ސިއްހަތު

ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި


ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ސްކޮލަރޝިޕް ފުރުޞަތަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ސްކޮލަރޝިޕަށް ކުރިމަތިލާން އަލުން ހުޅުވާލީ، ކުރިން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ ކަމަށެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ ބޭނުންތެރި ދާއިރާތަކުން މީހުން ބިނާ ކުރުމަށްޓަކާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް 15 ސްކޮލަރޝިޕް ފުރުޞަތަށް މިނިސްޓްރީން އެންމެ ފުރަތަމަ ހުޅުވާލީ މާރޗް މަހުގެ 11 ވަނަ ދުވަހުއެވެ. އެގޮތުން ސްޕެޝަލައިޒްވުމަށް 13 ދާއިރާއަކުން ޚާއްސަކޮށްފައިވާ 7 ހޮސްޕިޓަލަކަށް ފުރުޞަތު ހުޅުވާލިއެވެ. އެ މުއްދަތުގައި 10 ފަރާތަކުން އެޕްލިކޭޝަން ހުށައަޅާފައިވާއިރު އޭގެ ތެރެއިން ސްކޮލަޝިޕްގެ ފުރުޞަތު ލިބުނީ 5 ފަރާތަކަށެވެ.

ހަޔަރ އެޑިއުކޭޝަނުން އަލުން ހުޅުވާލި ފުރުޞަތުގެ ދަށުން އެކި ދާއިރާތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 5 ހޮސްޕިޓަލަކަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. އެއީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް 1 ޖާގަ، ހުޅުމާލޭ ހޮސްޕިޓަލަށް 2 ޖާގަ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 3 ޖާގަ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް 3 ޖާގަ، އަދި ރ. އުނގޫފާރު ހޮސްޕިޓަލަށް 1 ޖާގައެވެ.

ސްޕެޝަލައިޒްވުމަށް ހުޅުވާލާފައިވާ ދާއިރާތައް:

* އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް - އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސަރޖަރީ
* ހުޅުމާލޭ ހޮސްޕިޓަލް - ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، މެޑިކަލް އޮންކޮލޮޖީ
* ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، ޕީޑިއޭޓްރިކް ނިއުރޮލޮޖީ، ނެފްރޮލޮޖީ
* ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް - ނިއޯނޭޓޮލޮޖީ، ޕަލްމޮނޮލޮޖީ، ނެފްރޮލޮޖީ
* ރ. އުނގޫފާރު ހޮސްޕިޓަލް - އެންޑޯކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް


ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އެމް.ބީ.ބީ.އެސް ހާސިލްކޮށްފައިވާ މީހަކަށް ވާންޖެހޭނެއެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ މީހެއްކަމުގައި ވުމާއި، މިނިސްޓްރީ މެދުވެކޮށް ކުރިން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ މައްސަލައެއް ނުޖެހި އެ ލޯނެއް ޤަވާއިދުން ދައްކަމުންގެންދާ މީހެއްކަމުގައި ވުން ހިމެނެއެވެ. އަދި ހަމައެއާއެކު ބައިވެރިވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންގެންދާ މީހެއްކަމުގައި ނުވުމުގެ އިތުރުން ބައިވެރިވާ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުންވެސް ހިމެނެއެވެ.

މިފުރުޞަތުތަކަށް މީހުން ހޮވުމުގައި މިނިސްޓްރީން އެންމެ ފުރަތަމަ އިސްކަންދޭނީ ކުރިމަތިލާފައިވާ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ނަމަވެސް އެހޮސްޕިޓަލަށް ހުޅުވާލާފައިވާ ފުރުޞަތުގެ ޢަދަދަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ ދެން އިސްކަންދެވޭނީ، އެފަރާތަކުން އެމް.ބީ.ބީ.އެސް ހެދުމަށްފަހު އެ ހޮސްޕިޓަލްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށް ބަލާފައިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުގެ ފަރާތުންކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް އަދި އިންޝުއަރެންސްގެ އިތުރުން ވިސާ ޚަރަދުވެސް ހިމެނެއެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 1 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިންނެވެ. އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭނީ ހަޔަރ އެޑިއުކޭޝަނުން އެކަމަށް ޚާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.