ޚަބަރު

އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޕްލޭނާއެއްގޮތަށް - ޕްލޭނިންގ މިނިސްޓްރީ


އައްޑޫ ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ދަނީ ޕްލޭނާ އެއްގޮތަށްކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީއިން މިހެން ވިދާޅުވެފައި މިވަނީ އައްޑޫ މަގު ހެދުމުގެ މަޝްރޫޢާގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ.

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ ޢަލީ ނިޒާރުވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓަކީ އެއް ޤައުމަކަށް ނިސްބަތްވާ ދެ ކުންފުނިކަމަށްވެފައި މަސައްކަތް މިހާރު ކުރިއަށްދާގޮތުން އެއީ ރައްޔިތުންނަށް ކުރިމަތިވެދާނެ ބޮޑު ތަކުލީފަކަށް ކުރިއަށް އޮތްތަނުގައި ވެދާނެކަމަށެވެ.

މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ގިނަ ތަފްސީލްތަކެއް ނުދެއްވިނަމަވެސް މޭޔަރ ވިދާޅުވީ، މަސައްކަތް ކުރިއަށްދާގޮތާއި މަސައްކަތުގެ ފެންވަރާއި ގުޅޭގޮތުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާކަމަށެވެ. އަދި ސަރުކާރުން ބޮޑު ހޭދައެއް މި މަޝްރޫޢަށް ކުރައްވަމުންގެންދަވާއިރު އެސިޓީގެ މަގުތަކަކީ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ފެންވަރަށް ތަރައްޤީކުރެވޭ މަގުތަކަކަށްވުމަކީ ރައްޔިތުންގެ ބޮޑު އެދުމެއްކަމަށް މޭޔަރ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަމުންގެންދަވާކަމަށާއި އެމަސައްކަތާއި މެދު ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށެވެ.

މަސައްކަތް ދަނީ ޕްލޭނާއި އެއްގޮތަށް ނަމަވެސް ގުދުރަތީ ގޮތުން ދިމާވާ ކަމެއްގެ ސަބަބުން މަސައްކަތަށް އަންނަ ޑިލޭއަކަށް އެއްވެސް މީހެއްގެ ބާރެއް ނޯންނާނެކަމެއްކަން އަކްރަމް ކަމާލުއްދީން ފާހަގަކުރެއްވިއެވެ. އެގޮތުން މިވޭތުވެދިޔަ ގިނަ ދުވަސްތަކަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަކުރި ދުވަސްތަކެކެވެ. މިއާއެކު މަސައްކަތްތައް މަޑު ޖައްސާލަން ޖެހުނުނަމަވެސް މަސައްކަތް ނިންމުމަށް ލަފާކުރާ ތާރީޚަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.

އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވީ މިއަހަރުގެ މާޗްމަހުގައެވެ. އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައިގެން ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫގެ މަގުތަކެވެ.

މިމަޝްރޫޢުގެ ދަށުން ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. ފޭދޫގައި މީގެކުރިން ހިންގި މަޝްރޫޢުއެއްގައި އެރަށުގައިވަނީ ފެން ހިންދާ ނިޒާމު ޤާއިމުކޮށްފައެވެ. އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއާއި އައްޑޫގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑް ހަންކެޑެ ހިސާބުން އަލުން ތަރައްޤީކުރާ ޑީޓުއަރ 4 ލޭންގެ އައު ލިންކްރޯޑްއަށް ޖުމްލަ 1.1 ބިލިއަން ދިވެހި ރުފިޔާ ޚަރަދުކުރުމަށްވަނީ ބަޖެޓްކޮށްފައެވެ.