ޚަބަރު

ކުޅުދުއްފުށީ ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާ ޙަވާލުކޮށްފި


ކުޅުދުއްފުށީ ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި 400 ހައުސިންގ ޔުނިޓް ކުޅުދުއްފުށީގައި އަޅަން ޙަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒާއި ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ދޮންބޭޒްގެ ހެޑް އޮފް އޮޕަރޭޝަންސް ޢަލީ ހަމްދޫނެވެ.


މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރާ ކޮންމެ ހައުސިންގ ޔުނިޓެއްގައި 1000 އަކަފޫޓު ހުންނާނެއެވެ. އަދި މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ. އަދި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެގޮތުން އެ ސަރަޙައްދުގައި ޕާކަކާއި، ވެހިކަލް ޕާކު ކުރާނެ ސަރަޙައްދެއްވެސް ޤާއިމުކުރެވިގެންދާނެއެވެ.

މި 400 ޔުނިޓްތައް އިމާރާތްކުރެވޭނީ 11 ބުރިއަށެވެ. އަދި އިމާރާތުގެ އެންމެ ތިރީ ބައި ޚާއްސަކޮށްފައިވަނީ ވިޔަފާރީގެ ބޭނުމަށް ޖާގަދޫކުރުމަށާއި، މެއިންޓަނަންސް އޮފީހަށެވެ. އަދި އެތަނުގައި ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކުކުރެވޭނެ ޖާގަދެވޭނެކަމަށާއި، މުޅި އިމާރާތުގައި 2 ލިފްޓުވެސް ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.