ޚަބަރު

ހައުސިންގ މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދަން ޤަވާއިދުން ކުލި ދެއްކުން މުހިއްމު : އަސްލަމް


ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ފްލެޓްތަކަށް ޤަވާއިދުން ކުލި ދެއްކުން މުހިއްމުކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އެމް.އޭ.ސީ.އެލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކާއި، އެތަންތަން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

"އޭރޯ ރެޒިޑެންސް" ގެ ނަމުގައި އެމް.އޭ.ސީ.އެލުން ތަރައްޤީކުރި ފްލެޓްތައް ލިބުނު މުވައްޒަފުންނަށް ތަޅުދަނޑި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކުން ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ޤަވާއިދުން މަހުން މަހަށް ކުއްލި ދައްކަމުންނުދާތީ، އެކަމުގެ ކަންބޮޑުވުން މިނިސްޓަރ ފާޅުކުރެއްވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢުތަކަކީ ފައިސާ ދައްކައިގެން އެތަންތަން އަމިއްލަ ކުރުމުގެ ފުރުޞަތު ލިބޭ ސްކީމްތަކެއްކަމަށެވެ. އެހެންނަމަވެސް ފްލެޓް ލިބުނު ގިނަ ބަޔަކު އެތަންތަނަށް ޤަވާއިދުން ފައިސާ ނުދައްކާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ދެމެހެއްޓެނިވިގޮތެއްގައި ހިންގުމަށް މަހުން މަހަށް ކުލި ދެއްކުން މުހިއްމުކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"ހިތާމައާއެކު ދަންނަވަންޖެހެނީ މަހުން މަހަށް ދައްކަންޖެހޭ ލާރި 31 ޕަސެންޓާއި 41 ޕަސެންޓާ ދެމެދުގެ މީހުން ހަމައަށް ޤަވާއިދުން ދައްކަމުން ނުދެއޭ. ސަސްޓެއިނަބަލްކޮށް މިކަން ކުރާކަމަށްވަންޏާ މަހުން މަހަށް ދައްކަންޖެހޭ ލާރި ޤަވާއިދުން ޖެހޭނެ ދައްކަން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، މީގެ 30 އަކަށް އަހަރު ކުރިއަށްޖެހިލާއިރު ސަރުކާރުން އަޅާފައިވަނީ ނިސްބަތުން މަދު ފްލެޓްތަކެއްކަމުން، 40 އިންސައްތަ މީހުން ޤަވާއިދުން ފައިސާ ނުދެއްކިނަމަވެސް ސަރުކާރަށް ކެތްކުރެވޭކަމަށެވެ. އެހެންނަމަވެސް މިހާރު ހާހުން ފްލެޓްތައް އަޅާއިރު، 40 އިންސައްތަ މީހުން ޤަވާއިދުން ކުލި ނުދައްކާނަމަ، މިއީ ދެކޮޅުޖެއްސޭނެކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.