ޚަބަރު

ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް ހޭލުންތެރިކުރުމުގައި ސްކައުޓުން ނަމޫނާ ދެއްކުމަށް ނައިބު ރައީސް ގޮވާލައްވައިފި


ތިމާވެއްޓާގުޅުންހުރި ކަންކަމަށާއި، އިސްރާފުކުޑަކުރެވޭނެގޮތްތަކާމެދު ހޭލުންތެރިކުރުމުގައި ސްކައުޓުން ނަމޫނާ ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާއްލައިފިއެވެ. ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ "ޖޮޓާ-ޖޮޓީ ޖަމްބޮރީ" އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ހަރަކާތް ފެށުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، 1900 ގެ އެންމެ ކުރީ ކޮޅުގައި ފެށުނު ސްކައުޓް ހަރަކާތަކީ މިއަދު ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އަދި މިއަދާ ހަމައަށް އައިއިރުވެސް ފަޑުވުމެއްނެތި ކުރިއަރަމުންދާ ބޮޑު ހަރަކާތެއްކަމަށެވެ. އަދި މި ހަރަކާތް މިހާ ފުޅާވެ ކުރިއަރާފައިވަނީ، ހަރަކާތުގެ ތެރެއިން އިންސާނުންގެ ދިރިއުޅުމަށް ބޭނުންވާ މުހިއްމު އެތައް ކަމަކާއި ހުނަރެއް ދަސްކޮށްދީ، ޤައުމުތަކާއި، ވަކިވަކި ފަރުދުންނަށްވެސް ބޮޑެތި ފައިދާތަކެއް ކުރާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ސްކައުޓް ހަރަކާތުން ދަސްކޮށްދޭ އެންމެ މުހިއްމު އެއް ފިލާވަޅަކީ ޅަ އުމުރުގައި އެކި ކަހަލަ ޒިންމާތައް ނަގަން ދަސްކޮށްދީ، މީހުންނާއި ގުޅުން ބަދަހިކުރުންކަމަށެވެ. އަދި ފިލާވަޅު ދަސްކުރުމާއި، ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް ދަސްކުރާ އެކި ކަހަލަ ހުނަރުތަކަކީ މުޅި ސްކައުޓް ހަރަކާތުންވެސް އެންމެ އިސްކަންދޭ އެއްކަންތައްކަމަށެވެ.

މިއަދު ރާއްޖޭގެ ވަށައިގެންވާ މާޙައުލާއި، ދުނިޔޭގެ ކަންކަން ބަދަލުވަމުންދާ ގޮތަށްބަލާއިރު، ސްކައުޓުންވެސް ވިސްނަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވާ، ވަކިން ޚާއްސަކޮށް ދުނިޔޭގެ ތިމާވެއްޓަށް އަންނަމުން މިދާ ބަދަލުތަކާއި، ކަންކަމުގައި އިސްރާފު ކުޑަކުރެވޭނެގޮތްތަކާމެދު ވިސްނާ، އެފަދަ ކަންކަމުގައި ނަމޫނާ ދައްކާ ބަޔަކަށްވުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

"މިއަދު އަޅުގަނޑުމެން މިކަންތައްތަކާ ކުރިއަށްވުރެ ބޮޑަށް ވިސްނާ، ޚާއްސަކޮށް ވޭސްޓް މެނޭޖްކުރުމާއި، ރީތި އާދަތައް ހުންނަ ބައެއްގެގޮތުގައި، ޤައުމުދެކެ ލޯބިވާ، ޤައުމަށްޓަކާ ކޮންމެ ކުއްޖަކުވެސް ކޮންމެ މީހަކުވެސް ތިމަންނާގެ ޤައުމުކަން މިއީ، ތިމަންނާގެ ޒިންމާއެއްކަން ޤައުމުގެ ކަންތައްތައް ރަނގަޅަށް ބެހެއްޓުން، ސާފުތާޙިރު މުޖުތަމަޢުއެއް ތިމާވެއްޓެއް އޮތުން އެއީ އެ ވިސްނުމުގައި ހުރިހާކުދިންވެސް މަސައްކަތް ކުރަންޖެހޭނެ. އަދި ކަންތައްތައް ކުރުމުގައި ވީހާވެސް ބޮޑަކަށް ވޭސްޓް މަދުކުރެވޭނެ ގޮތްތަކަށް އަބަދުވެސް ބަލަންޖެހޭނެ" ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުންނަށް ވަނީ މުހިއްމު އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ނޭންގޭ ކަންތައްތައް ދަސްކޮށްދީ އެހީތެރިވުމަކީ ވަަރަށް މުހިއްމުކަމެއްކަމަށާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރޫޙެއް އާލާކުރުން މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކަންކަމުގައި އަމިއްލައަށް އިސްނެގުމަށާއި، ވަކިން ޚާއްސަކޮށް ކާރިސާތަކާއި މުސީބާތުގެ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށްވުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

މި ޖަމްބޮރީ އިފްތިތާޙްކޮށްދެއްވުމުގެގޮތުން ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ރޭޑިއޯ ސެޓެއް މެދުވެރިކޮށް ސްރީލަންކާއާއި ދަރަވަންދޫގައި ތިބި ސްކައުންޓުންނަށް ޚާއްސަ މެސެޖެއް ފޮނުއްވާފައެވެ. އަދި ޖަމްބޮރީތެރިން ހަދާފައިވާ ބައެއް ސްޓޯލްތައް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.