ޚަބަރު

އެމްއޭސީއެލްގެ "އޭރޯ ރެޒިޑެންސް"އިން ފްލެޓް ލިބުނު މުވައްޒަފުންނަށް ތަޅުދަނޑި ޙަވާލުކޮށްފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ "އޭރޯ ރެޒިޑެންސް"އިން ފްލެޓް ލިބުނު މުވައްޒަފުންނަށް ތަޅުދަނޑި ޙަވާލުކޮށްފިއެވެ.

"އޭރޯ ރެޒިޑެންސް"އިން ފްލެޓް ލިބުނު އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް ތަޅުދަނޑި ޙަވާލުކުރުމަށް މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ފްލެޓް ލިބުނު ފަރާތްތަކަށް ރަމްޒީގޮތުން ތަޅުދަނޑި ޙަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގެ މައި އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓު ހިންގާ އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ މަޙުޖޫބު ޝުޖާޢު ވިދާޅުވީ، އެމް.އޭ.ސީ.އެލްއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ އެއް ކުންފުނިކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އެންމެހާ ކަންކަން މެނޭޖްކުރަމުންދަނީ އެކުންފުނީގެ މުވައްޒަފުންގެ ހީވާގި މަސައްކަތުންކަމަށް އޭނާ ވިދާޅުވިއެވެ.

މަޙުޖޫބު ވިދާޅުވީ، އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަކީ ކުންފުނީގެ މަސައްކަތްތަކުގެ އިތުރަށް ޤައުމީ އެކިއެކި ކަންކަމާއި، ކާރިސާގެ ވަގުތުތަކުގައިވެސް ނަމޫނާދައްކާ ބައެއްކަމަށެވެ. ވަކިން ޚާއްސަކޮށް އަލިފާނުގެ ކާރިސާތަކުގައި އެމްއެންޑީއެފްއާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، ޚިދުމަތުގެ އަގު ވަޒަންކުރުމުގެގޮތުން ތަފާތު އިނާޔަތްތައް ފޯރުކޮށްދޭންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް މަޙުޖޫބު ވިދާޅުވިއެވެ. އަދި "އޭރޯ ރެޒިޑެންސް"ގެ މަސައްކަތް އެކުންފުނިން ފެށީވެސް އެ ވިސްނުމުގައިކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުންފުންޏެއްގެ ގޮތުގައި ވިސްނައިފިނަމަ، އަޅުގަނޑުމެން އެބަ ޖެހޭ ކުންފުނީގެ މުވައްޒަފުންނަށް އެކި ކަހަލަ އިނާޔަތްތައް ފޯރުކޮށްދޭން. މިގޮތުން މީގެ ދެތިން ހަތަރު އަހަރު ކުރިން ސަރުކާރާއެކު ކުރި މަސައްކަތުން ނިންމި ކަމެއް މިއީ ފްލެޓްތައް އެޅުން" މަޙުޖޫބު ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "އޭރޯ ރެޒިޑެންސް" ތަރައްޤީކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީއާއި ޙަވާލުކޮށްގެންނެވެ. 14 ބުރީގެ 2 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ މިތަނުގައި ޖުމްލަ 384 އެޕާޓްމަންޓް ހިމެނެއެވެ. މީގެތެރޭގައި 2 ކޮޓަރީގެ 240 އެޕާޓްމަންޓާއި، 1 ކޮޓަރީގެ 144 އެޕާޓްމަންޓް ހިމެނެއެވެ.