތާވަލެއް އެކުވަލާލާ، ޖޫން 12 ވަނަ ދުވަހު މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ފެށިކަންވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ނައިފަރު ހައުސިންގ ޔުނިޓްތަކުގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ޔުނިޓްތަކުގެ ވެރިފަރާތްތަކާ ކައުންސިލުގެވެސް ބައިވެރިވުމާއެކު އެ ފަރާތްތަކުގެ ހުއްދަ ލިބިގެންކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކައުންސިލުން ފާހަގަކުރި ހުރިހާ މަރާމާތުތައް ނިންމައި ކައުންސިލުގެ އެޕްރޫވަލްވެސް ހޯދާފައިވާކަން މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ޖޫންމަހު ކުރެވުނު މަރާމާތުގެ އިތުރުން ބޮޑު މަރާމާތެއް ކުރުމަށް ނައިފަރު ކައުންސިލުން އެ މިނިސްޓްރީއަށް ހުށަހަޅާފައިނުވާކަމަށެވެ. އަދި އެއްވެސް ފަރާތަކުން ފްލެޓްތަކުގެ މަރާމާތާގުޅޭ އެއްވެސްކަމެއްގައި މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، ނުވަތަ އެފަދަކަމެއް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފިނަމަ ވަގުތުން އެކަމަށް އެޓެންޑުވަމުން ގޮސްފައިވާކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.