ޚަބަރު

ކާބޯތަކެތީގެ ސަޕްލައިއަށް ބޮޑު ލޮޅުމެއް، މިއީ ޤައުމުތައް ގުޅިގެން މަސައްކަތްކުރަންވީ ވަގުތު: ޝާހިދު


ދުނިޔެ މިހާރު ކުރިމަތިލަމުންދާ ގުދުރަތީ ކާރިސާތަކާއި، ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި ޗެއިނަށް ބޮޑު ލޮޅުމެއް އަރާފައިވާކަމަށާއި، މިކަންކަމުން އަރައިގަތުމަށް މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރަންވީ ވަގުތުކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވޯލްޑް ފުޑް ސެކިއުރިޓީގެ ކޮމެޓީގެ 50 ވަނަ ޕްލިނަރީ ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، މި ބައްދަލުވުން ބޭއްވިގެން މިދަނީ މުޅި ދުނިޔެއަށް ވެސް އެތައް ކާރިސާތަކެއް ކުރިމަތިވެ، އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ކާރިސާތަކުގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާ ދަނޑިވަޅެއްގައިކަމަށެވެ. މީގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކާއި، ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަފަދަ ހަމަނުޖެހުންތައް ހިމެނޭކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެެވެ. އަދި މިކަންކަމުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ޔަޤީންކަން ނުރައްކަލަށް ހުށަހެޅި، ގިނަ ބައެއްގެ ދިރިއުޅުމުގެ ޙާލަތު ކަންބޮޑުވާންޖެހޭ ފަދަ ހާލަތަކަށް ގޯސްވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި ޗެއިނަށް އަރާފައިވާ ލޮޅުންތައް ހައްލުކޮށް، ކާބޯތަކެތީގެ އަގުތައް ހަމަމަގަށް އެޅުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ޙައްލުތަކަކަށްވާންޖެހޭކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ކުރު މުއްދަތުގައި އަގުތައް ހަމައަކަށް އަޅުވައި، ސަޕްލައި ޗެއިންގެ މައްސަލަތައް ހައްލުކޮށް އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއް. ދިގު މުއްދަތުގައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ، ދަނޑުވެރިކަމުގެ އާދަކާދަތަކާއި، ކާބޯތަކެތީގެ ނިޒާމުތައް މިހާރަށްވުރެ ހަރުދަނާކޮށް، ވަރުގަދަކޮށް، ދެމެހެއްޓެނިވި، ގިނަބައެއްގެ ބައިވެރިވުން އެކުލެވޭ ގޮތަށް ބަދަލުކުރުމަށް" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، ކާބޯތަކެތީގެ މައްސަލާގައި ވަގުތީ އަދި ދާއިމީ ހައްލުތަކެއް ބޭނުންވާކަން ޤަބޫލު ކުރެވޭތީ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތާބެހޭ ކޮމިޓީއާއީ ބައްދަލުކޮށް، މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުނުކަމަށެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން މެންބަރު ޤައުމުތަކާއި، މަދަނީ ޖަމާޢަތްތަކާއި، ޕްރައިވެޓް ސެކްޓަރާއި، ކަމާބެހޭ އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ދުނިޔޭގެ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމުގައިއާއި، ޢަމަލުކުރާނެ ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިވެގެންދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށްކުރާ އަސަރުގެ އިތުރުން، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ އެހެން ކުދި ޖަޒީރާ ޤައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖެއަށްވެސް ވަރަށް ބޮޑު އަސަރެއްކޮށްފައިވާކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އަދި އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދޭނެ ސްކީމްތައް ހުރިނަމަވެސް، އިތުރު އާމްދަނީއެއް ނުލިބި ރާއްޖެއަށްވެސް އެ ސްކީމްތައް ދަމަހައްޓަން ދަތިވާނެކަމަށެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ދުނިޔޭގެ ގިނަ ޤައުމުތަކާ ޚިލާފަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް ބަލާއިރު، ރާއްޖޭގައި ދަނޑުވެރިކަމަށް އެކަށީގެންވާ ބޮޑެތި ބިންތައް ނެތުމުގެ ސަބަބުން، ރާއްޖެއިން ބަރޯސާވެފައި މިއޮތީ ދުނިޔޭގެ ސަޕްލައި ޗެއިންތަކަށްކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖޭން ހިފާފައިވާ އަމާޒު ޙާޞިލުވާން އޮތީ އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ލިބިގެންކަމަށާއި، މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލްކުރުމަށް މުޅި ދުނިޔެ އެކުގައި މަސައްކަތްކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކާރިސާތަކާއި ހަނގުރާމަތަކުގެ ސަބަބުން ހައިހޫނުކަން ތަޙައްމަލު ކުރަންޖެހޭ މީހުންގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފޮރިން މިނިސްޓަރ ޝާހިދުވަނީ ފާޅުކުރައްވާފައެވެ.

އެގޮތުން ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ ނުތަނަވަސްކަން އިންތިހާއަށް ކުރިމަތިވެފައިވާ މީހުންގެ އަދަދު ވަނީ 135 މިލިއަނުން 276 މިލިއަނަށް އިތުރުވެފައިވާކަމަށާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 2022 ވަނަ އަހަރު މި އަދަދު 323 މިލިއަނަށް އަރާނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި އަހަރުގެ ގޮންޖެހުމަކީ ކާބޯތަކެތި ފޯރުކޮށްދިނުން ކަމަށްވާއިރު، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށް އިތުރަށް ހީނަރުކަމެއް އަންނަނަމަ، އަންނަ އަހަރަކީ ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ އަހަރަކަށްވެދާނެ. އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުންތަކަކީ، ސްކޯޕްގައި ވަރަށް ބޮޑެތި، އަދި ޖިއޮގްރަފިކް ބައުންޑަރީތަކެއް ނެތް ދަތިތަކެއް. އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަން ޖެހޭނީ، ފަރުދީ ހައްލުތަކުން މިހާރުގެ ބޭނުންތަކަށް ހައްލު ހޯދައި ނުދެވޭނެތީ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، މުޅި ދުނިޔެއަށްވެސް ކުރިއަށްއޮތީ ގޮންޖެހުން ބޮޑު ދުވަސްތަކެއްކަމަށެވެ. އެހެންކަމުން އެއް ރޫޙުގައި، އެންމެން އެކަތިގަނޑަކަށްވެ، ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި، އާ ޢަޒުމަކާއެކު މަސައްކަތްކޮށް، ދުނިޔޭގެ ކާބޯތަކެތީގެ ނުތަނަވަސްކަން ކުޑަކޮށް، ބާކީ ހުރި ހުރިހާ ގޮންޖެހުންތައް ޙައްލުކުރުމަށް ޢަޒުމް އާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.