އަންނަ މަހުގެ މެދުތެރޭގައި ސްޓެލްކޯގެ ހިޔާ ފްލެޓްތައް މުވައްޒަފުންނާއި ހަވާލުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މަސައްކަތް އަވަސް ކުރުމަށް ސްޓެލްކޯއިންދަނީ ކުންފުނީގެ އަމިއްލަ ޚަރަދުގައި ޓަވަރަށް ކަރަންޓު ގުޅުމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްއެޅުމަށް ގިނަ ކުންފުނިތަކަކުން ބައިވެރިވި ނަމަވެސް މީގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަނީ 4 ކުންފުންޏަކުންނެވެ. އެއީ ސްޓެލްކޯއާއި، އެމްޑަބްލިއުއެސްސީ، އެމްޕީއެލް، އެމްއޭސީއެލްއިންނެވެ.
މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ކުންފުނިތަކުގެ ބެލުމުގެދަށުންނެވެ. ނަމަވެސް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ކޮންޓްރެކްޓަރުންނާއެކު ހަދާ އެއްބަސްވުންތަކުގެ ދަށުންނެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކުންފުނިތަކުން ތަރައްޤީކުރާ ގިނަ ޓަވަރުތަކުގެ މައިގަނޑު މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު އޮތް ގޮންޖެހުމަކީ ޓަވަރުތަކަށް ބޭނުންވާ ފެނާއި ކަރަންޓާއި ނަރުދަމާ ފަދަ ޔުޓިލިޓީ ޚިދުމަތްތައް ގުޅުމެވެ. މިމަސައްކަތްތައް އެޗްޑީސީން ހަވާލުކޮށްފައިވަނީ ބޭރުގެ ކުންފުންޏަކާއެވެ. ނަމަވެސް މީގެ މުހިންމު ގިނަ މަސައްކަތްތަކެއް އަދިވެސް ހުރީ ނުފެށިއެވެ. އެޗްޑީސީން އެންމެ ފަހުން ބުނެފައިވަނީ، ބޭރުގެ ކުންފުންޏާއެކު ކުރެވޭ މަސައްކަތްތުގައި، ކަރަންޓު ގުޅުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށެވެ.
ފްލެޓްތަކަށް އަވަހަށް މީހުން ވެއްދުމަށް ކުންފުނިތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ މިއީއެވެ.
ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް މިކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމި ނިންމުމާއި އެއްގޮތަށް pic.twitter.com/NUSXOjRwxW
— STELCO (@STELCOMALDIVES) June 11, 2022
މިއާއި ގުޅިގެން ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ޓަވަރުގެ މަސައްކަތް އަވަސްކުރުމަށް، ކުންފުނިން އިސްނަގައިގެން ކުންފުނީގެ އަމިއްލަ ޚަރަދުގައި ކަރަންޓު ކަނެކްޝަން އެޅުމުގެ މަސައްކަތް ފަށާފައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނިން ޢަމާޒުކޮށްފައިވަނީ ވީހާވެސް އަވަހަށް މުވައްޒަފުންނަށް ފްލެޓްތަކުގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްކަމަށެވެ. އެގޮތުން މިހާރު އެ ކުންފުނިންވަނީ ކަރަންޓް ދިނުމަށް ބޭނުންވާ ޓްރާންސްޕޯމަރުތައް ބެހެއްޓުމުގެ މަސައްކަތް ފަށާފައެވެ.
ސްޓެލްކޯއިން މަޢުލޫމާތުދޭ ގޮތުގައި އެ ކުންފުނީގެ ފްލެޓްތަކަށް ކަރަންޓު ގުޅާ ނިމި، އަންނަ މަހުގެ މެދުތެރޭގައި ފްލެޓްތައް ހަވާލުކުރުމަށްވަނީ ނިންމާފައެވެ.
މި ޕްރޮޖެކްޓްގެދަށުން ސްޓެލްކޯއިން 2 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ޖުމްލަ 360 ފްލެޓެވެ. މީގެތެރޭގައި 2 ބާވަތެއްގެ އެޕާޓްމަންޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރި، ޕްލަސް މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.
މި ފްލެޓްތައް ހަވާލުކުރަނީ އެތެރޭގެ ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ. އެގޮތުން މުށިޖެހުމާއި، ފާޚާނާއާއި އަދި ބަދިގެ ކަބަޑުސެޓުވެސް ހުންނާނީ ނިމިފައެވެ.
ސްޓެލްކޯއިން އަމާޒު ހިފާފައިވާގޮތަށް ޖުލައިމަހުގެ ތެރޭގައި ފްލެޓްގައި މީހުންނަށް ދިރިއުޅެން ފެށިއްޖެ ނަމަ، ސްޓެލްކޯގެ ފްލެޓް ވާނީ ކުންފުނިތަކުގެ ފްލެޓްތަކުގެ ތެރެއިން އެންމެ އަވަހަށް މީހުން ދިރިއުޅެން ފަށާ ފްލެޓަށެވެ.