ޚަބަރު

ހިރިލަންދޫ ބިން ހިއްކަން ފަށައިފި


ތ.ހިރިލަންދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެރަށަށް 25 ހެކްޓަރުގެ ބިން އިތުރުކުރާނެއެވެ.

ބިމުގެ މައްސަލައަކީ އާބާދީ ބޮޑުވަމުން އަންނަ ކުދި ރަށްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ތ.ހިރިލަންދުއަކީ 29 ހެކްޓަރުގެ ރަށެކެވެ. ރަށުގެ އާބާދީ 1200އިން މައްޗަށް އަރައެވެ.

ސަރަޙައްދުގެ އެހެން ރަށްތަކާ އަޅާ ބަލާއިރު ހިރިލަންދުއަކީ ސިނާޢީ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެގޮތުން މަސް ކައްްކާ ހިއްކުމާއި، ފައިބަރު މަސައްކަތަކީ ރަށުގެ މުހިންމު ސިނާޢަތްތަކެވެ.

ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކުރީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ. އަދި މިހާރު މިވަނީ ޢަމަލީ މަސައްކަތް ރަށުގައި ފަށާފައެވެ.

ރަށުގެ ރައްޔިތުން މި މަޝްރޫޢުއަށް ބޭނުންވެފައިވާ މިންވަރު އެނގެނީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ރަށަށް ވަޑައިގެންނެވި މެހުމާނުންނަށް ރަށުގެ ރައްޔިތުން ކީ ޙޫނި މަރުޚަބާއިންނެވެ.

ރަށުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މި މަސައްކަތް ފަށްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއީ އާދަމް އާޒިމްއާއި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމްދު ނާޝިޒްއެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލް ވިދާޅުވީ މި ޕްރޮޖެކްޓަކީ އެހެން ސަރުކާރުތަކުގައި ރައްޔިތުންނަށް ދަރާފައިވާ ދަރަންޏެއްކަމަށެވެ. ޢަދި ބިމުގެ ދަތިކަމުގެ ޝަކުވާ އޮންނަތާ ވިއްސަކަށް އަހަރުވަނީ ވެފައެވެ. މިއީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ހުވަފެނުގެ ކުލަޖެހުންކަމަށް ޖަލާލް ސިފަކުރެއްވިއެވެ.

"މިއީ ރަށުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަސް. މި ފެނުނީ ކުޑަ ރަށް ބޮޑުރަށް ބެލުމެއްނެތި ރައީސް ރައްޔިތުންނަށްވީ ވަޢުދު ފުއްދަމުންދާތަން." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ވިދާޅުވީ މިއީ ރަށަށް ތާރީޚީ ދުވަހެއްކަމަށެވެ. އެތައް ސަރުކާރެއްގައި ރަށަށް ވަޢުދުވެ ނުުފުއްދާ ދޫކޮށްލާފައިވާ މި މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަޝްރޫޢުއަކީ ރަށުގެ މުޅި އިޖްތިމާޢީ ޙާލަތާއި އިޤްތިޞާދީ ޙާލަތު ބަދަލުކޮށްލާނެ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ހިރިލަންދޫއަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އަގު 250 މިލިއަން ރުފިޔާއަށް އަރާ. މިއީ ވަރަށް ބޮޑު ހޭދައެއް." ނާޝިޒް ވިދާޅުވިއެވެ.

އެމްޓީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި މުޅިން ނިންމާލާނެކަމަށެވެ. މި ޕްރޮޖެކްޓްގައި ރަށުން 25 ހެކްޓަރު ހިއްކާ، އެ ސަރަޙައްދު ޙިމާޔަތް ކުރުމަށް ބޮޑު ހިލަ ޖެހުން ހިމެނެއެވެ.

"ރަށްރަށަށް އަރާއިރު ކުރިން ފެނުނީ ބިން ހިއްކާފަ ދޫކޮށްލާފަ އޮތް ތަން. ބިން ޙިމާޔަތްކޮށް ބޮޑު ހިލަ ޖެހުން ފަދަ މަސައްކަތެއް ނުވެެ. އޭގެ ސަބަބުން ހިއްކާ ބިމުގެ ފައިދާ އެކަށީގެންވާ ގޮތުގައި ނުލިބި، ފަސްގަނޑު ގިރައިގެން ދަނީ." އާޒިމް ވިދާޅުވިއެވެ.

ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢުއަކީ 105 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މުޅި ޕްރޮޖެކްޓްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިމޭނެއެވެ.

ހިރިލަންދޫގައި 14 ޕްރޮޖެކްޓެއްގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.