ޚަބަރު

އަންނަމަހުން ފެށިގެން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ އުފެއްދުމާއި ބާޒާރަށް ނެރުން މަނާ


ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނާވާނެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުން ރައީސުލްޖުމްހޫރިއްޔާ މަނާކުރައްވައި، އެކަމާއި ގުޅޭ ޤަރާރު ނެރުއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ނިންމާފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި 8 ބައްވަތެއް މަނާ ކުރާނެއެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން 1 ޖޫންއިން ފެށިގެން ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ތަކެތި

- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި.
- ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު.
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި - ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ.
- 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު.
- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން.

މީގެ އިތުރުން، ދިވެހިރާއްޖޭގައި އުފައްދާ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އަދި ތައްޔާރީ ބުއިންތަކުގެ ބާވަތްތައްވެސް އަންނަ މަހުން ފެށިގެން މަނާވާނެއެވެ. އަދި މިތަކެތި ބާޒާރަށް ނެރުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހުންފެށިގެން މަނާވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް ހިމެނެއެވެ.

މީގެ އިތުރަށް 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގައި އުފެއްދުން މަނާވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އެ ތަކެތި ބާޒާރަށް ނެރުންވެސް މަނާވާނެއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުޑަ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން 2023ގެ ނިޔަލަށް މަނާކުރިނަމަވެސް މިހާރުވެސް އުފައްދަމުންދާ 1.5 ލީޓަރ ފުޅިއާއި އެއަށްވުރެ ބޮޑު ސައިޒުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ބާޒާރުގައި ލިބެން ހުންނާނެކަމަށެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި އެކުލަވާލާފައިވާ ފޭސްއައުޓް ޕްލޭންގައި ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމަށްޓަކައި މައިގަނޑު 6 ސިޔާސަތެއް ވަނީ އެކުލަވާލާފައެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމަށްޓަކައި އެކުލަވާލާފައިވާ މައިގަނޑު 6 ސިޔާސަތު

- އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ ތެރެއިން ކަޑައެޅޭ ވަކި ބާވަތްތަކެއް އުފެއްދުމާއި އިމްޕޯޓު ކުރުމާއި ވިއްކުން މަނާކުރުން.
- އިމްޕޯޓް ޑިޔުޓީއާއި، ޓެކްސް ނެގުމާއި، ވަކި ކަމެއް ކުރުވުމަށް ބާރުއަޅާފަދަ އެހީތެރިކަން (އިންސެންޓިވްސް) ދިނުން.
- ކުންޏާއި ބެހޭ ތަފާސް ހިސާބު ޤައުމީ ފެންވަރެއްގައި އެއްކޮށް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ޕްލާސްޓިކުން ބަންދުކޮށްފައި ހުންނަ އެއްޗެތި މަދުކުރުމުގެ ލަނޑުދަނޑިތައް ކަނޑައެޅުން.
- ދެމިގެންދާ، އުފެއްދުންތެރިންގެ ޒިންމާތައް (އީޕީއާރް). މީގެ ދަށުން މުދާ ބަންދުކުރުމާ ގުޅޭގޮތުން އުފައްދާ ފަރާތުގެ ދެމިގެންދާ ޒިންމާ އާއި ގުޅޭ ޤާނޫނު ފާސްކުރެވިގެންދާނެ.
- އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި، ބޭނުންކުރެވޭނެ ތިމާވެއްޓާރައްޓެހި ބާވަތްތައް ތަޢާރަފްކުރުން.
- އުނގަންނައިދިނުމާއި ހޭލުންތެރި ކުރުވުން.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުން އިމްޕޯޓު ޑިއުޓީ އިތުރުކުރުމާއެކު ތިމާވެއްޓާ ރައްޓެހިތަކެތީގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ މާފުކުރުމަށްވެސް މި ޕްލޭންގެ ދަށުން ހުށަހަޅާފައިވާނެކަމަށެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކޮށް، މިތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭނެ ތިމާވެއްޓާއި ރައްޓެހި ބާވަތްތައް ގެންނަ ފަރާތްތައް ދަނެގަނެ، އިންސެންޓިވައިޒޭޝަން ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ގުޅުންހުރި ފަރާތްތަކާއެކު ކުރުމަށްވެސް މި ޕްލޭންގައި ވާނީ ހިމަނާފައެވެ. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި މަނާކުރެވުނުކަމުގައި ވީނަމަވެސް، ކުދިވިޔަފާރިތަކުގައި އުފައްދާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކުގެ ބާވަތްތައް މި ސިޔާސަތުތަކުގެ ދަށުން އިސްތިސްނާވެގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމުގެ ސިޔާސަތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކުރުމުގެ އިތުރުން، މިތަކެތި ރާއްޖެއަށް އެތެރެކުރުންވެސް ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން މަނާކޮށްފައެވެ. އެގޮތުން، ޖުމްލަ 9 ބާވަތެއް ހިމެނެއެވެ.