ޚަބަރު

ސްވިޒަލެންޑުން ނޭޝަންސް ލީގުގެ ފެށުން ރަނގަޅު ކޮށްފި


  • މިމެޗު ސްވިޓްޒަލަންޑް އިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު ސުން ލަނޑުން

ޔުއޭފާ ނޭޝަންސް ލީގުގެ ލީގު ބީގެ ގްރޫޕް އެކެއްގައި ސްވިޓްޒަލަންޑާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗު ސްވިޓްޒަލަންޑުން ކާމިޔާބު ކޮށް ނޭޝަންސް ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ނޯތު މެސެޑޯނިއާގައި ކުޅުނު މިމެޗު ސްވިޓްޒަލަންޑް އިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު ސުން ލަނޑުންނެވެ. ސްވިޓްޒަލަންޑް އިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރެމޯ ފްރެއުލަރއެވެ. އަދި ފުރަތަމަ ހާފު ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ސްވިޓްޒަލަންޑްގެ ލީޑު ފުޅާކޮށްދިނީ ޒެކީ އަމްދޫނީއެވެ. މިމެޗުގައި ސްވިޓްޒަލަންޑް އިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް އަމްދޫނީއެެވެ. މިމެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސްވިޓްޒަލަންޑަށް ލިބިގެންދިޔައެވެ. މިމެޗުގައި ނޯތު މެސެޑޯނިއާއަށް ސްވިޓްޒަލަންޑްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މިގްރޫޕްގައި ދެން ހިމެނޭ ދެޓީމު ކަމަށްވާ ސްކޮޓްލަންޑާއި ސްލޮވީނިއާ ބައްދަލުކުރި މެޗު ސްލޮވީނިއާގެ ދަނޑުގައި ކުޅެ ނިމުނީ އެއްވެސް ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ސްކޮޓްލަންޑް އިން އުފެއްދި ނަމަވެސް އެޓީމަށް މިހަމަލާތައް ލަނޑަކަށް ބަދަލު ކޮށްލެވޭ ގޮތެއް ނުވިއެވެ. އަދި މިއާއެކު ސްކޮޓްލަންޑްގެ ކޯޗު ސެބަސްޓިއަން ޕޮކޮގްނޯލީގެ ފެށުން ދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.

މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ލީގު ސީގައި ފިންލަންޑާއި ސެން މަރީނޯ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 7 ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަނީ ފިންލަންޑެވެ. މިމެޗުގައި ފިންލަންޑްގެ ޖޮއެލް ޕޯޔަންޕާލޯ ވަނީ ތިން ލަނޑު ޖަހާ ހެޓްރިކެއް ނަދައިފައެވެ. އަދި މިމެޗުގެ 51 ވަނަ މިނެޓުގައި ސެން މަރީނޯގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން މެޗުގެ ބާކީ ބައި ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މީގެއިތުރުން އަލްބޭނިއާ އާއި ބެލަރުސް ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އަލްބޭނިއާއެވެ.