ޚަބަރު

އައްޑޫ، ފުވައްމުލައް އަދި ލ. އަތޮޅުގައިވެސް މިނީބަހުގެ ޚިދުމަތަށް ކަރުދާސް ޓިކެޓް ވިއްކަނީ


އެމް.ޓީ.ސީ.ސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލް މެދުވެރިކޮށް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައިވެސް މިނީބަހުގެ ޚިދުމަތް ހޯދުމަށް ކަރުދާސް ޓިކެޓް ވިއްކާގޮތަށް ހަމަޖައްސައިފިއެވެ. އެމް.ޓީ.ސީ.ސީން މިގޮތަށް ހަމަޖައްސާފައިވަނީ މާދަމާއިން ފެށިގެންނެވެ. ކަރުދާސް ޓިކެޓް ތަޢާރަފުކުރަނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ފަސޭހައަކަށްކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ރާއްޖޭގައި ހަރުދަނާ ޕަބްލިކް ޓްރާންސްޕޯޓުގެ ނިޒާމެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީން ދޭން ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ 31 ވަނަ ދުވަހުއެވެ. އެކުންފުނިން އެންމެ ފުރަތަމަ މި ޚިދުމަތް ދޭން ފަށާފައިވަނީ ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައެވެ. އަދި މާލޭ ސަރަޙައްދަށް މިނީ ބަހުގެ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ.

މާލޭ ސަރަޙައްދެކޭ އެއްފަދައިން މި 3 ސަރަޙައްދުގައިވެސް އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ނަގައިގެން މިހާރުވެސް ދަތުރުކުރެވޭނެއެވެ. އަދި މިމަހުގެ 15 އިން ފެށިގެން ކަރުދާސް ޓިކެޓް ތަޢާރަފުކުރުމާއެކު، މި 3 ސަރަޙައްދުގައިވެސް ބަހުން ޓިކެޓް ގަނެގެން ދަތުރުކުރުމުގެ އިންތިޒާމް އެމް.ޓީ.ސީ.ސީން ވަނީ ހަމަޖައްސާފައެވެ. މިކަމުގެ ސަބަބުން ބަހުގެ ޚިދުމަތް ބޭނުންކުރުމުގައި އިތުރު ލުއިތަކެއް އާއްމުންނަށް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ކަރުދާސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ބަސް ތެރެއިންކަމަށެވެ. އަދި ޓަރމިނަލްތަކުން ކަރުދާސް ޓިކެޓް ނުވިއްކާނެކަމަށެވެ. ކަރުދާސް ޓިކެޓް ގަތުމަށްފަހު ފައިސާ އަޅާނެ ޚާއްސަ ފޮއްޓެއް ބަސް ތެރޭގައި ބެހެއްޓިފައި ހުންނާނެއެވެ. އެހެންނަމަވެސް ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތުމުން، ހުރިހާ ފަރާތްތަކުންވެސް ޓިކެޓުގެ ފައިސާއަށް ޚަރަދުވާ ރުފިޔާ ހަމަޔަށް ހިފައިގެން ބަހަށް އެރުމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. ބަހުގެ ތެރޭގައި ފައިސާ މާރުނުކުރާގޮތަށް ނިންމާފައިވަނީ ވަގުތު ސަލާމަތްކުރުމުގެގޮތުންނާއި، ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުމަށްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

މިނީބަހުގެ ޚިދުމަތް ދިނުމަށްޓަކާ އެމް.ޓީ.ސީ.ސީން ޖުމްލަ 41 ބަހެއް ގެނެސްފައިވާއިރު، މީގެ ތެރެއިން 23 ބަހެއް ފޮނުވާފައިވަނީ އަތޮޅުތަކުގައި މި ޚިދުމަތް ދިނުމަށެވެ. އެގޮތުން ލ. އިސްދޫއާއި ކަލައިދޫއަށް 2 ބަސް، ލ. ގަމަށް އަދި ގުޅިފައިވާ ރަށްތަކަށް 4 ބަސް، ފުވައްމުލައް ސިޓީއަށް 4 ބަސް އަދި އައްޑޫ ސިޓީއަށް 13 ބަސް ގެންގޮސްފައިވެއެވެ. މި 3 ސަރަޙައްދުގައި މިނީބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީން ފޯރުކޮށްދެމުން އަންނަނީ 5 ރުފިޔާއާއި، 20 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ބަހުގެ ރޫޓް މެޕް އާރް.ޓީ.އެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އާރް.ޓީއެލް މިނީ ބަހުގެ ޚިދުމަތް 65 އަހަރުން މަތީގެ މީހުންނާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ ކާޑު ދެއްކުމުން ހިލޭ ލިބިގެންދާނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުމުންނާއި، ޔުނިފޯރމުގައި ތިބޭ ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.