ޚަބަރު

"ދަރިވަރުންގެ މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"


  • ކުރިއަށްދާނެ ދާއިރާ ޚިޔާރުކުރުމުގައި މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް

  • ރައީސުލްޖުމްހޫރިއްޔާވަނީ ހުރިހާ ކުދިންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައި

ދަރިވަރުންގެ މުސްތަޤުބަލު ބިނާކުރުމަށާއި ކުރިއަށްދާނެ ދާއިރާ ޚިޔާރުކުރުމުގައި މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއްކަމަށް ވިދާޅުވެ މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.

މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު ކުރިއަށްދާނީ މިމަހުގެ 27 އިން އޮކްޓޫބަރު މަހުގެ 30 ހުގެ ނިޔަލަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައިވަނީ، މިއަހަރު މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރިވަރުންގެ މުސްތަޤުބަލު ބިނާކުރުމުގައި އަދި ވަކިން ޚާއްސަކޮށް މަތީ ތަޢުލީމު އުނގެނޭނެ ދާއިރާ ޚިޔާރުކޮށް ކުރިއަށްދިޔުމުގައި މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއްކަމަށެވެ.


އިމްތިޙާނަށް ތައްޔާރުވުމަށް ކުދިން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި މާތްﷲގެ ހެޔޮ ރަހުމަތްފުޅުން މި އިމްތިޙާނުގައި ފަސޭގައި މޮޅަށް ޖަވާބުދީ އެންމެވެސް ފަޚުރުވެރިވާނެ ފަދަ ނަތީޖާއެއް ހުރިހާ ކުދިންވެސް ޤައުމަށް ހޯދައިދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އޭލެވެލް އިމްތިޙާނު އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގެ 4 ސެންޓަރެއްގައި އިމްތިޙާނު ހަދާ 3284 ދަރިވަރުންނާއި އަތޮޅުތަކުގެ ރަށްރަށުގެ 49 ސެންޓަރުގައި އިމްތިޙާނު ހަދާ 1689 ދަރިވަރުންނެވެ.

މިއާއެކު އޯލެވެލް އަދި އޭލެވެލް އިމްތިޙާނު އެއް ވަގުތެއްގައި މިއަހަރު ރާއްޖޭގައި ކުރިއަށްދާނެއެވެ. އޯލެވެލް އިމްތިޙާނު މިމަހުގެ 20 ފެށިގެން އަންނަ ނޮވެމްބަރުމަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު އޭލެވެލް އިމްތިޙާނު މިމަހުގެ 27 އިން އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.