ގިނަ އަހަރުތަކަކަށްފަހު ރ. އުނގޫފާރުގައި ގޯތި ދޫކުރުމަށް ތައްޔާރުވަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
އުނގޫފާރުން އެންމެފަހުން ގޯތި ދޫކުރަން ޢިއުލާންކޮށްފައިވަނީ 2001 ވަނަ އަހަރުގައެވެ. އެހެންނަމަވެސް އެފަހަރުވެސް ގޯތި ދޫކޮށްފައިނުވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.
އާބާދީގެ އިތުރުން ރަށަށްރަށުން ހިޖުރަކޮށްފައިވާ މީހުންނާއެކު 2500 އެއްހާ މީހުން ދިރިއުޅޭ ރ. އުނގޫފާރުގައި ގޯތި ދޫނުކުރާތާ އެތައް އަހަރެއްވުމުގެ ސަބަބުން އިޖުތިމާޢީ އެތައް މައްސަލައެއް އެރަށަށް ކުރިމަތިވެފައިވާކަމަށް އުނގޫފާރު ކައުންސިލުން ވިދާޅުވެއެވެ. ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މި މައްސަލަތަކަށް ހައްލެއް ގެނައުމަށްޓަކައި ރަށުގައި މީގެކުރިން ހަދާފައިވާ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވާކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ކުރިން ދޫކުރަން 2001 ވަނަ އަހަރުން ފެށިގެން އޭރު ނިންމާފައިވާ 36 ގޯތީގެ ބަދަލުގައި 54 ގޯތި ދިނުމަށް މިހާރު ނިންމާފައިވާކަމަށެވެ. އެގޮތުން ކައުންސިލުން އަލަށް އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭން ފާސްވެގެން އައުމާއެކު ގޯތި ދޫކުރަން ހުޅުވާލާނެކަމަށް ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ލަފާކުރަނީ 200 އަށްވުރެ ގިނަ މީހުން މި ހުޅުވާލާ 54 ގޯއްޗަށް ކުރިމަތިލާނެކަމަށް. މިރަށަށް ވަރަށް ބޮޑަށް ބިން ބޭނުން އެބަވޭ. އުއްމީދަކީ ބިން ހިއްކުމުގެ މަޝްރޫޢު އަވަހަށް ފެށުން" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ސާޅީހެއްހައި ހެކްޓަރުގެ ބިން ހިމެނޭ އުނގޫފާރުގައި ބިން ފުރި ބިން ހިއްކުމުގެ މަޝްރޫޢު އަންނަ އަހަރު ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. މިމަ ސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވާއިރު އެކުންފުނިން ލަފާކުރަނީ އަންނަ އަހަރުގެ މެދެއްހާހިސާބުގައި ބިން ހިއްކުމުގެ މަސައްކަތް އުނގޫފާރު ފެށިގެންދާނެކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ އީ.އައި.އޭގެ މަސައްކަތް ނިންމާލާފައެވެ. އުނގޫފާރުގައި ހިއްކުމަށް ހަމަޖެހިފައިވަނީ 10 ހެކްޓަރުގެ ބިމެވެ. އެހެންނަމަވެސް މިއީ ރަށަށް މިހާރު ބޭނުންޖެހިފައިވާ ވަރަށްވުރެ ކުޑަ މިންވަރެއްކަން ފާހަގަކުރައްވަމުން ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ބިން ހިއްކާ މިންވަރު އިތުރުކޮށްދެއްވުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.