ޚަބަރު

ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިޔަން ޑޮލަރުގެ ޕްލޭނެއް


ޔަހޫދީ ދައުލަތުގެ ނިރުބަވެރި ޢުދުވާނުތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށްޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވައިލައްވާފައިވާ ސުލްޙައިގެ ބޯޑުން 2.45 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް އިޢުލާނުކުރުމަށް ތައްޔާރުވެއްޖެއެވެ.

ޚަބަރުފަތުރާ ވަޞީލަތެއް ކަމަށްވާ "އެކްސިއޯސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 6 މަސްދުވަހުގެ މުއްދަތަކަށް އެކުލަވައިލެވިފައިވާ މި ޕްލޭން ރަސްމީކޮށް އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ބާއްވާ އެ ބޯޑުގެ މެންބަރުންގެ ބައްދަލުވުމުގައެވެ.

މި ޕްލޭންގެ ދެލިކޮޕީއަކާ ޙަވާލާދީ އެކްސިއޯސްއިން ބުނެފައިވާ ގޮތުގައި، ޖުމްލަ 66 މަޝްރޫޢެއްގެ މައްޗަށް އެކުލެވޭ މި ހުށަހެޅުމުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ކުނިބުނިތައް ނަގައި ސާފުކުރުމުގެ އިތުރުން ގެއްލުން ލިބިފައިވާ ޞިއްޙީ މަރުކަޒުތަކާއި ހަސްފަތާލުތައް މަރާމާތުކުރުމެވެ.

މީގެއިތުރުން، ޣައްޒާގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށާއި، ޣައްޒާގައި ބައިނަލްއަޤްވާމީ ޞުލްޙަ ބަލަހައްޓާ ފައުޖެއް ޤާއިމުކުރުމަށް ހިނގާނެ ޚަރަދުތައްވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ.

އަދި މި މަޝްރޫޢުގެ ދަށުން ސަރަޙައްދީ ރޮނގު ހުރަސްކުރަން އޮންނަ މައި މަގުތައް މަރާމާތުކުރުމާއި، ކެނޑިފައިވާ ފެނާއި ކަރަންޓުގެ ޚިދުމަތް އަލުން އިއާދަކުރުމާއި، 25،000 އަވިން ހަކަތަ އުފައްދާ ސޯލާ ޕަވަރ ކިޓު ބެހުމުގެ އިތުރުން، އަލުން އާރާސްތުކުރުމަށް ކަނޑައަޅާފައިވާ މުހިންމު ސަރަޙައްދުތަކުގެ ބިމުގެ އަޑީގައިވާ ޓަނަލްތައް ދާއިމީކޮށް ބަންދުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.

މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެމެރިކާގެ ވައިޓް ހައުސްއާއި ޚާރިޖީ ވުޒާރާއިން އެއްވެސް މަޢުލޫމާތެއް ހާމަކުރުމަށް ވަނީ އިންކާރުކޮށްފައެވެ.

އެކްސިއޯސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔަހޫދީ ދައުލަތުގެ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ލިބިފައިވާ މާއްދީ ގެއްލުން އެކަނިވެސް 35.2 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ކުރިއަށްއޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ޣައްޒާ އެއްކޮށް އާރާސްތުކޮށް، ޢާންމު ޙާލަތަކަށް ގެނައުމަށްޓަކައި 71.4 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށްވެސް އަންދާޒާކުރެވެއެވެ.

ޣައްޒާގެ ޤަތުލުއާންމު ހުއްޓުވުމަށްޓަކައި ޓްރަމްޕްގެ އިސްނެންގެވުމަށް ސުލްޙައިގެ ބޯޑެއް އެކުލަވައިލައްވައި، ޖުލައި މަހުގެ ފަހުކޮޅު ސުލްޙައިގެ އެއްބަސްވުމެއް އިޢުލާނުކުރެއްވި ނަމަވެސް، ޔަހޫދީ ދައުލަތާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އެ އެއްބަސްވުމުގެ ޝަރުޠުތަކަށް އެއްބަސްނުވުމުގެ ސަބަބުން އެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ނަމަވެސް، އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ޓްރަމްޕްގެ ސަރުކާރުން އަންގާފައިވަނީ ޣައްޒާގެ ޞުލްޙަ ބަލަހައްޓާ ފައުޖަށް 206 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޮނުވަމުންދާ ކަމަށެވެ. މިއީ މުޅި ޕްލޭނަށް އެމެރިކާއިން ދިން ފުރަތަމަ ބޮޑު މާލީ އެހީއެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ޕްލޭނަށް ބޭނުންވާ 2.45 ބިލިއަން ޑޮލަރުގެ ފަންޑު ސުލްޙައިގެ ބޯޑަށާއި ފަލަސްޠީނުގެ ސަރުކާރަށް އަދި އެއްކޮށް ލިބިފައެއް ނުވެއެވެ. ނަމަވެސް، މިހާރު ހުރި ސިޔާސީ ހުރަސްތައް ނައްތާލެވިއްޖެނަމަ، ބައިނަލްއަޤްވާމީ ފަރާތްތަކާއި އެހީދޭ ޤައުމުތަކުން މި ފައިސާ ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.