ޚަބަރު

"ނޭވާ 2" ޙަރަކާތުގައި ބައިވެރި ވެރި ވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް

ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް ހޯދުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް ޙަރަކާތް "ނޭވާ 2" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ. އާންމުނަށް ބައިވެރި ވުމުގެ ފުރސަތު ހުޅުވާލީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. އާންމުނަށް މިހަރަކާތުގައި ބައިވެރި ވުމުގެ ފުރުސަތު މިމަހުގެ 30ވަނަ ދުވަހު ބަންދުވާނެކަމަށް އެކަން އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.

"ފްރީޑައިވް މޯލްޑިވްސް"އިން އިންތިޒާމުކުރާ "ނޭވާ 2" ހަރަކާތަކީ އަނެއްކާވެސް ރާއްޖޭގެ ނަން ވޯލްޑް ރެކޯޑް ފޮތަށް އެރުވުމަށް ހިންގާ ބޮޑު ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް މިހާރު ހުޅުވާލާފައިވާއިރު "ނޭވާ 2"ގައި ބައިވެރިން ހޮވާނީ ތަމްރީން ދިނުމަށްފަހު މަދުވެގެން ދެ މިނެޓް ހާއިރު ފެނުއަޑީގައި ނޭވާ ހިފަހައްޓައިގެން އޮވެވޭ މީހުންނަށްކަމަށް މިކަން އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

"ކޮންމެހެން އަޑިއަށް ދާކަށް ނުޖެހޭނެ މި ހަރަކާތަކު.، ފްލޯޓް ކޮށްލަން ޖެހޭނީ މޫދު އަޑީގައި ދެމިނެޓެއް ހާއިރު.، އަދި ފްރީޑައިވް ސެޓްފިކެޓް ނެތަސް މިހަރަކާތުގައި ބައިވެރިވެވޭނެ." ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަހުދު ފާއިޒް ބުންޏެވެ.

"ނޭވާ 2" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން މިކަމަށް އާންމުގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފްރީޑައިވް ސްކޫލްގެ ވެރިޔާ ފަހުދު ފާއިޒް ބުންޏެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާނަމަ ތިރީގައިމިވާ ލިންކް މެދުރިކޮށް ބައިވެރިވެނޭނެއެވެ. އަދި "ނޭވާ 2"ގެ ފޭސްބުކް ޕޭޖާއި ޓްވިޓާ އަދި އިންސްޓަރގްރާމުންވެސް މި ލިންކް ލިބޭނެއެވެ.

"ނޭވާ 2" ހަރަކާތުގައި މިހާތަނަށް ރާއްޖޭގެ 12 ރިސޯޓަކުން މިހާރުވެސް ބައިވެރިވެފައިވާކަމަށް ފަހުދު ބުންޏެވެ. މި 12 ރިސޯޓްގެ ތެރެއިން 5 ރިސޯޓެއްގައި މީހުން ތަމްރީން ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. ބާކީ 7 ރިސޯޓުން ބައިވެރިވެފައިވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް މިމަސްތެރޭ ނިންމާލެވޭނެކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ. މިހާތަނަށް އައިއިރު 240 ވުރެ ގިނަ މީހުން މިހަރަކާތުގައި ބައިވެރިވެފައިވާކަމަށްވެސް އެފަރާތުން ބުނެއެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމުގެ ރަން ޔޫބީލާ ގުޅުވައިގެން ހިންގާ ހަރަކާތެކެވެ. މިކަމުގެ އެންމެބޮޑު އެއް ބޭނުމަކީ ރާއްޖެއަކީ ފްރީޑައިވް ކުރުމަށް ރަނގަޅު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމެވެ. މިހަރަކާތުގެ ސަބަބުން ދުނިޔޭގެ ސަމާލުކަމަށް ރާއްޖޭގެ މިރީތި މަންޒިލަށް ގެނައުމަކީވެސް މި ހަރަކާތް ބޭއްވުމުގެ މަޤްސަދެކެވެ.