ޚަބަރު

ޅ. ކުރެންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި


ޅ. ކުރެންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމުގެގޮތުން އެރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް އަދި ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާޢީލް މަދީހެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ކުރެންދޫ ކައުންސިލުގެ މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކުރެންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާގޮތަށް މި މަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 11 މެއި 2022 ގައެވެ.

ކުރެންދޫގައި އަލަށް ބިނާ ކުރާ މި މިސްކިތަކީ ގާތްގަނޑަކަށް 700 އެއްހާ މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭނެ ފަރުމާކުރާ މިސްކިތެކެވެ.

މި މިސްކިތް ބިނާކުރުމަށް 14.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޒަމާނީ ސިފަތަކާއެކުއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރާ ކުރެންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމިކް މިނިސްޓަރ ވަނީ ކުރެންދޫ ކައުންސިލުގެ މެންބަރުންނާވެސް ބައްދަލުކުރައްވާފައެވެ.