ތަރައްްޤީ

ތަކަންދޫ ބަނދަރު ތަރައްޤީކޮށް، ކުޅި ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި


ހއ.ތަކަންދޫ ބަނދަރު ތަރައްޤީކުރުމާއި، އެރަށު އުތުރު ކުޅި ޙިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފިއެވެ. އެމް.ޓީ.ސީ.ސީއާއި މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، ސީ.އީ.އޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވެސް ބައިވެރިވެޑައިގެންނެވިއެވެ.

ގާތްގަނޑަކަށް 980 މީހުންގެ އާބާދީއެއް އޮންނަ ހއ.ތަކަންދޫއަށް ވަދެނިކުތުމަށް މިހާރު ބޭނުންކުރާ ބަނދަރުގެ ނެރުފައިކަށި އިންނަ ދިމާލުގެ ސަބަބުން އޮޑިދޯނިފަހަރު ވަދެ ނިކުތުމުގައި ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހެއެވެ. ޚާއްސަކޮށް ހުޅަނގު މޫސުމުގައި މާބޮޑަށް ގަދަވެއްޖެނަމަ އޮޑިދޯނިފަހަރުތަކަށް ނެރުން ވަދެނިކުތުމަކީ ނުރައްކާތެރި ދަތިތަކަމެއްގެގޮތުގައި ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

ހަމައެހެންމެ ރަށުގެ އުތުރުފަރާތުން ރަށްގިރުމުގެ މައްސަލައަކީވެސް މި ރަށަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. އަދި ރަށުގައި އޮންނަ ކުޅިއަށް ވެލިއަރާ ބެދި ފެން ދައުރުނުވާ މައްސަލައިގެ އަސްލަކީވެސް ނެރުފައިކަށި މިހާރު ހުރިގޮތްކަމަށް ތަކަންދޫގެ ގިނަ ރައްޔިތުން ފާހަގަކުރެއެވެ.

އެހެންކަމުން މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ރަށުގެ ބަނދަރު ތަރައްޤީކޮށް، ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން މިވަނީ އެމް.ޓީ.ސީ.ސީއާއި މިހާރު ޙަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުން 4،455 އަކަމީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 2،230 އަކަމީޓަރުގެ ނެރެއް ފުންކުރުމާއި، 252 މީޓަރުގެ ބޭރުތޮށިލުމާއި، 160 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 126 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 883 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، އީ.އައި.އޭ މަސައްކަތާއި ނެރުބައްތިއާއި މަގުބައްތި ހަރުކުރުމުގެ އިތުތުން މޫރިންގ ބޮލާޑް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫޢަށް 22.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ތަކަންދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިމިގެންދާއިރު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބި، ޒަމާނީ އަމާން ބަނދަރެއްގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.