ޚަބަރު

ދިއްދޫ އައު ބަނދަރު، މުޅި އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހައަކަށް


ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިން ވަނަ ޝިޕްމަންޓް ރަށަށް ގެންގޮސްފިއެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ.

ދިއްދުއަކީ ހއ. އަތޮޅުގެ ހުރިހާ ރަށްތަކަކުންވެސް ގިނަ ޚިދުމަތްތަކެއް ހޯދުމަށް ދަތުރުކުރާ، އަތޮޅުގެ މައި ރަށެވެ. ހޮސްޕިޓަލާއި ބޭންކުގެ ޚިދުމަތާ އަދި އެހެނިހެން އޮފީސް އިދާރާތަކުގެ ޚިދުމަތާ ވިޔަފާރިއަށް ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު ދިއްދުއަށް ދަތުރުކުރެއެވެ.

އެގޮތުން ދޯންޏާ ލޯންޗުފަހަރު އަދި މުދާ އުފުލާ ބޮޑެތި ބޯޓުފަހަރުތައް ކޮންމެ ހަފްތާއަކުވެސް ދިއްދުއަށް ދިނަ ދަތުރުތައް ބާއްވައެވެ.

ރަށަށް ޒިޔާރަތް ކުރާ މީހުން އިތުުރުވުމާއެކު ރަށަށް އޮތް އެންމެ ބޮޑު ދަތިކަމަކީ ބަނދަތުގެ ޖާގައިގެ ދަތިކަމެވެ. ދިއްދޫ ބަނދަރުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް، އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް ބޮޑު މަޝްރޫޢުއެއްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުއެވެ.

މި މަޝްރޫޢުގައި ފުންކުރަންޖެހޭ ސަރަޙައްދުތައް ފުންކޮށް، މިހާރު ކުރަމުންދަނީ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ބަނދަރުގެ ޖެޓީއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ 3 ވަނަ ޝިޕްމަންޓް މިހާރު ރަށަށް ގެންގޮސްފައިވާކަމަށެވެ. އަދި ބަނދަރު އެއްގަމު ތޮށީގައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތްތަކުގެ %72 މިހާތަނަށް ނިމިފައިވާކަމަށެވެ. އަދި ބަނދަރު ފުންކުރުމުގެ %80 މަސައްކަތް މިހާރުވަނީ ނިމިފައެވެ.

މި މަޝްރޫޢު ނިމުމާއެކު ދިއްދޫގެ ބަނދަރު ވެގެންދާނީ، ރާއްޖޭގައި އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށެވެ. އަލަށް އިތުރުކުރާބައިގައި 326 މީޓަރުގެ އެއްގަމު ތޮއްޓެއް ބަނދަރަށް އިތުރުވާނެއެވެ. އަދި ބަނދަތުގެ ފުޅާމިނުގައި 300 ފޫޓު ހުންނާނެއެވެ.

މި މަޝްރޫޢުގެ ދަށުން 78،000 އަކަމީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި 616 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 326 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 69.87 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ދިއްދުއަކީ އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ.