ޚަބަރު

ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ހެޔޮ އަސަރު ޞިއްޙީ ދާއިރާއިން ދަނީ ފެންނަމުން : މިނިސްޓަރ ސަމީރު


ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނެވި ބަދަލުތަކުގެ ހެޔޮ އަސަރު ޞިއްޙީ ދާއިރާއިން ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަމީރު ވަނީ ޞިއްޙީ ދާއިރާ މިއަދު މިސްރާބު ޖަހަމުންދަނީ އިންޤިލާބީ ބަދަލަކާ ދިމާލައްކަން ފާހަގަކުރައްވާފައެވެ.

ޞިއްޙީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވީ، ޞިއްޙީ ޚިދުމަތްތަކަށް ރައްޔިތުން އަތުން ބޮޑު ހޭދައެއްކޮށްގެން ކޮންމެ ފަހަރަކު މާލެ އަންނަންޖެހޭ ޖެހުން، އަދި މާލެއަށް ބަރޯސާވަންޖެހޭ ޖެހުން މިއަދު މާޒީވެފައިވާކަމަށެވެ. މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތަކީ ލާމަރުކަޒީ ނިޒާމުން ރައްޔިތުން ބާރުވެރިކުރުވުންކަން ފާހަގަކުރައްވާ މިނިސްޓަރ ސަމީރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނެވި ބަދަލުތަކުގެ ހެޔޮ އަސަރު ޞިއްޙީ ދާއިރާއިންވެސް މިއަދު ފެންނަމުންދާކަމަށެވެ.

މިނިސްޓަރ ސަމީރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތުން، އެތަންތަނުން ވަޒީފާގެ އެތައް ފުރުޞަތުތަކެއް އުފެދެމުންދާކަމަށެވެ. އެގޮތުން މިހާރުވެސް މި ދާއިރާއިން 100 އަށްވުރެ ގިނަ ވަޒީފާތަކަށް ރ. އަތޮޅުން އެކަނިވެސް އިޢުލާންކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އާރް.ޓީ.އެލް ފެރީ ނިޒާމާއެކު ޞިއްޙީ ބޭނުމަށް ކުރަންޖެހޭ ދަތުރުތައް ފަސޭހަވެފައިވާކަމަށްވެސް މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

"ގިނަ ރަށްރަށުން ލިބެންހުރި ޚިދުމަތްތައް އިތުރުކުރުމާއި، ޚިދުމަތްތަކަށް މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެހެން ރަށްރަށަށް މީހުންނަށް ދާންޖެހޭ ޖެހުންތައް ވީހާވެސް މަދުކުރުމާއި، އަދި ޓެސްޓު ހަދަންޖެހޭ ޙާލަތުގައި އަމިއްލަ ރަށުން ހެދެން ނުހުންނަށް ޓެސްޓެއްކަމަށްވަންޏާމުން މިހާރުވެސް އާރްޓީއެލް ބޭނުންކޮށްގެން އެ ޓެސްޓުތައް އެންމެ ކައިރީ ހުންނަ ހޮސްޕިޓަލަކުން ހަދައިގެން އެމީހާއަށް އެ މަޢުލޫމާތުތައް ލިބޭނެގޮތްތަކެއް ރާވަމުން އެބަގެންދަވާ" މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ސަމީރު ވިދާޅުވީ، ޞިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ އިތުރުން، މަޑުޖެހިފައިވާ ޕަބްލިކް ހެލްތުގެ ދާއިރާއަށް ދިރުން ގެނައުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ޞިއްޙީ ދާއިރާގެ ކަންކަން ރައީސް އޮފީހުގެ ޕޮލިސީ އޮފީހުންވެސް ވަރަށް ގާތުން ބައްލަވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ދާއިރާއިން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޓެލެމެޑިސިންގގެ ދާއިރާ އިތުރަށް ކުރިއަރުވާ ފުޅާކުރުމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމެއްކަމަށް މިނިސްޓަރ ސަމީރު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގައި ކުރިއެރުވޭނެ ދާއިރާއެއްކަން ކޯވިޑްގެ ތެރެއިންވެސް ވަރަށް ބޮޑަށް ދަސްވެގެންދިޔަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޓެލެމެޑިސިނާއެކު އަގުބޮޑުކޮށް ދަތުރެއްކޮށްފައި ދާއްކަށް ނުޖެހޭ އޭރުން. މިކަންކަން ހާޞިލުވެ ކަންކަން ވެގެންދިޔާމަ، މި ނިޒާމުގެ ތެރެއިން ވަރަށް ބޮޑަށް ކަންކަން ފަހިވެގެންދާނެ. އެއާއެކު ކުޑަ ރަށަކުން ޙާލަތު ނިޔާކުރާގޮތުން އެމީހަކު ނުޖެހޭނެ މައިގަނޑު ބޮޑެތި ޚިދުމަތްތައް ލިބޭ ރަށަކަށް ކުޑަކުޑަކަމެއްގައި ދާކަށެއް އިނގޭތޯ" މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް މި ސަރުކާރުން އެންމެ ބޮޑު ހޭދައެއްކުރާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް، ވަޞީލަތްތައް އިތުރުކުރުމަށް އެތައް މަޝްރޫޢެއް އެކި ސަރަޙައްދުތަކުގައި މިވަގުތުވެސް އަންނަނީ ހިންގަމުންނެވެ.