ޚަބަރު

އާރުޓީއެލް ފެރީގެ ސަބަބުން ޞިއްޙީ ޚިދުމަތް ހޯދަން ފަސޭހަވެގެން ހިނގައްޖެ: ހެލްތު މިނިސްޓަރ


ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ޤަވާޢިދުން، ޞިއްޙީ ޚިދުމަތް ހޯދުމަށް ފަސޭހަވެ، ރައްޔިތުން ޞިއްޙަތާމެދު ފަރުވާތެރިވެ ދުޅަހެޔޮ ބަޔަކަށް ވެގެން ދިއުންކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ބ.އަތޮޅު ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޤާއިމް ކުރި އަވަސް ފަރުވާދޭ ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ރައްޔިތުންނަށް ލިބެންޖެހޭ އެންމެ މުހިންމު އެއް ޚިދުމަތަކީ ސިއްޙީ ޚިދުމަތެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި މިޚިދުމަތް ރަނގަޅު ފެންވަރަށް ނުދެވުމުގެ ސަބަބުން އަމިއްލައަށް ދަތުރު އިންތިޒާމް ކޮށްގެން މިޚިދުމަތް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރަންޖެހެއެވެ. މިއީ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށްވާތީ ޚަރަދު ކުޑަކުރުމަށް ކޮންމެވެސް އެހެން ބަޔެއްގެ ދަތުރާ ގުޅުވާލައިގެން ދަތުރު ރާވަން މަޑުކުރަންޖެހުމުގެ ސަބަބުން، އާއްމުކޮށް ހޯދަންޖެހޭ ފަރުވާ ނުހޯދި ލަސްވާފަަހަރުވެސް އާދެއެވެ.
އެހެންނަމަވެސް އާރްޓީއެލް ފެރީއާއެކު މިކަމަށް ރައްޔިތުން ކުރަން ޖެހުނު ޚަރަދު ބޮޑުތަނުން މިވަނީ ކުޑަވެފައެވެ.

ބ.އަތޮޅު ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޤާއިމް ކުރި އަވަސް ފަރުވާދޭ ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހއ،ހދ،ށ މި ތިން އަތޮޅުގައި ފަށާފައިވާ އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ކުރިއަށް އެނގި ތާވަލުކުރެވިގެން ދެވޭ އަގުހެޔޮ، އިތުބާރުހުރި، ހައި ސްޕީޑް ޕަބްލިކް ފެރީގެ ނިޒާމެއްއޮތުމުން، ޞިއްޙީ މަރުކަޒުތަކުންކުރާ އައުޓްރީޗް ދަތުރުތަކާ، ލެބޯޓަރީތަކަށް ސާމްޕަލްތައް ފޮނުވުމާ، އަދި އަތޮޅު ތެރޭގައި މެޑިކަލް ސަޕްލައިޒް އެއްރަށުން އަނެއް ރަށަށް ފޮނުވުމަށްވެސް ވަރަށްބޮޑަށް ފަސޭހަވެގެންގޮސްފައިވާކަމަށެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ އަސާސީ ޚިދުމަތްތައް، ތަފާތެއްނެތި އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދީ މާލެއަށް ބަރޯސާވުން ކުޑަކޮށް، ޚިދުމަތް ހޯދުމަށް ދަތުރުކުރެވޭނެ ޚަރަދުކުޑަ ފަސޭހަ އިންތިޒާމަކަށް ސަރުކާރުން އަބަދުވެސް ބަލާކަމަށެވެ.

"ޚިދުމަތްތައް ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ޤާއިމުކޮށް، މިސަރުކާރުން ފަށްޓަވާފައިވާ މަސައްކަތަކީ ޞިއްޙީ ދާއިރާއަށް އިންތިހާއަށް ބޭނުންތެރި ކަމެއް، ރަށު ފެންވަރުގައި ދެވޭ ހުރިހާ ޚިދުމަތެއް ވަނީ ލާމަރުކަޒުކޮށްފަ. އަދި ރައްޔިތުންނާ ގާތުން ޚިދުމަތްދެވޭނެ ގޮތަށް އިންތިޒާމު ކުރެވި ހެޔޮ ބަދަލުތަކެއް މިހާރުވަނީ، ހުރިހާ ދާއިރާއަކުންވެސް އައިސް މި ހެޔޮ ބަދަލުތައް އެންމެބޮޑަށް ފެނިގެންދާ އެއް ދާއިރާއަކީ، ޞިއްޙީ ދާއިރާ" ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އެހެނިހެން އިދާރާތަކުން ދެމުން ގެންދާ އަދި ކުރިއަށް ރާވާފައިވާ ޚިދުމަތްތަކާ ވަޞީލަތްތަކާ، އަމިއްލަ ވިޔަފާރިތަކާ އަމިއްލަ ފަރާތްތަކުން މިހާރު ދެމުންދާ ޚިދުމަތްތަކަށްވެސް ރިޢާޔަތްކުރުން މުހިއްމުކަމަށެވެ. އަދި ޚިދުމަތްތައް އެންމެންނަށް އެއްބަސްވެވޭ ޕްލޭނެއްގެ މައްޗަށް އިންތިޒާމް ކުރުމަކީ ޚިދުމަތްތައް އަވަސްވެ، ފަސޭހަވެ، އަގު ހެޔޮވެ އަދި ދެމެހެއްޓެނިވިގޮތެއްގައި ދިނުމަށް އޮތް އެންމެ ފަހި ވިސްނުން ކަމަށް މިސަރުކާރުން ދެކޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ސަރުކާރުގެ ވިސްނުމަކީ، ޞިއްޙީ ޚިދުމަތް ލިބުގަތުމާ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަށައިގެންވާ ކަންކަމަށް ވިސްނުމަށް ފަހު، ރާއްޖޭގެ އެކި ސަރަހައްދަށް ބަހާލާ "ކްލަސްޓަރ" ކޮށްގެން، އެ ވަޞީލަތްތައް ޤާއިމުކޮށް ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުން، މިއީ ދެމެހެއްޓިނިވި ގޮތެއްގައި މިފަދަ ޚިދުމަތްތައް ދެވޭނެ ހަމައެކަނި ގޮތް" ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ

ހއ، ހދ، ށ ގުޅުވާލުމަށް އާރް.ޓީ.އެލްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 12 ޖޫން ގައި ފެށި ދަތުރުތަކުން 15 ސެޕްޓެމްބަރގެ ނިޔަލަށް 56 ހާހަށް ވުރެ ގިނަ މީހުން ދަތުރު ކޮށްފައިވެއެވެ. އެންމެ ގިނައިން މީހުން ދަތުރުކުރަނީ ޞިއްޙީ ޚިދުމަތް ހޯދުމަށެވެ. މީގެ ސަބަބުން، ދުޅަހެޔޮ ޞިއްޙަތެއް ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ފަސޭހަ ކަމާއެކު ރައްޔިތުންނަށް ޙާޞިލް ކުރެވޭނެ މަގު ފަހިވެފައިވާ ކަމަށް މިފެރީތަކުގެ ޚިދުމަތް ހޯދާ މި ތިން އަތޮޅުގެ ރައްޔިތުން ޤަބޫލު ކުރެއެވެ.