ޚަބަރު

އާރްޓީއެލް ފެރީ ޚިދުމަތައް އިތުބާރު ލިބިއްޖެ، މިއީ ބޭކާރު ޚަރަދެއްނޫން : މިނިސްޓަރ ސަމީރު


އެމް.ޓީ.ސީ.ސީ މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ މިއަދު ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. އާރް.ޓީ.އެލްގެ ޚިދުމަތަކީ ޒަމާނީ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ތަޢާރަފުކުރި ޚިދުމަތެކެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ، ޖަޒީރާ ރާއްޖޭގެ ރަށްތައް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް، ސަރުކާރުން މުޅިން އަލަށް ތަޢާރަފުކުރި ހައި ސްޕީޑް ފެރީ ނިޒާމެކެވެ. މި ނިޒާމުގައި ރާއްޖެ 6 ޒޯނަކަށް ބަހާލާފައިވެއެވެ. މީގެތެރެއިން ޒޯން 1ގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށް މި ނިޒާމުގެ ތެރެއިން ވަނީ ގުޅާލާފައެވެ. މީގެތެރޭގައި އަތޮޅުގެ ރަށްތަކާއި، އެއް އަތޮޅު އަނެއް އަތޮޅާ ދެމެދު ދަތުރުތައްވެސް ހިމެނެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވީ، ރައްޔިތުން އެންމެ ބޭނުންވާ އަސާސީ ކަންކަމަށް މި ސަރުކާރުން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާ އަހައްމިއްޔަތު އާރް.ޓީ.އެލް ފެރީ ނިޒާމުން އެކަނިވެސް ހާމަވާކަމަށެވެ. މި ޚިދުމަތާއެކު ޞިއްޙީ ބޭނުންތަކަށާއި، އެހެނިހެން ކަންކަމުގައި ބޮޑު އަގު ދީފައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަންޖެހޭ ޖެހުން ނިމުމަކަށް އައިސް، ރައްޔިތުން ރަށު ބަންދުން ވީއްލިފައިވާކަމަށް މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ސަމީރު ވިދާޅުވީ، އާރް.ޓީ.އެލްގެ ޚިދުމަތަކީ ދައުލަތުން ކުރާ ބޭކާރު ޚަރަދެއްގެގޮތުގައި ބަޔަކު ދައްކަން މަސައްކަތްކުރިނަމަވެސް، ރައްޔިތުން މިއަދު އެކަން ބަލައެއް ނުގަންނާނެކަމަށެވެ. އަދި މިއަދު މި ޚިދުމަތަކީ ރައްޔިތުން އެކަމަކާމެދު ޝުކުރުވެރިވާ، އަދި ރައްޔިތުންގެ ފުރިހަމަ އިތުބާރާ ޔަޤީންކަން ލިބިފައިވާ ޚިދުމަތެއްކަމަށެވެ.

އާރް.ޓީ.އެލްގެ ސަބަބުން އާއްމު ދަތުރުފަތުރުގެ ނިޒާމަށް ގެނުވި އިންޤިލާބީ ބަދަލު ހާމަކޮށްދެއްވުމަށް މިސާލެއްގެގޮތުގައި މިނިސްޓަރ ނެގެންވީ، ރާއްޖޭގެ އެންމެ އުތުރުން ހދ. އަތޮޅުގައި އެންމެ ވަކިން އޮންނަ އެއްރަށްކަމުގައިވާ މަކުނުދޫއެވެ.

"މަކުނޫދަކީ ހދ. އަތޮޅުގައި އެންމެ ދުރުގައި އޮތް އެއްރަށް. އާއްމުގޮތެއްގައި މަކުނުދޫން ދަތުރެއްކޮށް އުޅެނީވެސް 4000 ރުފިޔާއަށް، 8000 ރުފިޔާއަށް. އެއީވެސް އެ ލޯންޗަކަށް ބޭނުންވާ ޢަދަދަށް މީހުން ހަމަވެއްޖެއްޔާ. އެހެންވީމަ ބަލާ އެރަށުގެ ރައްޔިތުން ރަށު ބަންދުގައި ތިބޭނެ ޙާލަތު. މިއަދު އާރްޓީއެލްއާއެކު މަކުނުދޫއިން އެހެރަ ދަތުރުކުރަމުންދަނީ ކޮންމެ ދުވަހަކުވެސް. މަކުނުދޫގެ ކޮންމެވެސް ގެއެއްގެ ކޮންމެވެސް ބޭފުޅެއްގެ ނަން ބުނާކަމަށްވަންޏާ ބޭފުޅަކު 200 ރުފިޔާއަށް، އެއީ އެއްކޮޅު ދަތުރަށް 100، އެނބުރި އައުމަށް 100. 200 ރުފިޔާ 4000 ރުފިޔާގެ ބަދަލުގައި ޚަރަދުކޮށްގެން އެ ދަނީ" މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ސަމީރު ވިދާޅުވީ، އެމް.ޓީ.ސީ.ސީއިން އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ދެމުންދަނީ ހަމައެކަނި ނަމެއްގައި ޚިދުމަތެއް ފޯރުކޮށްދިނުމަށް ނޫންކަމަށެވެ. ޚިދުމަތުގެ ތެރެއިން ފަސިންޖަރުންނަށް ލިބެންޖެހޭ ޒަމާނީ ލުއިފަސޭތަކާ، އަޅާލުމާއި އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން މި ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

އާރްޓީއެލް ނިޒާމާއެކު ދަތުރުފަތުރަށް ކުރާ ހޭދަ އެތައް ގުނައަކުން ވަނީ ކުޑަވެފައެވެ. ބޭސްފަރުވާގެ ޚިދުމަތްތަކާއި، ވިޔަފާރީގެ ޚިދުމަތްތައް ފަސޭހަ ނިޒާމަކުން ވަނީ ގުޅާލެވިފައެވެ. އިތުރު ޒޯންތަކަށް ޚިދުމަތް ފެށުމަށް ބޭނުންވާ 65 ފެރީ ބަނުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.