ޚަބަރު

ހިންނަވަރު ބަނދަރު ބޭރު ތޮށިލުމުގެ މަސައްކަތް ނިމުމަކާ ގާތަށް


ޅ. ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ހިންނަވަރު ބަނދަރުގެ ޖާގަބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ.

ހިންނަވަރަކީ ފާދިއްޕޮޅުގެ އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ އަތޮޅުގެ މުހިންމު ރަށެކެވެ. އަތޮޅުގައި އެރަށް އޮންނަ ސަރަޙައްދަކީ ވިޔަފާރީގެ ބާރަކަށް ހެދުމަށް އޮތް ހުރަހަކީ ލަފާފުރުމުގެ ދަތިކަމެވެ. ހިންނަވަރުގެ އުތުރުގައި މީގެކުރިން ބޭނުންކުރަމުން އައީ އެންމެއިހުގެ ޑިޒައިނަކަށް ހަދާފައިވާ ބަނދަރެކެވެ. މިބަނދަރުގެ ބައެއްވެއްޓި ބޭނުންނުކުރެވޭވަރަށް ބަނދަރު ހަލާކުވުމާގުޅިގެން މިބަނދަރާ ގުޅުވައި ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ތެރެއިން ބަނދަރުގެ ހަލާކުވެފައި އޮތް ބައިގެ މަސައްކަތް ނިންމާ، ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. އަދި މިވަގުތު ކުރިއަށްދަނީ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، ހިންނަވަރު ބަނދަރު ބޭރު ތޮށިލުމުގެ މަސައްކަތުގެ 86 އިންސައްތަ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ.


ހިންނަވަރުގައި ތަރައްޤީކުރާ އައު ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މިބަނދަރުގެ މަސައްކަތުގެ ތެރޭގައި 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުން ހިމެނެއެވެ. މީގެ އިތުރުން 421 މީޓަރު އެއްގަމު ތޮށްޓެއް ލުމާއި 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 140.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ހިންނަވަރަކީ ކޮންމެވެސްވަރަކަށް މަސްވެރި އުޅަނދުތައް އޮންނަ ރަށެކެވެ. އަދި ރަށުގައި އަމިއްލަ ފަރާތްތަކުގެ ލޯންޗާއި ދޯނި ގިނަ ޢަދަދަކަށް ހުންނައިރު މިރަށަކީ ވިޔަފާރި ބޯޓުތައް ގިނަ ޢަދަދަކަށް އަންނަ ރަށެއްކަން ހިންނަވަރު ކައުންސިލުން ފާހަގަކުރައްވައެވެ. އަދި ބަނދަރު ހަލާކުވުމާގުޅިގެން ގިނަ ދަތިތަކެއް ވިޔަފާރިވެރިންނާއި ޢާއްމު ރައްޔިތުން އުފުލަންޖެހިފައިވާ ކަމަށް ހިންނަވަރު ކައުންސިލުން ވިދާޅުވެއެވެ.