ޚަބަރު

އިމާމުންނާއި ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފުވައްމުލައް ސިޓީގައި


ފުވައްމުލައް ސިޓީގެ އިމާމުންނާއި ޚަޠީބުންނަށް ޚާއްސަކޮށްގެން، ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީއެވެ. މިއަދުން ފެށިގެން މިމަހުގެ 11 އަށް ކުރިޔަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި ފުވައްމުލައް ސިޓީގެ 38 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ހިއްސާކުރައްވާނީ އެކަންކަމާ ގުޅުންހުރި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާއި ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިންނާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ލެކްޗަރަރ އިންނެވެ.


މި ތަމްރީން ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެއްވާނީ ތަޖުވީދު، ހުކުރު ޤަވާޢިދާ އުސޫލު، ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލު، މަސައްކަތުގެ އަޚްލާޤާއި އެހެން މީހުންނާއި މުޢާމަލާތްކުރުން، ނަމާދުގެ ޙުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތް ފަދަ މައުޟޫއުތަކަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއީ ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާ އިމާމުންނާއި ޚަޠީބުންގެ ފެންވަރު މަތިކުރުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ތަމްރީނުތަކެެއް ކަމަށެވެ. މި ތަމްރީން ޕްރޮގްރާމްތައް ފުރަތަމަ ބާއްވާފައިވަނީ މާލޭ ސިޓީގައި 2021 ވަނަ އަހަރުގެ މާޗްމަހުއެވެ. ދެވަނަ ބުރު އައްޑޫ ސިޓީގައި ބާއްވާފައިވާއިރު މިހާރު ފުވައްމުލައް ސިޓީގައި ކުރިއަށް މިދަނީ މި ތަމްރީން ޕްރޮގްރާމްތަކުގެ 3 ވަނަ ބުރެވެ.