ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅެއް ހޯދައި، އެ މެޗު ނިންމާލާފައި ކްލަބް އީގަލްސްގެ ކުޅުންތެރިން ދަނޑުން ފޭބީ ކޯޗަކު ބޭނުންވާނެ ހުރިހާ ކަމެއް ކޮށްފައިކަމަށް އީގަލްސްގެ ކޯޗު ޢަބްދުﷲ ހަނީފް ބުނެފިއެވެ.
ޓީސީއާ ދެކޮޅަށް ކުޅެ މި މެޗުން އީގަލްސް މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ، މުޅި މެޗުގައި ވެސް މޮޅަށް ކުޅެ، އެޓޭކިން ގޭމެއް ކުޅުނީ އީގަލްސް އިންނެވެ. ޙާއްސަ ގޮތެއްގައި އެޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް މި މެޗުގައި ފެނިގެންގޮސްފައިވެއެވެ.
މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ހަނީފް ބުނީ، މި މެޗުގައި ކުޅުންތެރިންގެ މަސައްކަތު ރޭޓު ވަރަށް ރަނގަޅު ކަމަށާއި މި މެޗުން ހޯދި މޮޅުގައި ބިދޭސީ ކުޅުންތެރިންގެ ލީޑާޝިޕާއި މޮޅު ކުޅުން މެޗުގައި ފެނިގެން ދިޔަ ކަމަށެވެ. އަދި ފުޓުބޯޅަ މެޗެއްގައި ކޯޗަކު ދެކެން ބޭނުންވާނެ ހުރިހާ ކަމެއް މި މެޗުގައި ފެނިގެންދިޔަކަމަށް އޭނާ ބުންޏެވެ.
"ކުޅުންތެރިންގެ ވަރަށް ބުރަ މަސައްކަތޭ ބުނެވޭނީ ހަމަ. ބިދޭސީ ކުޅުންތެރިންގެ ލީޑާޝިޕާއި އެ ހުރިހާ އެއްޗެެއް ފެނިގެން އެދިޔައީ. އެހެންވީމަ އެމީހުންގެ ވެސް ވަރަށް ރަނގަޅު ޕާފޯމަންސެކޭ ބުނެވޭނީ. ޖުމްލަކޮށް ކޯޗަކު ބޭނުންވާ ހުރިހާކަމެއް ކޮށްފައި އެ ފޭބީ. ހަމަ ވަރަށް ހެޕީ". ކުޅުންތެރިންނާ މެދުގައި ހިތްހަމަޖެހިފައި ހުރިކަން ފާހަގަކޮށް ހަނީފް ބުންޏެވެ.
މި މެޗުން ހޯދި މޮޅާއެކު އީގަލްސްއަށް ލީގު ތާވަލުގެ އެއްވަނަ ލިބިގެންދިޔައިރު، މިއީ ލީގުގައި ކުރިއަށްދާއިރު ކުޅުންތެރިންގެ ކޮންފިޑެންސަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ހަނީފް ބުންޏެވެ.
ޚާއްސަކޮށް މިދިޔަ ސީޒަނާ އަޅާ ކިޔާއިރު ކުޅުންތެރިންނަށް ވެސް އަދި ކޯޗުވެސް ހިތްހަމަޖެހޭ ނަތީޖާތަކެއް މި ސީޒަނުގައި މިހާތަނަށް ނެރެވިފައިވާ ކަމަށާއި ލީގު ތާވަލުގައި އެއްވަނައިގައި އޮތްއޮތުން މިއީ ލިބޭ ވަރަށް ހިތްވަރެއްކަމަށް ހަނީފް ބުންޏެވެ.
މި ސީޒަނުގެ ލީގުގައި ކުލަބު އީގަލްސް އިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އެޓީމުގެ ފުރަތަމަ މެޗުގައި ނުކުތީ ބިސްބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެމެޗުން 1-3 އިން އީގަލްސް މޮޅުވިއިރު ދެވަނަ މެޗުގައި ގައްދޫ ރެކްރިއޭޝަން ކުލަބު އަތުންވެސް 0-2 އިން ވަނީ މޮޅުވެފައެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އީގަލްސް އޮތީ ތިން މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. އީގަލްސްއަށް ލީގުގައި ކުރިއަށް ދެން އޮތީ އަނެއްކާވެސް އަވޭ މެޗެކެވެ. މިމަހުގެ 16ވަނަ ދުވަހު ކުޅޭ އެ މެޗުގައި އީގަލްސް ނުކުންނާނީ ދިއްދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.