ޖިއޮގްރަފިކް ތަންތަނަށް ނަންކިޔުމުގެ އުޞޫލެއް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އެކުލަވާލައިފިއެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ވަނީ ރާއްޖޭގެ ރަށްތަކާއި، ފަޅުތަކާއި، ފަރުތަކާއި، ހާހަލާއި، އިދާރީ ދާއިރާތަކާއި، އަދި މިނޫންވެސް އެހެނިހެން ޖިއޮގްރަފިކް ތަންތަނުގެ ތެރެއިން ނަމެއް ކަނޑައަޅާފައިނުވާ ތަންތަނަށް ނަމެއް ދިނުމާއި، އެފަދަ ތަނަކަށް ދީފައިވާ ނަމެއް އިސްލާހުކުރަން ޖެހިއްޖެ ހާލަތެއްގައި އިސްލާޙުކުރުމުގެ ގޮތުން "ޖިއޮގްރަފިކް ނަންތަކާއިބެހޭ ކޮމިޓީ" އެކުލަވާލާފައެވެ.
މި ކޮމިޓީ އެކުލަވާލާފައިވަނީ ދައުލަތުގެ 9 އިދާރާއެއްގެ މައްޗަށެވެ.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
- މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
- ދިވެހި ބަހުގެ އެކަޑަމީ
- މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
- މިނިސްޓްރީ އޮފް ޓޫރިޒަމް
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ
- މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ޖިއޮގްރަފިކް ނަންތަކާއިބެހޭ ކޮމިޓީއިން ޖިއޮގްރަފިކް ނަންތައް ކިޔުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ނަން ދިނުމުގައި ދިވެހިބަހުން ކިޔާ ނަމެއްކަމުގައިވުމާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ސާދާ، ކިޔަން ރީތި ފަސޭހަ ނަމަކަށްވުން ހިމެނެއެވެ.
ކުރިން އެހެން ޖިއޮގްރަފިކް ތަނަކަށް ކިޔައިފައިވާ ނަމަކަށް ނުވުމާއި، ރަށް ނުވަތަ އެރަށެއް އޮތް ސަރަޙައްދުގައި ފެންނަން ހުރި ކަންތައްތަކަށް މިސާލަކަށް ޖިއޮގްރަފީ، ޖިއޮލޮޖީ، ދިރޭތަކެތި، ތާރީޚަށް ރިއާޔަތްކޮށް ނަމެއްދިނުންވެސް މި އުޞޫލުގައި ހިމެނެއެވެ.
- ރަށުގެ ކުޑަ ބޮޑުމިން / މިސާލު: ދިގުރަށް، ކުޑަރަށް، ގަން، ދިއްފުށި، ދޫނިދޫ
- ރަށް އުފެދުމުގައި ހުރި ސިފަތައް / މިސާލު: އުސްފުށި، ބާރަށް
- ރަށް އޮތްތަން (ސަރަޙައްދު ނުވަތަ ހިސާބުގަނޑު)
- ރަށުގެ ޤުދުރަތީ އުމުރު
- ރަށުގެ ޚާއްސިއްޔަތު (ރަށުގައި ނުވަތަ ވަށައިގެންވާ ވަސީލަތްތަކާއި، ދިރުންތައް ނުވަތަ ޖިއޮލޮޖިކަލް ފީޗަރސް)
- ރަށް ނުވަތަ ސަރަޙައްދުގެ ތާރީޚަށް ރިއާޔަތްކޮށް
މި އުޞޫލުގައިވާގޮތުން ތިންވަނަ ފަރާތަކުން ޖިއޮގްރަފިކް ތަނަކަށް ނަންކިޔުމަށް ހުށަހަޅާނަމަ، ހުށަހަޅާ ނަންތަކާއި، އެނަމެއް ހުށަހަޅާ ސަބަބުތައް އުސޫލާއި އެއްގޮތަށް ބަޔާންކުރަންވާނެއެވެ. ސަރުކާރުގެ އިދާރާއެއް ފިޔަވާ ތިންވަނަ ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ އެފަރާތަކުން ފަޅެއްގައި ހިއްކާފައިވާ ރަށެއްކަމުގައިވާނަމައެވެ.
އެރަށަކީ ނުވަތަ އެރަށް ހިމެނޭ ފަޅަކީ އެފަރާތައް ސަރުކާރުގެ ވުޒާރާއަކުން ކުއްޔަށް ދޫކޮށްފައިވާ ތަނަކަށް/ފަޅަކަށް ވާންވާނެއެވެ. ރަށަކަށް ކިޔާނަމެއް ބަދަލުކުރަން ތިންވަނަ ފަރާތަކަށް ހުށަހެޅޭނީ އެފަރާތަކަށް ކުއްޔަށް ދީފައިވާ ރަށަކަށް ވާނަމައެވެ. އަދި މިގޮތަށް ހުށަހަޅަންވާނީ، އެފަރާތާއި ރަށް ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާ މެދުވެރިކޮށްކަމަށްވެސް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އެކުލަވާލި އުޞޫލުގައި ބުނެފައިވެއެވެ.