ޚަބަރު

ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ހުޅުވާލި މުއްދަތު އޮކްޓޯބަރު 15އަށް އިތުރުކޮށްފި


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ހުޅުވާލި މުއްދަތު އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

ކުރިން މި ފުރުޞަތު ހުޅުވާލާފައިވަނީ ޖޫންމަހުގެ 26 އިން ފެށިިގެން މިމަހުގެ 26 އަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވިދާޅުވީ، ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކުރީ، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް މިމަހުގެ 15 ވަނަ ދުވަހު ގެނައި އިސްލާޙާއި ގުޅިގެންކަމަށެވެ.

ބިންވެރިޔާ ސްކީމުގެ އުޞޫލު ބައްޓަންކޮށްފައިވާގޮތުން "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ މީހުންނެވެ. ނަމަވެސް މިނިސްޓްރީން ފަހުން ގެންނެވި އިސްލާޙުގައި މާލޭގެ ރައްޔިތެއްގެ ގޮތުގައި ބަލާ މިންގަނޑަށް ވަނީ ބަދަލުގެންނަވާފައެވެ. އެގޮތުން އެމީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއްކަމަށްވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅާފައިވާ ޤަވާއިދެއްގެ ސަބަބުން ނުވަތަ އުޞޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީވެފައި ވާނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައިކަމަށް ފަހުން ގެނެވުނު އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅާއެއްގޮތަށް މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވަނީ މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. "ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.

މި ދެ ސްކީމަށް 19400 އަށްވުރެ ގިނަ ފޯމު ގެދުވެރިން ޕޯޓަލް މެދުވެރިކޮށް މިހާތަނަށް ލިބިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.