ޚަބަރު

އޭދަފުށިން ގޯތި ދޫކުރުމުގެ ކަންކަން ކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް - ކޯޓުން


ބ.އޭދަފުށިން ގޯތި ދޫކުރުމުގެ ކަންކަން ކޮށްފައިވަނީ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 13ވަނަ މާއްދާއާ ޚިލާފަށްކަމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފިއެވެ.

އެކޯޓުން މިގޮތައް ނިންމީ ބ.އޭދަފުށިން ދިރިއުޅުމަށް ގޯތި ދޫކުރުމަށްޓަކައި ކޮށްފައިވާ އިއުލާންގައިވާ ގޮތުގެ މަތީން ހުށަހެޅި ފޯމެއްގައިވާ ކަންކަމަށް ޕޮއިންޓް ދިނުމުގައި ހައްގުވާ މިންވަރަށް ޕޮއިންޓް ދީފައިނުވާކަމަށް ތުހުމަތުކޮށް އުނިކޮށްފައިވާ ޕޮއިންޓް ހޯދުމަށް އަމިއްލަ ފަރާތަކުން އެކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އޭދަފުށިން ގޯއްޗަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ފޯމުތައް ވަޒަން ކުރުމުގައި އެކުލަވާލި ވިލަރެސް ކޮމެޓީން، ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 13ވަނަ މާއްދާއާ ޚިލާފަށް އަމަލުކޮށްފައިވާކަން ދަޢުވާލިބޭ ފަރާތުގެ ބަހުން ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި ފޯމުގައިވާ ބައިތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ ބައިން ޕޮއިންޓް ދީފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށްވާތީ ދައުވާ ލިބޭފަރާތުން ރަށުގައި ދިރިއުޅޭކަމުގެ ބައިން ޕޮއިންޓް ދިނުމަށް އަމަލުކޮށްފައިވާ އުސޫލަކީ ބާޠިލް އުސޫލެއްކަމަށް ކަނޑައަޅައި އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކޯޓުން މިއުސޫލު ބާޠިލު އުސޫލެއްކަމަށް ނިންމީ ވިލަރެސް ކުރާ ކޮމެޓީން އޭދަފުށީން ގޯތި ދޫކުރުމަށް ފާސްކޮށް އާންމުކޮށްފައި އޮތް އުސޫލަށް އިތުރުކުރިބައި އާންމުކޮށް އަންގާ އިއުލާންކޮށްފައި ނުވާކަމަށް ސާބިތުވާތީއެވެ. އަދި ރަށުން ބޭރުގައި ދިރިއުޅޭނަމަ ޕޮއިންޓް އުނިވާގޮތައް އޮތް އިސްލާހަކީ ބާޠިލް އިސްލާހެއްކަމަށް ކޯޓުން ކުރި ޙުކުމުގައި ވެއެވެ. އުސޫލެއް ނުވަތަ ޤަވާއިދަކަށް ބަދަލު ގެންނަނަނަމަ އެކަމެއް ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް ޝާއިއުކޮށް އާންމުނަށް ފެންނާނެހެން އިއުލާން ކުރަންޖެހެއެވެ.

އޭދަފުށީގެ އާންމު ރައްޔިތަކު ކޯޓަށް މިމައްސަލަ ހުށައެޅީ 2021ވަނަ އަހަރުގެ މާރިޗް މަހުގެ 30ވަނަ ދުވަހުއެވެ. މިމައްސަލަ މިގޮތައް ނިންމުމުން ކައުންސިލުން ކުރިއަށްދާނެ ވަކިގޮތެއް އެކައުންސިލުން އަދި ހާމަކޮށްފައެއްނުވެއެވެ.

ގޯތި ބޭނުންވާ އެތައް އާއިލާއެއް ދިރިއުޅޭ އޭދަފުށިން އެންމެ ފަހުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 1989ވަނަ އަހަރުއެވެ.