ޚަބަރު

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބުން: ހިންނަވަރު ރައްޔިތުންގެ އެންމެ ބޮޑު އުންމީދު


އާބާދީގައި ފަސްހާހެއްހާ މީހުން ދިރިއުޅޭ ހިންނަވަރަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެއް ގެއެއްގެ ތެރޭގައި އެތައް އާއިލާއެއް އަންނަނީ ތޮއްޖެހިގެން ދިރިއުޅެމުންނެވެ. ބޯހިޔާވަހިކަމުގެ މި މައްސަލައަށް އަވަސް ހައްލެއް ލިބުމަކީ އެރަށު ރައްޔިތުން ކުރާ އެންމެ ބޮޑު އެއް އުންމީދެވެ.

ޅ. އަތޮޅުގައި އާބާދީގެ ގޮތުން އެންމެ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ހިންނަވަރުން އެންމެ ފަހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރީ މީގެ 22 އަކަށް އަހަރު ކުރިންނެވެ. ރަށުގެ ބިންފުރި ގޯތި ދޫކުރެވެން ނެތުމުން ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލެއް ގެނައުމުގެ މަސައްކަތް 2010 ވަނަ އަހަރު ސަރުކާރުން ފެށިއެވެ. އެގޮތުން އެރަށު ބިމަށް 28 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައިދިނެވެ. އެއީ މީގެ 12 އަހަރު ކުރިއެވެ. އަދިވެސް ހިއްކިބިމުން ގޯތި ދުކުރުން ނުވަތަ ފްލެޓާ ރޯހައުސް އެޅުންފަދަ ކަމެއް ކޮށްފައެއް ނުވެއެވެ.

އެހެން ކަމުން ރައްޔިތުން ތިބީ އެކަމުގެ މާޔޫސްކަންމަތީގައެވެ. ގޯތިގެދޮރުގެ ވާހަކަ ދައްކާލި ކޮންމެ މީހަކުވެސް ބުނަނީ ދިރިއުޅޭ ގޭގައި ތިން އާއިލާ މަދުވެގެން އުޅޭކަމަށެވެ. މިއިން ގެއެއްގައި އާންމުކޮށް ހުންނަނީ 2 ކޮޓަރި ނުވަތަ 3 ކޮޓަރިއެވެ. މީ ހައްލު ހޯދަން ޖެހިފައި އޮތް މައްސަލައެއްކަމަށް ފެނި މިސަރުކާރުން އެމަސައްކަތް ފެށިއެވެ. އެގޮތުން އެރަށުގައި 100 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ މިއަހަރުގެ ޖުލައި މަހުވަނީ ހަވާލުކޮށްފައެވެ. މީ އެރަށު ރައްޔިތުންނަށް މިކަމުގެ އުންމީދު އާވެގެން ދިޔަކަމެއްކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.

"މިހާރު ކުރެވޭ އުންމީދު ބޮޑުވެއްޖެ ސަރުކާރުން މި މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާތީ، އަސްލުވެސް އަޅުގަނޑުމެން ގެދޮރަށްވަދެ ބަލާލީމަ އިންގޭނީ އުޅޭ ގޮތެއް ތިންހަތަރު އާއިލާ އެބައުޅޭ ގިނަ ގެތަކުގައި، މިކަމަށް އަވަސް ހައްލެއް ލިބިގެންދާނެކަމަށް މިހާރު އުންމީދުކުރެވޭއެބަ" ހިންނަވަރުން ވާހަކަދެއްކި މީހުން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން 700 އަކަފޫޓްގެ ދެ ބުރީގެ 50 ރޯ ހައުސްއާއާއި، 1000 އަކަފޫޓްގެ އެއްބުރީގެ 50 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓީން ރޫމެއް ހިމެނެއެވެ. އަދި ބަދިގެއާއި ކާގެއާއި ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއްވެސް ހުންނާނެއެވެ.

މިރަށުގައި މިހާރު ހުރި ގޭބިސީގެ އަދަދު 850 ވުރެ ގިނައެވެ. ޕީއެސްއެމް ނިއުސްއަށްދިން އިންޓަވިއުގައި ކައުންސިލްގެ ރައީސް ހުސެއިން ޝާފީ ވިދާޅުވީ، ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތައް އެކަމަށް ކަނޑައަޅާފައި އޮތް ބިން ކައުންސިލުން މިހާރު ދޫކޮށްފައިވާކަމަށެވެ. އަދި އެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ޝާފީ ވިދާޅުވިއެވެ.

"މިރަށުން ގޯތި ދޫނުކުރާތާ މިހާރު 21 ވަރަކަށް އަހަރު މިވަނީ ވެފަ، މީ ހައްލު ގެނެވޭނެ މައްސަލައެއް އެކަމުގެ މަސައްކަތް ކައުންސިލުން މިދަނީ ކުރަމުން ސަރުކާރުން އަޅާ ރޯހައުސްތަކާ ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައި އޮތް ގޯތިތައް ދޫކުރުމުން މިކަމަށް ހައްލު ލިބޭނެކަމުގެ އުންމީދު ބޮޑު" ހިންނަވަރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަަށްގެންދާ މި މަޝްރޫގެ އިތުރުން ކައުންސިލުންވެސް ގޯތި ދުކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ގޯތިތައް ދޫކުރުމުގެ ތައްޔާރީތައް ވަމުންދާކަމަށާ، މި މަސައްލައަށް އަވަސް ހައްލެއް ހޯދައިދެވޭނެކަމުގެ ޔަޤީންކަން ބޮޑުކަމަށް ހިންނަވަރު ކައުންސިލްގެ ރައީސް ހުސެއިން ޝާފީ ވިދާޅުވިއެވެ.

ދަޢުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގައި ހިމެނޭ މި މަޝްރޫއަށް 83 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. 5000 ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ހިންނަވަރަކީ ނިސްބަތުން ވަރަށް ކުޑަ ރަށެކެވެ.