ޚަބަރު

ޝާއިލާގެ ހުވަފެން: އަމިއްލަ އައުޓްލެޓެއް ހުޅުވައި މީހުން ތަމްރީނުކުރުން


ގޭގައި ތިބެގެންވެސް ޢާމްދަނީ ހޯދޭނެ ގިނަ މަގުތަކެއް އެބަހުއްޓެވެ. މިހާރުވަނީ އެފަދަ އެތައް މަގެއް ތަނަވަސްވެފައެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ އެހީގައި މިފަދަ ވިޔަފާރިތަކަށްވަނީ ކުރިއެރުންތަކެއް ލިބިފައެވެ.

ގޭގައި ތިބެގެން ޢާމްދަނީ ހޯދާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މީގެތެރޭގައިވެސް ކޭކުއެޅުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން ގިނައެވެ.

އާމިނަތު ޝާއިލާއަކީ މިފަދަ އެކެކެވެ. މިދާއިރާއިން އޭނާ ވަނީ ގިނަ ތަޖުރިބާތަކެއް ހޯދާފައެވެ. ޝާއިލާ ކޭކުއެޅުމުގެ މަސައްކަތްކުރާތާ މިހާރުވަނީ 13 އަހަރުވެފައެވެ. ޝާއިލާ ބުނީ އޭނާ އެންމެފުރަތަމަ ކޭކު އަޅަންފެށީ އޭރު މަސައްކަތްކުރި އޮފީހުން ކެނޑިގެން ދަރިންބަލަން ގޭގައި މަޑުކުރަން ނިންމި ހިސާބުން ކަމަށެވެ.

"ޕަބްލިކް ހެލްތުގައި ވޯކް ކުރީ. ދެން ތިން ކުދިން ލިބިގެން ވަޒީފާއަށް ދެވޭނެ ގޮތެއް ނެތީމަ، ހިތަށް އެރީ ކުދިން ކައިރީ މަޑުކޮށްލަން. އެކަމަކުވެސް ބޭނުންވީ އިންޑިޕެންޓެންޓު މީހަކަށްވާން. ޢާމްދަނީއެއް ލިބޭނެ ކޮންމެވެސް މަސައްކަތެއް ކުރަން. އެގޮތަށް ފެށި މަސައްކަތެއް މިއީ." ޝާއިލާ ބުންޏެވެ.

ޝާއިލާ ބުނީ ކޭކުއެޅުމަކީ އަބަދުވެސް ވަރަށް ކުރާހިތްވާ ކަމެއް ކަމަށެވެ. އެންމެފުރަތަމަ ކޭކުއަޅަން ފެށީ އެއްވެސް ކަހަލަ ތަމްރީނެއް ލިބިގެން ނޫން ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ގާތް މީހުންގެ ލަފާގެ މަތިން އެމްއެންޔޫގެ ކޭކު ކޯސް ފުރިހަމަކުރިކަމަށް ޝާއިލާ ބުންޏެވެ.

"އެ ކޯސް ފުރިހަމަ ކުރުން އެއީ ވަރަށް ބޮޑު ކުރިއެރުމެއް، ވަރަށް ގިނަ އެއްޗެހި ދަސްވި، ކޭކުއަޅާ ގޮތާއި، ބަދަލުކުރަންވީ ކަންތައްތައްދަސްވި، ކޯސް ހެދީމައި،" ޝާއިލާ ބުންނެވެ.

ޝާއިލާ ދަނީ އިންސްޓަރގްރާމުގައި "ހޯމް މޭޑް ބައި ޝައިލާ" ގެ ނަމުގައި ޕޭޖެއް ހިންގަމުންނެވެ. ފެށިއިރު ކޭކު އެކަނި އެޅި ނަމަވެސް ޝާއިލާ މިހާރުވަނީ ވިޔަފާރި އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން ތަފާތު އެކި ވަތްތަރުގެ ކޭކާއި، ޕޭސްޓްރީސްގެ ތަފާތު އެކި ވަތްތަރުތައް އޭނާ މިހާރު ދަނީ ވިއްކަމުންނެވެ.

ޝާއިލާ ފާހަގަކުރިގޮތުގައި މި ދާއިރާގައި "ސްކިލް ބޭސްޑު ޓްރެއިނިންގ"ގެ ފުރުސަތުތައް މަދެވެ. އެހެންނަމަވެސް މިފަދަ ދާއިރާއަކަށް ތަމްރީންތައް މުހިންމުކަން ޝާއިލާ ފާހަގަކުރިއެވެ. މިކަމަށް ހައްލެއް ހޯދުމުގައި މަސައްކަތްކުރަން ޝާއިލާގެ ވިސްނުން އެބަހުއްޓެވެ. އެގޮތުން ސްކިލް ބޭސްޑު ޓްރެއިނިންނެގއެއް ހިންގުމަށް ބޭނުންވާ ކަމަށް ޝާއިލާ ބުންޏެވެ.

" އެއްވެސް ކަހަލަ ޓެސްޓެއް ނުހިމެނޭނެ. ހޭންޑްސް އޮންކޮށް މަސައްކަތް ކުރެވޭނެ ޓްރެއިނިންގެއް ހިންގަން ބޭނުންވޭ،" ޝާއިލާ ބުންޏެވެ.

ޝާއިލާގެ ވިސްނުން ހުރީ އޭނާގެ މިވިޔަފާރި އިތުރަށް ފުޅާ ކުރުމަށެވެ. އެގޮތުން އަމިއްލަ އައުޓުލެޓެއް ހުޅުވުމަކީ ޝާއިލާދެކޭ ހުވަފެނެކެވެ.