ޚަބަރު

ހިޔާ ފްލެޓް ސަރަޙައްދުގައި ޒުވާނުންގެ މަރުކަޒެއް ހަދައިފި


މިނިސްޓްރީ އޮފް ޔޫތް ސްޕޯޓް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ފަރާތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޒުވާނުންގެ މަރުކަޒެއް ހަދައިފިއެވެ. މި މަރުކަޒު ހަދާފައިވަނީ ހިޔާ 10ވަނަ ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައެވެ.

ޔޫތް މިނިސްޓްރީއިން ވިދާޅުވީ މި މަސައްކަތަކީ ހިޔާ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަހި، ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރާ މަސައްކަތުގައި އެޗްޑީސީއާއެކު ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށެވެ.

މި މަރުކަޒަކީ ހިޔާގެ ރައްޔިތުންނަށް، އެ ސަރަޙައްދުގައި މުނިފޫހިފިލުވާލައި ރައްޓެހިންނާއި ޢާއިލާއާއެކު ހިތްފަސޭހަ މާޙައުލެއްގައި އުޅެވޭނެ މަގު ފަހިކޮށްދިނުމަށް ހެދި ތަނެކެވެ. މި މަރުކަޒު، ޒުވާނުންގެ އިތުރުން ކުޑަކުދިންނާއި ހިޔާގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ބޭނުންކުރެވޭނެކަމަށް ޔޫތް މިނިސްޓްރީއިން ވިދާޅުވެއެވެ.

މި ޒުވާނުންގެ މަރުކަޒުގައި ޓޭބަލްޓޮޕް ފުޓުބޯޅައާއި، ޓޭބަލް ޓެނިސް އަދި ކެރަމްބޯޑް ކުޅެވޭނެ ވަސީލަތްތައް ވަނީ ބަހައްޓާފައެވެ.

މި މަރުކަޒުގެ މަސައްކަތް މިހާރުވަނީ މުޅިން ނިންމާފައެވެ. އަދި މިރެއިން ފެށިގެން، ހިޔާގެ ރައްޔިތުންނަށް މިތަން ބޭނުންކުރަން ހުޅުވާލާނެކަމަށް ޔޫތް މިނިސްޓްރީއިން ވިދާޅުވެއެވެ. މަރުކަޒު ހުޅުވުމަށް ޚާއްސަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާ ސަރަޙައްދުގެ 6700 ހައުސިން ޔުނިޓްގެ އާބާދީ މިހާރުވެސް 20000އިން މައްޗަށް އަރައެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވި ފުރަތަމަ މަޝްރޫޢުވެސްމެއެވެ.

ހިޔާގެ ރައްޔިތުންނަށް ބޭނުންވާ އާންމު ޚިދުމަތްތައް ޤާއިމުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ހިޔާގައި ނޭބަހުޑް ޕާކުތައް ހެދުމާއި، ގޮނޑުދޮށް ސަރަޙައްދަކީވެސް ހިތްފަސޭހަ ސަރަޙައްދަކަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.