ޚަބަރު

ކިހާދޫ ރައްޔިތުން ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމަކަށް ކުރާ އުންމީދު ހަޤީޤަތަކަށް


ބ. އަތޮޅު ކިހާދޫ ރައްޔިތުންނަށް ކުރިއަރައި ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ނެތުމެވެ. މީ ރާއްޖޭގެ ކުދި އާބާދީތަކަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއްމަސަލައެވެ. އެހެން ނަމަވެސް މި ކުދިކުދި އާބާދީތަކަށް ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމު މިހާރުވަނީ ޔަގީންވެފައެވެ. އެއީ ރައްކާތެރި ފެނާ ނަރުދަމާ ސިޔާސަތުގެ ޤާނޫނުގެ ދަށުން އެޚިދުމަތް ޤާއިމް ކުރުމަށް ލާޒިމް ކުރާތީއެވެ.

ރައްކާތެރި ފެނާއި ނަރުދަމާ ނެތުމުގެ ވާހަކަ އަބަދުހެން މީހުން ދައްކަމުން އާދެއެވެ. ގެވަޅުގައި ހަދާފައި ހުރި ނަރުދަމާ ޖަންގްޝަންތައް ފުރި އުކާލުމަށް ބޮޑު ހޭދައެއް ކުރުމާ، އިރުވައި މޫސުމުގަ ނުވަތަ އެނޫނަސް ފެނަށްޖެހޭ ޙާލަތްތަކުގައި އެކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވާވާހަކައަކީ އަބަދުހެން ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އިވޭ އަޑުތަކެކެވެ.

ގެވަޅަށް ނަޖިސް ހިންދުން މީ ރަށުގެ މީރު ފެންފަށަލަ ހަލާކުވާން ދިމާވާއެއް ސަބަބެވެ. މި ސަބަބާހުރެ ކިހާދޫގެ މީރު ފެންފަށަލަ މިހާރުވަނީ ހަލާކުވުމާ ގާތައް ގޮސްފައެވެ. ރައްކާތެރި ފެން ނުލިބޭތީ އެރަށުގައި ހޮޓާ ކެފޭ ހިންގާ ބައެއް ފަރާތްތަކުން ވަނީ އެވިޔަފާރިވެސް ހުއްޓާލާފައެވެ.

ކިހާދޫއިން ވާހަކަ ދެއްކި މީހުން ބުނިގޮތުންނަމަ އެމީހުންނަށް ކުރިއަރައި ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަަށްވީ ރަނގަޅު ލަފާ ފުރޭނެ ބަނދަރެއް ނެތުމާ ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ނެތުމެވެ. އެހެންނަމަވެސް މިހާރު ބަނދަރުގެ މަސައްކަތް ނިންމާ އެކަން ހައްލުކޮށްފައިވާއިރު ލަސްތަކެއް ނުވެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށޭނެކަމަށް އެރަށު ރައްޔިތުން ގަބޫލު ކުރެއެވެ.

"އަޅުގަނޑު މީ ހޮޓާ ހިންގާ މީހެއް، މިހާރު އެކަން ހުއްޓާލައިގެން މި އުޅެނީ ފެނުން ނުބައިވަސްދުވާތީ އަލުން އެވިޔަފާރި ފަށާނީ ފެނާއި ނަރުދަމާ މިރަށުގައި އެޅީމަ، އެހެން ނޫނީ ކަސްޓަމަރުންގެ ޝަކުވާ އާދޭ، މީ އަސްލު ވަރަށް މުހިންމު ޚިދުމަތެއް އެއީ މިހާރު ރަށުގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް މިދަނީ ފުޅާވަމުން އެހެން ކަމުން މިރަށަށް އިޤްތިސާދީގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ބެލެވޭ" ކިހާދޫއިން ވާހަކަދައްކާލި ބައެއް މީހުން ބުންޏެވެ.


ރަށުގެ ފެނާއި ނަރުދަމާގެ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަމުން އެރަށު ކައުންސިލްގެ ރައީސް ހުސެއިން ޝާފިއު ވިދާޅުވީ، އެ މަސައްކަތައް ބޭނުންވާ ބިންސާފުކޮށް އެސަރަހައްދުގައި ހުރި ރުއްގަހުގެ ބަދަލުދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާ، އެކަން ނިމުމުން އެމަސައްކަތުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އަދި އެކަމަށް ވަމުން ދާ ތައްޔާރީތަކަށް ބަލާއިރު މިހާރު މަސައްކަތައް ބޭނުންވާ ސާމާނު ރައްކާކުރުމަށް ސައިޓް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝާފިއު ވިދާޅުވިއެވެ.

"އަސްލުވަރަށް ބޮޑު މައްސަލައެއީ ފެނަންޖެހޭ ދުވަސްވަރު ފެންގެންނަން ޖެހޭޖެހުމަށް ހައްލުލިބިގެން ދާނެކަމަށް މި ބަލަނީ، އެއީ ރައްކާތެރި ފެނުގެ ނިޒާމެއް އައީމަ ކުދިކުދި ޕްލާންޓްތައް ގޭގައި ބަހައްޓައިގެން ގޭގައި ބޯން ބޭނުން ކުރާވަރަށް ފެން އުފެއްދޭނެތީ އޭރުން އެކަމަށް ކުރާ ހޭދަ ކުޑަވެ ނަރުދަމާ ޖަންޝަންތައް ގެވަޅުތަކުން ނެގި އެވަޅުގަނޑުތައް ފުރުމުން އުކާލުމަށް ކުރާ ހޭދަވެސް ކުޑަވާނެ" ކިހާދޫ ކައުންސިލްގެ ރައީސް ހުސެއިން ޝާފިއު ވިދާޅުވިއެވެ.

އެމަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ސައިޓް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ކިހާދޫއަކީ މޫދައް އެރުމަށް ހާއްސަ ސަރަހައްދެއް އޮންނަ ރަށަކަށް ވުމާއެކު އަތޮޅުގެ ގިނަ އަދަދެއްގެ ބަޔަކު އެރަށަށް ޒިޔާރަތް ކުރެއެވެ. މީ އެމީހުންގެ ވެސް އޮތް ކަންބޮޑުވުމެކެވެ. ކިހާދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް އެމަސައްކަތް ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުން އަންނަނީ ތައްޔާރު ވަމުންނެވެ.