"ނެކްޓަން މޯލްޑިވްސް މިޝަން" އިން މިހާރު ކުރިއަށްގެންދާ ދިރާސާގެ ތެރެއިން ކަނޑުގެ 250 އަދި 270 މީޓަރު އަޑިން ސާމްޕަލްތަކެއް ނަގަން އިއްޔެ ކުރި ދަތުރުގައި ރާއްޖޭގެ މިނިސްޓަރ އޮފް އެނަވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވީ "ނެކްޓަން" އިން ދެއްވި ދަޢުވަތަކަށެވެ.
އެކަމަނާ ކަނޑު އަޑިއަށް ކުރެއްވި މި ދަތުރުވެގެން ދިޔައީ ބޮޑު ހައިރާންކަމެއް ގެންނުވި ދަތުރަކަށެވެ. ކަނޑު އަޑީގެ ރީތި ހިތްގައިމު މަންޒަރާއި ދިރުންތައް ކައިރިން ބަލާލާ، ފެނިގެންދިޔައީ އަޖައިބުކުރުވަނިވި މަންޒަރުތަކެވެ.
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ކ. ތުމްބަފުށީގެ ބޭރުން ކަނޑުއަޑިއަށް، އޮމެގާ ސީމާސްޓާ 2 ސަބްމާސިބަލްގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ކުރެއްވި ދަތުރުގައި 200 މީޓަރު ފުނަށް ދެވެންދެން ހުރީ އުޅަނދުގެ އެއްވެސް ބޮތްކެއް ނުދިއްލައެވެ.
އެ އުޅަނދުގެ ބޮކިތައް ދިއްލާލީ 270 މީޓަރު ފުނަށް ދިޔަ ފަހުންނެވެ. އެ އަލިކަމާއެކު ފެނިވަޑައިގަތް މަންޒަރުން މިނިސްޓަރ ޝައުނާއަށް ލިބިވަޑައިގަތީ ބޮޑު ހައިރާންކަމެކެވެ.
ދަތުރުފެށި ފަހުން ބައިގަޑިއިރެއްހާ ފަހުން ފެނުނު މަންޒަރު ސިފަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ، އާންމުކޮށް ރާއްޖޭގެ ފަރުތަކަށް ޑައިވްއަކަށް ދާއިރު ފެންނަ މާހައުލާ މުޅިން ތަފާތު މާހައުލެއް ފެނުނުކަމަށެވެ. ކަނޑު އަޑިން ފެނުނު ކުދިކުދި ވަޅުގަނޑު ކަހަލަ ގޮތަކަށް ޖެހިފައި ހުރި ތަންތަނެވެ. ފުރަތަމަ ބަލާލިރު އެތަނުގައި އެއްވެސް ކަހަލަ ދިރުމެއްނެތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެތަނަށް އަލިއަޅުވާލީމާ ދިރުންތައް ފެންނަކަމަށެވެ.
މިގޮތުން ރޮކީ ސްޓްރަކްޗާއެއްގެ މައްޗަށް ސެޑިމެންޓް އެޅިފައި ހުންނަ ކަހަލަ ގޮތަކަށް މަންޒަރުތައް ފެންނަކަށް މިނިސްޓަރ ސިފަކުރެއްވިއެވެ.
މިނިސްޓަރ ކުރެއްވި ޑައިވްގައި ދާން ނިންމި އެންމެ ފުނަށް ދިއުމަށް ފަހު މައްޗަށް ޖެހިލައި 120 މީޓަރަށް ދިއުމުން ފެނުނީ ކުރިއާ ތަފާތު މާހައުލެކެވެ.
އެ މަންޒަރުތައް މިނިސްޓަރ ޝައުނާ ސިފަކުރެއްވީ ތެދަށް ރާނާފައި އޮންނަ ބޮޑު ފާރެއްގެ ގޮތަށެވެ. އެތަނުގައި އެކި ވައްތަރުގެ މުރަކަތަށް ހެދިފައި އޮތެވެ. އެކި ބާވަތުގެ މަސްތައް ވެސް އެތަނުގައި އުޅޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އެ ހިސާބުން ތަންކޮޅެއް ކުލަތަކާ އެއްޗެހި ފެންނަން ފެށި. ރަތް ކުލަ އާއި ހީވަނީ ސްޕޮންޖު ނުވަތަ އަލްގީ ކަހަލަ އެއްޗެއްހެން. އެތަނުން ފެނުނު ސޮފްޓް ކޮރަލްސްއާ އެއްޗެހި ވެސް ތަންކޮޅެއް ގިނައިން. އަދި ތަންކޮޅެއް އަޑިން ފެނުނު ވަރަށް ބޮޑު ރޮކީ ސްޓްރަކްޗާސް ނުވަތަ ވަރަށް ބޮޑެތި ގާތަކެއް ވެސް. އެެއީ އާންމުކޮށް ރާއްޖޭގެ ތިލަ ހިސާބުން މި ފެންނަ ގާތަކާ ވަރަށް ތަފާތު ގޮތަކަށް ހުންނަ ގާތަކެއް" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
Thank you @nektonmission for inviting me to join on one of you research expeditions today in Malé atoll. It was really out of this world to dive 250 m to explore our deep ocean. The dramatic and spectacular systems upon which our islands are formed is a site to behold. pic.twitter.com/SgsFlWxtTV
— Shauna Aminath ?❓ (@anuahsa) October 2, 2022
ނެކްޓަން މިޝަންގެ ބައެއް ދިރާސާވެރިންނާ ހަވާލާދެއްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ، އެއީ ރާއްޖޭގެ ކުރީގެ އެއްގަމުގެ ސަރަހައްދަށް ވުން އެކަށީގެންވާ ކަމަށެވެ. މި ދިރާސާގައި އެ މައުލޫމާތު ޔަގީންކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ ރާއްޖެ އަކީ ފަރުބަދަތަކެއްގެ ގޮވައިގެން އޭގެ މަތީގައި އުފެދިފައި އޮތް ކުދިކުދި ރަށްތަކެއްކަން. އެކަމަކު ދުވަހަކު ވެސް ހިތަކަށް ނާރާ މިއީ ކަމެއް އަޅުގަނޑުމެންގެ ރަށްތަކުގެ ތިރީގައި އޮތް މާހައުލު އޮންނަ ގޮތަކީ" މިނިސްޓަރު ޝައުނާ ފާހަގަކުރެއްވިއެވެ.
ކަނޑު އަޑީގެ އެ އަޖައިބުކުރުވަނިވި އެ މަންޒަރަށްފަހު އެކަމަނާއަށް ދެން ފެނިވަޑައިގެންނެވީ ހިތާމަވެރި މަންޒަރެކެވެ. ކަނޑުއަޑިން ކުނިބުނީގެ މަންޒަރެވެ. 250 މީޓަރު އަޑިން ނަންގަވާފައިވާ ފޮޓޯއެއްގައި ފެންނަނީ ވަޅުޖެހިފައި އޮތް ނެސްލޭ ކޮފީ ދަޅެކެވެ.
މިފަދަ ތަކެއްޗަކީ ކަނޑުގެ ދިރުންތަކަށާއި ފަރުތަކަށް ނުރައްކާތެރި އެއްޗެހިކަން ފާހަގަކުރައްވާ މިނިސްޓަރ ޝައުނާ ވަނީ ކަނޑުގެ 120 މީޓަރު އަޑިން ގޯންޏެއްގެ ކުޑަކުޑަ ތަންކޮޅެއްގެ އިތުރުން ޕްލާސްޓިކްގެ ބާވަތްތައް ފެނިފައިވާކަންވެސް ފާހަގަކުރައްވާފައެވެ. ކަނޑުއަޑިން ފެނުނު އެ ކުނިބުނީގެ ސަބަބުން ހަނދާން އާކޮށްދިނީ އޯޝަން ޕޮލިއުޝަންގެ ސަބަބުން ކަނޑުގެ ދިރުންތައް ހަލާކުވެގެންދާ ދިއުންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އަންނަ ހުކުރު ދުވަހު ކަނޑުތަކުގެ ދިރާސާގެ އަމަލީ މަސައްކަތް ނިމުނަސް، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ވެސް، މި ހޯދުނު މައުލޫމާތުތަކާއި އެއްކުރެވުނު ސާމްޕަލްތައް ތަހުލީލުކުރުން ކުރިއަށް ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
At this depth also saw one empty can of Nescafé. Reminding us how ocean pollution is destroying our marine environment. pic.twitter.com/NhtRLf3K06
— Shauna Aminath ?❓ (@anuahsa) October 2, 2022
އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑާގުޅޭ ގޮތުން މީގެ ކުރިން އެނގިފައި ނުވާ ވަރަށް ގިނަ މައުލޫމާތުތައް މި ދިރާސާގެ އަލީގައި އެނގިގެންދާނެއެވެ. މިގޮތުން ނެކްޓަން ޓީމާ ހަވާލާދީ މިނިސްޓަރ ވިދާޅުވީ އެޓްލާންޓިކް ކަނޑުން ފެންނަ ބައެއް ދިރުންތައް، ރާއްޖޭގެ ކަނޑުން ވެސް ހޯދިފައިވާކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ޓޫރިޒަމަށް އެންމެ މުހިންމީ ކަނޑުގެ ވަސީލަތްތައްކަމަށް ވާތީ، މި ކަނޑުގެ މާހައުލު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ޝައުނާވެސް ޤަބޫލުފުޅު ކުރައްވައެވެ.
މި ދިރާސާ އަކީ އެ މަސައްކަތުގައި، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް އެޅޭ ވަރަށް ބޮޑު އަދި މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރ ޝައުނާ ދެކެވަޑައިގަންނަވެއެވެ.
މޫސުމީ ބަދަލުތަކާއި ރާއްޖޭގެ ސަތަޙާއިގެ ގޮތުން ބޮޑުކަނޑުގެ ސަރަޙައްދާއި ސީދާގޮތުން ގުޅުން އޮތްނަމަވެސް ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން މާބޮޑެތި ދިރާސާތަކެއް މީގެކުރިން ކުރެވިފައެއް ނުވެއެވެ.
ޢާއްމުގޮތެއްގައި ހެދިފައިވަނީ ފަރުތަކާއި 50 މީޓަރަށްވުރެ މަތީގައި އުޅޭ ބައެއް ބާވަތްތަކުގެ ކަނޑުގެ ދިރުންތަކާއިގުޅޭ ދިރާސާތަކެވެ. އެހެންނަމަވެސް ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީޚު ބަދަލުކޮށްލާ ފަދަ ދިރާސާއެއް ކަނޑު އަޑީގެ 1000 މީޓަރު އަޑިއަށް ގޮސްގެން ކުރަން މިހާރު މިވަނީ ފަށާފައެވެ.
މިގޮތުން ކަނޑުގެ މުހިއްމު ކަންތައްތައް ހޯދުމަށް ހަމަޖެހިފައިވާއިރު ނެކްޓަން މިޝަނުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ 34 ފަރުބަދައެއްގެ މަޢުލޫމާތު އެއްކުރުމަށް ނިންމާފައެވެ. މި ދިރާސާގައި ޓެކްނޮލޮޖީގެ އެންމެފަހުގެ ވަޞީލަތްތައް ބޭނުންކޮށްގެން ސައިންސްވެރިން އަންނަނީ މަޢުލޫމާތު އެއްކުރަމުންނެވެ.