ޚަބަރު

ކުޑަރިކިލުގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


ބ.އަތޮޅު ކުޑަރިކިލުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތްފަށައިފިއެވެ. އެރަށު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވީ، ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ފެށީ އާރުއޯ އިމާރާތުގެ މަސައްކަތްކަމަށެވެ.

ގެވަޅުތަކުގައި ޖަންގްޝަން ހަދައިގެން ގެވަޅުން ޖާގައެއް އެކަމަށް ހުސްކޮށް ބިމަށް ނަޖިސްހިންދުމަކީ ރައްކާތެރި ނަރުދަމާ ނިޒާމެއް ޤާއިމްވެފައި ނެތް ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. އެހެން ނަމަވެސް އާބާދީ ގޮތުން މަދުބަޔަކު ދިރިއުޅޭ ކުޑަރިކިލުގައި ރައްކާތެރި ނަރުދަމާގެ ޚިދުމަތެއް މީގެ 13 ވަރަކަށް އަހަރު ކުރިންފެށިގެން ދެމުން އާދެއެވެ. އެއީ އެރަށުގެ ޖަމްއިއްޔާއެއްކަމަށްވާ ކުޑަރިކިލު އެކުވެރިންގެ ގުޅުމުގެ ފަރާތުން އަޅާފައިވާ ނަރުދަމާ ނިޒާމެކެވެ.

ނަރުދަމާ ނިޒާމެއް ޤާއިމްވެފައި އޮތްނަމަވެސް ރައްކާތެރި ފެނުގެ ނިޒާމަކަށް ރައްޔިތުން އައީ އުންމީދު ކުރަމުންނެވެ. އުމްރާނީގޮތުން ކުރިއަރަމުން އަންނަ މިރަށު ފެން ފަށަލަ އެއްކޮށްހެންވަނީ ހަލާކުވެފައެވެ.

ކޮންމެއަކަސް ރާއްއްޖޭގައި ފެނާއި ނަރުދަމާނެތް ހުރިހާރަށެއްގައި ފެނާއި ނަރުދަމާ އެޅުމަމަކީ މިސަރުކާރުގެ މުހިންމު ވައުދެއް އަދި ސިޔާސަތެއްވެސްމެއެވެ. އެގޮތުން ކުޑަރިކިލުގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް މިދިޔަ އަހަރުވަނީ ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފައެވެ. ބ.އަތޮޅުގެ ފަސްރަށެއް ހިމެނޭގޮތަށް ހަވާލު ކުރި މިމަސައްކަތުގެ އަމަލީ މަސައްކަތް މިހާރުވަނީ ކުޑަރިކިލުގައި ފަށާފައެވެ.

ފެނަކަ ކޯޕަރޭޝަނުން މި މަސައްކަތަށް ކަނޑައަޅުއްވާފައި ހުންނަވާ ޕްރޮޖެކްޓް ޑައިރެކްޓަރ އަތުހަރު ހަލީމް ވިދާޅުވީ ކުޑަރިކިލުގައި އެންމެ ފުރަތަމަ ކުރިއަށްދާނީ އާރުއޯ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރުމަށްބޭނުންވާ ސާމާނު މިހާރު އެރަށް ގެންގޮސްފައިވާކަމަށާ، މަސައްކަތް ނުހުއްޓި ކުރިއަށްގެންދެވޭ ގޮތަށް ސާމާނު އެރަށަށް ފޮނުވުމަށް ޝެޑިއުލްކޮށްފައިވާކަމަށް އަތުހަރު ވިދާޅުވިއެވެ.

އެރަށު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވީ، މީގެ 13 އަހަރު ކުރިން ޤާއިމް ކުރި ނަރުދަމާ ނިޒާމަށް އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާކަމަށާއި، އެކަން ހައްލު ކުރުމަށް ދަތި އުނދަގޫތައް ކައުންސިލަށް ކުރިމަތިވާކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ މާލީ ގޮތުންކަމަށް ހަންނާން ވިދާޅުވިއެވެ. ހަންނާން ވިދާޅުވީ މީ މިހާރުން މިހާރަށް ރަށަށް ބޭނުންވާ އެންމެ މުހިންމު އަސާސީ ދެ ޚިދުމަތެއް ކަމަށެވެ.

"ރަށުގެ އެކި ސަރަހައްދު ތަކުގައި ފެނުން ނުބައިވަސްދުވުމާ ނަޖިހުގެ އަސަރުފެނޭ، ރައްކާތެރި ފެނުގެ ނިޒާމެއް އެއީ ވަރަށް މުހިންމު އަސާސީ ހިދުމަތެއް ކަމަށް ސަރުކަރުން ދެކުނު ހިސާބުން އުންމީދު އާވެގެންދިޔަ، މީ މިރަށު ރައްޔިތުން މިހާރު ބޭނުންވާ އެންމެ މުހިންމު އަސާސީ ދެ ޙިދުމަތަކީ" ކުޑަރިކިލު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކުޑަރިކިލުގެ އިތުުރުން އެއަތޮޅު ކިހާދޫ އާއި ދޮންފަނާއި ފެހެންދޫ އާއި ފުޅަދޫގައި މި މަސައްކަތް ފެށުމަށް ފެނަކައިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހުރިހާ ރަށެއްގެ ސާވޭތަކުގެ މަސައްކަތް ނިމި، އިމާރާތް އެޅުމަށް ކަނޑައަޅާފައި އޮތް ސަރަހައްދުގެ ބިން ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކަން ނިމުމުން މި ހަތަރު ރަށުގައިވެސް އަމަލީ މަސައްކަތް ފެށޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.