ޚަބަރު

ރަށްތަކަށް ފޮނުވާ ކުނި ކުދި ކުރާނެ އާލާތްތައް ހޯދަން ފަށައިފި


ކޮންމެ ރަށެއްގައި އުފެދޭ ކުނި ކުދި ކުރުމަށް އެކަން ކުރާނެ އާލާތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ޒޯން 4 އަދި 5 ރަށްތަކަށް ބޭނުންވާ ޢާލާތްތައް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ކޮންމެ ރަށެއްގައި އުފެދޭ ކުނި ކުދި ކުރުމަށް އެކަން ކުރާނެ އާލާތްތައް ފޯރުކޮށްދިނުމަށް ނިންމާފައިވާކަން މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް އައިމިނަތު ޝައުނާ ވިދާޅުވެފައިވަނީ މިދިޔަ މެއި މަހު ބޭއްވި ވިއަވަތި ކޮންފަރެންސްގެ ތެރެއިންނެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ވަނީ ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.ސީ.ޕީ) ދަށުން ޒޯން 4 އަދި 5 ގެ ކަނޑައެޅިފައިވާ ރަށްތަކުގައި ވޭސްޓް މެނޭޖްކުރުމަށް ބޭނުންވާ އިކްއިޕްމެންޓް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ.

މި މަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސްގެ ދަށުންނެވެ. މިގޮތުން މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 2500 ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ.

ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ކުރާ މަސައްކަތުގައި މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގައި އުފެދޭ ކުނި ގެންދިޔުމުގައި ދިމާވާ މައްސަލަތަކެވެ. އެހެންކަމުން ސަރުކާރުން މިހާރު އަލަށް އަޅާ ސެންޓަރުތައް ހުންނާނީ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި ގެންގޮސް، ވަކިކޮށް ރައްކާކުރެވޭނެ ގޮތްތަށެވެ. އަދި ކޮންމެ ރަށަކަށްވެސް ކޮމްޕެކްޓް ބޭލަރއަކާއި، ބިއްލޫރި ކުދި ކުރާނެ މެޝިނަކައި ލަކުޑިފަދަ ތަކެތި ކުދި ކުރާނެ މެޝިނެއް ފޯރުކޮށްދޭނެކަމަށް މިނިސްޓަރ ޝައުނާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް ކޮންމެ ރަށަކަށްވެސް ކުނި އުފުލުމަށްޓަކައި ވެހިކަލްއއެއް ފޯރުކޮށްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކި ޒޯންތަކަށް ބަހާލައިގެން ކުނި ނައްތާލުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވައިރު ނ، ރ، ބ، ޅ އަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި ގެންދާނީ ރ. ވަންދޫގައި ޤާއިމްކޮށްފައިވާ ރީޖަނަލް ވޭސްޓް ފެސިލިޓީއަށެވެ. ހއ، ހދ، ށ އަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި ޓްރާންސްފަރ ކުރާނީ ހދ. ކުނބުރުދޫއަށެވެ. އަދި ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ ގެ ހުރިހާ ރަށްތަކުން އުފެދޭ ކުނި ގެންދާނ ތިލަފުއްޓަށެވެ. މީގެ އިތުރަށް ގއ، ގދ، ފުވައްމުލަށް އައްޑޫ ސިޓީގެ ކުނި ގެންދާނީ އައްޑޫގައި ޤައިމްކުރާ ރިޖަނަލް ވޭސްޓް ފެސިލިޓީއަށެވެ.

ރާއްޖޭގައި ހުރިހާ ރަށެއްގައި އެންމެ ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރެވޭ ނިޒާމެއް އަދި ޤާއިމްވެފައެއް ނުވެއެވެ. އަދި ކުނި އެޅުމަށް ވަކި ޚާއްޞަ ސަރަަހައްދެއްވެސް ބައެއް ރަށްރަށުގައި ކަނޑައަޅާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ގިނަ ރަށްތަކަށް ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި އެއް އަހަރު ދުވަހުގެ ތެރޭގައި ކުނި މެނޭޖުކުރާނެ ސަރަހައްދެއް ކަނޑައަޅުން ލާޒިމުކުރާގޮތަށް ކުނި މެނޭޖުކުރުމުގެ ބިލުގައި މިހާރު ވަނީ ހިމަނާފައެވެ. މީގެއިތުރުންވެސް މި ބިލުގައި ކުނި މަދުކުރުމަށް އެކުލަވަލާ ސިޔާސަތުތަކާއި ކުނި މެނޭޖުކުރުމަށް ޤައުމީ ޕްލޭން އެކުލަވާލުމާއި ގުޅޭ ސިޔާސަތުތަކާއި، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތުތަކާއި، ކުނީގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުކުޑަކުރާނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި ކުންޏާއިބެހޭ މައުލޫމާތު އެއްކޮށް، ރެކޯޑް ބަލަހައްޓާއި އޮޑިޓްކުރެވޭނެ އިންތިޒާމް ކަނޑައެޅުމާއި، މި ޤާނޫނާ ޚިލާފުވެއްޖެނަމަ ދޭނެ އަދުބުތައްވެސް ވަނީ ބަޔާންކޮށްފައެވެ.