ޚަބަރު

އެމްޓީސީސީގެ "ބޮޑު ޖައްރާފާ"ގެ ފުރަތަމަ މަސައްކަތް، ދާންދޫ ބިން ހިއްކުން


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫޢުތަކުގައި ބޭނުން ކުރުމަށް ގެނެސްފައިވާ “ބޮޑު ޖައްރާފާ” އިފްތިތާހްކޮށްފިއެވެ.

މި ޖައްރާފާއަކީ މިސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް ޖައްރާފާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މި ޖައްރާފާ އިފްތިތާހްކޮށްފައިވަނީ އެކަމަށްޓަކައި ގއ. ދާންދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ. ބޮޑު ޖައްރާފާ ބޭނުންކޮށްގެން އެންމެ ފުރަތަމަ ކުރިއަށްގެންދާ މަޝްރޫޢުއަކީ ގއ. ދާންދޫ ބިންހިއްކުމުގެ މަސައްކަތެވެ.

ކަނޑުގެ 18 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ "ބޮޑު ޖައްރާފާ" އަކީ އައިއެޗްސީ ބީވާގެ އެންމެ ފަހުގެ މޮޑެލްގެ ކަޓާ ޑްރެޖަރެކެވެ. "ޖައްރާފާ 4" އަކީވެސް މި މޮޑަލްގެ 12 މީޓަރުގެ އަޑިން ވެލިނެގުމުގެ ޤާބިލްކަން ލިބިފައިވާ ޑްރެޖަރތަކެވެ.

މަހާޖައްރާފާ އާއި ޚިލާފަށް ބޮޑު ޖައްރާފާއަކީ ފަޅުތެރެއިން ވެލިނަގައިގެން ބިންހިއްކުމާއި ބަނދަރުތައް ހެދުމަށްވެސް ބޭނުން ކުރެވޭނެ ޖައްރާފާއެކެވެ. އެމްޓީސީސިން ވިދާޅުވީ މިޖައްރާފާގެ ސަބަބުން ވެލި ނެގުންފަދަ މަސައްކަތްތަކަށް ކުރާ ޚަރަދުވެސް ކުޑަވެގެންދާނެކަމަށެވެ. އަދި މި ޖައްރާފާއާއެކު އެ ކުންފުނީގައި މިހާރު 5 ޖައްރާފާ އޮންނާނެއެވެ.

މިޖައްރާފާ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ބޮޑު ޖައްރާފާގެ އެހީގައި ދާންދޫ ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށް އަންނަމަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށެވެ. އަދި މި ޖައްރާފާއާއެކު އެކުންފުނިން ކުރިއަށްގެންދާ މަސައްކަތްތައް ނިންމުމަށް ފަސޭހަވެގެން ދާނެކަމަށެވެ.

ބޮޑު ޖައްރާފާ ބޭނުންކޮށްގެން ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭއިރު މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރު ކުރެވިގެންދާނެއެވެ. އަދި ދާންދޫއާއި އަލަށް ހިއްކާ ބިން ގުޅާލެވިގެންދާނީ ބްރިޖަކުންނެވެ. މުޅި މި މަޝްރޫޢު ނިމިގެންދާއިރު ރައްޔިތުން މޫދަ އެރި ހިތް އުފާކޮށްލާނެ އަތިރިމަތިތައްވެސް ލެވިގެންދާނެކަމަށް އެމްޓީ.ސީ.ސީން ވިދާޅުވެއެވެ.

ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 25 ހެކްޓަރު ހިއްކާނެއެވެ. އަދި އެސަރަޙައްދު ޙިމާޔަތްކުރުމަށް 1238 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި 240 މީޓަރުގެ ހުރަސްތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ

އެމްޓީސީސީން މަދު އާލާތްތަކަކާއެކު ފަޅު ފުން ކުރުމުގެ މަސައްކަތް ފެށީ 1995 ވަނަ އަހަރުގައެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ފަޅު ފުން ކުރުމާއި ބިން ހިއްކުމަށް ޚާއްސަކޮށްގެން "ކަޓަރ ސެކްޝަން" 2 ޑްރެޖަރ އޮޕަރޭޝަނަށް ގެނެސް ބިންހިއްކުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވިއެވެ. އަދި މަސައްކަތުގެ ސްޕީޑް އަވަސްކުރުމުގެ ގޮތުން 3700 ކިއުބިކް މީޓަރުގެ މަހާ ޖައްރާފާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ޑްރެޖިން ފްލީޓް ޤާއިމްކުރިއެވެ.

މިއާއެކު އެ ކުންފުނިން ވަނީ ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. މިގޮތުން މި 4 އހަރުގެ ތެރޭގައި 300އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.