15 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
މި މަސައްކަތަކީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީގައި ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ.
މި 15 ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ 8 ލޮޓަކަށް ބަހާލައިގެންނެވެ. ފިނޭންސް މިނިސްޓްރީން ވަނީ މި 15 ރަށް 8 ލޮޓަށް ބެހިފައިވާގޮތާއި، މިއިން ކޮންމެ ލޮޓަކަށް ބިޑް ސެކިއުރިޓީގެގޮތުގައި ހުށަހަޅަން ޖެހޭ މިންވަރު އާއްމުކޮށްފައެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށެވެ. އަދި އިންޓަރނޭޝަނަލް ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީވާން ނުޖެހޭނެކަމަށެވެ. ނަމަވެސް "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަންވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. އަދި ބީލަމުގައި ރަޖިސްޓްރީކުރުމަށްޓަކާ 500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.
ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމުތައް ޤާއިމުކުރުމަށްޓަކާ، ރަށްރަށް ބޭނުންވާ ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ކުނި ނައްތާލުމުގެ އެކި މަޝްރޫޢުތަކަށް 358.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ މަސައްކަތް މިވަގުތުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ ކުރަމުންނެވެ.