ޚަބަރު

ރައީސްގެ މިދައުރުގެ ތެރޭގައި 3 އެއަރޕޯޓުގެ މަސައްކަތްވެސް ނިމޭނެ: އާޒިމް


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި 3 އެއަރޕޯޓުގެ މަސައްކަތްވެސް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީން މިވަގުތު އަންނަނީ ސަރުކާރުން އެކުންފުންޏާއި ޙަވާލުކޮށްފައިވާ 3 އެއަރޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ރ. އަލިފުށީ އެއަރޕޯޓާއި، މ. މުލީ އެއަރޕޯޓުގެ އިތުރުން ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތެވެ. މި 3 އެއަރޕޯޓަކީވެސް އެތެރޭގެ އުނދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރަމުންދާ އެއަރޕޯޓުތަކެކެވެ.

މި 3 އެއަރޕޯޓުގެ ތެރެއިން މިވަގުތު މަސައްކަތް އެންމެ ބާރަށް ހިނގަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގައެވެ. މި އެއަރޕޯޓުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާގާތްވެފައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، އެކުންފުނިން މަސައްކަތް ކުރާ ތިން އެއަރޕޯޓުގެ ތެރެއިން ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތުގެ ގާތްގަނޑަކަށް 80 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން އެއަރޕޯޓަށް ބޭނުންވާ ރަންވޭގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޓަރމިނަލާއި، ފަޔަރ ބިލްޑިންގގެ ފިނިޝިންގެ މަސައްކަތްކަން އާޒިމް ފާހަގަކުރެއްވިއެވެ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ދިގުލައިގެންދިޔައީ މަސައްކަތަށް ބޭނުންވާ ސާމާނު ގެނައުމުގައި އިދާރީގޮތުން ކުރިމަތިވި ދަތިތަކެއްގެ ސަބަބުންކަމަށާއި، އެހެންނަމަވެސް މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މ. މުލީ އެއަރޕޯޓުގެ ޓަރމިނަލަށް ބޭނުންވާ ބުޑުތައް ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ފަޔަރ ބިލްޑިންގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އަދި އަލިފުށީ އެއަރޕޯޓުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. މި 3 އެއަރޕޯޓުގެ މަސައްކަތްވެސް ރައީސްގެ މި ދައުރުގެ ތެރޭގައި ނިންމާ ޚިދުމަތް ދިނުމަށް ހުޅުވާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މޮބިލައިޒްކޮށްފައިވާނެ އަލިފުއްޓަށް. އަޅުގަނޑަށް ހަމަ އަދިވެސް ވަރަށް އުއްމީދާއި ޔަޤީންކަން އެބައޮތް އިރާދަކުރެއްވިއްޔާ އަލިފުށީ އެއަރޕޯޓުވެސް ރައީސްގެ މި ދައުރުގެ ތެރޭގައި ނިންމޭނެކަމުގެ. އަދި އުއްމީދުކުރަނީ އަންނަ އަހަރުގެ އޯގަސްޓް ސެޕްޓެމްބަރަށް އަލިފުށީ އެއަރޕޯޓުވެސް އެއްކޮށް ނިންމޭނެކަމަށް. މި 3 އެއަރޕޯޓުވެސް އިރާދަކުރެއްވިއްޔާ ރައީސްގެ މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމާ ރައްޔިތުންނަށް ޚިދުމަތް ލިބޭ ވަރަށް މަސައްކަތްކުރާނަން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީގެ މުޅި ޓީމަކީވެސް ވަރަށް ހީވާގި ޓީމެއްކަމަށާއި، އެކުންފުނީގެ މުވައްޒަފުންނަކީ ރައްޔިތުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ހިތުން ތިބި ބައެއްކަމަށެވެ. އަދި މިހާރު މަސައްކަތް ހިނގާ 3 އެއަރޕޯޓުގެ އިތުރުން، އިތުރު އެއަރޕޯޓެއްގެ މަސައްކަތް އެކުންފުންޏާއި ހަވާލުކުރިޔަސް، އެކަން ކުރެވޭނެ ކެޕޭސިޓީ އެމް.ޓީ.ސީ.ސީގައި އެބަހުރިކަމަށް އާޒިމް ވިދާޅުވިއެވެ.

"އަދި އިތުރު އެއަރޕޯޓެއް އަޔަސް އަޅުގަނޑު ހަމަ ޔަޤީންކަންދެން އަޅުގަނޑުމެންނަށް އަދި އިތުރު އެއަރޕޯޓެއް ހިފަހައްޓާލެވޭވަރުގެ އެ ކެޕޭސިޓީ އެމްޓީސީސީގައި އެބަހުރި. އަޅުގަނޑުމެންގެ މުވައްޒަފުންނަކީ ވަރަށް ގިނަ ޚިދުމަތްތައް ރައްޔިތުންނަށް ދޭ ހިތުން ތިބިބައެއް. އެހެންވީމަ މުވައްޒަފުންނަކީ އަސްލުގައި ކުންފުންޏެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ. އެމީހުން އެކަން ކުރަން ތިބިއްޔާމުން މިއީ އަޅުގަނޑަށް ހީވަނީ މާބޮޑުކަމެއްނޫން ކުރާކަށެއް" އާޒިމް ވިދާޅުވިއެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ އިތުރުން އެމް.ޓީ.ސީ.ސީން މިވަގުތު އަންނަނީ 40 އަށްވުރެ ގިނަ ރަށުގައި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ބިން ހިއްކުމާއި، މަގު ހެދުމުގެ އެތައް މަޝްރޫޢެއްވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކުންފުނިން އަންނަނީ ހިންގަމުންނެވެ. މީގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ މިދައުރުގެ ތެރޭގައި ނިންމޭނެ މަސައްކަތްތައް ކަމަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާޒިމް ވިދާޅުވިއެވެ.