ޚަބަރު

ތ. ވޭމަންޑޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި


ތ. ވޭމަންޑޫގައި ކުރިއަށްގެންދިޔަ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފިއެވެ.

އެމް.ޑަބްލިއު.އެސް.ސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 26 އިން 28 އަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރއިން ވިދާޅުވީ، ވޭމަންޑޫގައި ޤާއިމްކުރި ނަރުދަމާގެ ނިޒާމުގެ ދަށުން އެ ރަށުގެ 497 ގެއަކަށް މި ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ. މި މަސައްކަތުގެ ދަށުން ވޭމަންޑޫގައި 10.31 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމެއް ޤާއިމުކޮށް 3 ޕަމްޕް ސްޓޭޝަން ވަނީ ބަހައްޓާފައެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމަށްފަހު، ޚިދުމަތް ދޭން ފެނަކައާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ މަސައްކަތެވެ.

ނިމިދިޔަ ސަރުކާރުން ވޭމަންޑޫ ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކާއެވެ. މި މަސައްކަތް އޮތީ 149 މިލިއަން ރުފިޔާއަށް 18 މަސްދުވަހުގެ ތެރޭހައި މަސައްކަތް ނިންމުމަށް ޙަވާލުކޮށްފައެވެ. އެހެންނަމަވެސް އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި އެކުންފުނިން މިމަސައްކަތް ނިންމާފައެއްނުވެއެވެ.

މިކަމުގެ ސަބަބުން މި ސަރުކާރުންވަނީ 2020 ވަނަ އަހަރުގެ ތެރޭގައި އެއްބަސްވުން ބާޠިލްކޮށްފައެވެ. އަދި އެއަހަރުގެ އޮކްޓޯބަރު މަހު މި މަޝްރޫގެ ދަށުން ނުނިމިހުރި މަސައްކަތް ނިންމުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސުންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ އެމް.ޑަބްލިއު.އެސް.ސީއާ ޙަވާލުކޮށްފައެވެ.