ޚަބަރު

ށ.ފޭދޫން ރައީސަށް، މިއީ ތަރައްޤީގެ އެންމެ ފަހި ދައުރު


ށ.ފޭދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމިގެން ދާއިރު، ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ރަށުގެ ގިރާ ސަރަޙައްދުވެސް ޙިމާޔަތްކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލުން ވަނީ، ފޭދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވިގޮތަށް ކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް އަމާޒުކޮށް ވޭތުވެދިޔަ ސަރުކާރުތަކުން ހިންގާފައިނުވާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް މިހާރު ވެސް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަދި ކައުންސިލުން ވަނީ އެކަމަށްޓަކައި ފޭދޫގެ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ވަނީ އެރަށުގެ ޒުވާނުނަށް ހޭންޑްބޯލް ކުޅޭނެ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް އިތުރަށް ތަރައްޤީކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަށުގައި އިތުރު ޕޮލިހުން މަސައްކަތްކުރެވޭނެ މަގުފަހިކޮށްދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަރިހުގައިވަނީ ދަންނަވާފައެވެ. މީގެ އިތުރުން މިހާރު ތަރައްޤީކުރަމުންދާ ބަނދަރަށް ގެންނަންބޭނުންވާ ބަދަލުތައް ވެސް ކައުންސިލް މެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ފޭދޫގައި ކުރިޔަށް ގެންދާ ކަންކަން އެރަށުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ބަނދަރުގެ މަޝްރޫޢު ނިމިގެން ދާއިރު ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރެވިގެންދާނެކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.