ޚަބަރު

އެއަރޕޯޓަށް ތާރީޚީ ދުވަހެއް، 60 އަހަރަށްފަހު އައު ރަންވޭއެއް ޚިދުމަތަށް


ވޭތުވެދިޔަ 60 ހަކަށް އަހަރުގެ ދިގު ތާރީޚަށް ބަލާއިރުވެސް ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެބޮޑު ހިއްސާއެއް އަދާކޮށްފައިވާ އެންމެ މުހިންމު ނާރެހަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. އެންމެ ކުރީގެ ނަމުންނަމަ ހުޅުލޭ އެއަރޕޯޓެވެ.

އެއަރޕޯޓުގައި ފްލައިޓް ޖެއްސުމަށް އެންމެ ފުރަތަމަ ބޭނުންކުރީ އިނގިރޭސިން އަޅައިދިން ދަގަނޑު ޕްލެޓްފޯމެކެވެ. އެއީ ގާތްގަނޑަށް މީގެ 62 އަހަރު ކުރިން 1960ގެ އަހަރުތަކުގައެވެ. އެފަހުން މިއަދާއި ޖެހެންދެންވެސް ބޭނުންކުރީ ދިވެހިންގެ ހިތްވަރާއި މިންނަތު އެއަރޕޯޓުގައި ތަރައްޤީކޮށްފައި އޮތް ރަންވޭއެކެވެ. ނަމަވެސް ޒަމާން ބަދަލުވެ، މިއަދު މިވަނީ އެއަރޕޯޓުގައި ކޯޑް-އެފް ފެންވަރުގެ ރަންވޭއެއް ބޭނުންކުރަން ފަށާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާތަނަށް ބޭނުންކުރަމުން އައި ރަންވޭއަކީ މީގެ 56 އަހަރު ކުރިން ރަންވޭ އެޅި ތަނުގައި އޮތް ރަންވޭއެވެ. އޭގެފަހުން ރަންވޭ ބޮޑުކޮށް ޒަމާނީ ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ 1980ގެ ކުރީކޮޅުގައެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއާއެކު ރަންވޭއަށްވެސް ގިނަ ގެއްލުންތަކެއް ލިބުނެވެ. އެއަށްފަހު ރަންވޭ ބޭނުންކުރަމުން އައީ ވަރަށް ބޮޑެތި މަރާމާތުތަކަށްފަހުއެވެ.

މިހާތަނަށް ބޭނުންކުރަމުން އައި ރަންވޭއަކީ 3200 މީޓަރު ދިގު އަދި 45 މީޓަރު ފުޅާ ރަންވޭއެކެވެ. އެއަރޕޯޓުގައި ދިގު ތާރީޚުގައި އިއްޔެއާއި މިއަދަކީވެސް ވަރަށް ޚާއްސަ ދެ ދުވަހެވެ. އެއަރޕޯޓުގައި މިހާތަނަށް ބޭނުންކުރަމުންދިޔަ ޒަމާންވީ ރަންވޭއިން އެންމެފަހު ފްލައިޓް އުދުއްސާލާފައިވަނީ ރޭ 11:07 ގައެވެ. ބާ ރަންވޭއިން އެންމެފަހުން އުދުއްސާލީ ޓާކިޝް އެއަރލައިންސްގެ ފްލައިޓެކެވެ.

އައު ރަންވޭ އޮޕަަރޭޝަނަށް ގެނައުމަށްޓަކާއި ރޭގެ 23:00 އިން ފެށިގެން މިއަދު ހެނދުނު 6:00 ޖެހުމާއި ހަމައަށް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް މެދުކަނޑާލާފައި އޮތުމަށްފަހު އައު ރަންވޭއަށް އެންމެ ފުރަތަމަ ފްލައިޓެއް ޖެއްސީ މިއަދު ހެނދުނު 7:20 ހާއިރެވެ. އެއީ ބޮއިން 777 މަރުކާގެ އެމިރޭޓްސް އެއަރލައިންގެ ފްލައިޓެކެވެ. މިއާއެކު ބާ ރަންވޭ ކުރިއަށްއޮތްތަނުގައި ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ.

އައު ރަންވޭއާއެކު، އޮޕަރޭޝަންތަކުގެ ދުވެލި ހަލުވިވެ، އިންޤިލާބީ ބަދަލަކަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ރަންވޭގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މި ރަންވޭ އަޅާފައިވަނީ އެއަރޕޯޓު ފަޅުން ގާތްގަނޑަކަށް 70 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެންނެވެ. މިއާއެކު ހުޅުލޭ ބިމަށް 33 އިންސައްތަ ވަނީ އިތުރުވެފައެވެ. މި ރަންވޭގެ މަސައްކަތްކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާއި ޙަވާލުކޮށްގެންނެވެ. މި މަސައްކަތަށް އެކަނިވެސް 400 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

އެއަރޕޯޓުގެ އައު ރަންވޭ ތަރައްޤީކުރުމުގައި އެމް.އޭ.ސީ.އެލުން އެންމެ ބޮޑަށް ވިސްނާފައިވަނީ މި ރަންވޭއަކީ ދެމެހެއްޓިނިވި ގޮތަކަށް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ތަނަކަށް ހެދުމަށެވެ. އެގޮތުން 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން ރަންވޭގައި އަޅާފައިވެއެވެ. އަދި އައު ރަންވޭ އަޅާފައިވަނީ ކުރިން ބޭނުންކުރަމުންދިޔަ ރަންވޭއަށް ވުރެ އުސްކޮށެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރު ހުންނަ މި ރަންވޭއަކީ ކޯޑް-އެފްގެ މިންގަނޑަށް ފެތޭގޮތަށް ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. އައު ރަންވޭއާއި، ފްލައިޓްތައް ޕާކުކުރަން ބޭނުންވާ އޭޕްރޯންތައް ތަރައްޤީކޮށްފައިވަނީ އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރުލެއް ނާންނާނެހެން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އައު ރަންވޭގެ މަސައްކަތްތައް ނިންމައި އެންމެ ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރު ސެޕްޓެމްބަރމަހު 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން އައު ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހުއެވެ.

އައު ރަންވޭގެ ފުރިހަމަ ބޭނުން ކުރުމަށް މިއަދު މިފަށަނީވެސް މިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ. އެގޮތުން އެމް.އޭ.ސީ.އެލްގެ އޮޕަރޭޝަންސްގެ ހުރިހާ މުވައްޒަފުންނަށް ތަމްރީން ދީފައިވެއެވެ. އޭގެ ތެރޭގައި ރޭމްޕް، ކާގޯ، ފިއުލް އަދި އެމަރޖެންސީ ސަރވިސަސްގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނެއެވެ.

އައު ރަންވޭއާއި އެކު އެއަރޕޯޓްގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް އަންނާނެކަން އެމް.އޭ.ސީ.އެލުން ފާހަގަކުރެއެވެ. މީގެ ކުރިން ރަންވޭ ބޭނުންކުރެވޭނީ ގަޑިއަކު 8 ނުވަތަ 10 ފްލައިޓަށެވެ. ނަމަވެސް އައު ރަންވޭއާއެކު ގަޑިއަކު ރަންވޭ ބޭނުންކުރާ ފްލައިޓްގެ އަދަދު ވިއްސައްވުރެ އިތުރުވެގެންދާނެއެވެ. މަތިންދާބޯޓެއް ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓުން، 2 މިނެޓަށް ކުޑަވެގެންދާނެއެވެ. އަދި ދެ ފްލައިޓް ދޭތެރޭގެ ދުރުމިން 26 މޭލުން 10 މޭލަށް ކުޑަ ކުރެވޭނެ.

މީގެ އިތުރުން އައު މިރަންވޭ އަކީ ޒަމާނީ އިންސްޓްރުމަންޓް ލޭންޑިންގ ސިސްޓަމް ހަރުކޮށްފައިވާ ރަންވޭއެކެވެ. މީގެ ސަބަބުން މޫސުން ގޯސް ވަގުތުތަކުގައިވެސް ފްލައިޓް ލޭންޑްކުރުމަށް އެހީއަކަށް ވެގެންދާނެއެވެ.