ދިވެހިރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާތީ، އެމީހުންނަށް ދެވޭ ފަރުވާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "މޯލްޑިވްސް މެޑިކަލް ކޮންފަރެންސް" ރަސްމީކޮށް ފަށައިފިއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރަމުންދާ ޑޮކްޓަރުންގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އަދި މިއީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްނެގުމާއެކު ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ.
މިއަހަރުގެ މޯލްޑިވްސް މެޑިކަލް ކޮންފަރެންސްގެ ޝިއާރަކީ "ޖެރިއެޓްރިކް، ލެޓްސް ޓޯކް އޭޖްޑް ކެއަރ"އެވެ. މި ޝިއާރުން އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ފަރުވާގެ މުހިންމުކަން ރަމްޒުކޮށްދޭއިރު، މިއީ ދިވެހިރާއްޖެއަށާއި އެހެން ގިނަ ޤައުމުތަކަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ.
މި ކޮންފަރެންސް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. އަހުމަދު ރަޝީދު ވިދާޅުވީ، 2030ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީގެ %7 އަކީ 75 އަހަރުން މަތީގެ މީހުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި އަދަދު 2040ވަނަ އަހަރާ ހަމައަށް %10 އަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވުމާއެކު، މިފަދަ ބަދަލުތަކަށް ރާއްޖެއިން ކުރިން ތައްޔާރުވެތިބުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި ކޮންމެ 10 މީހަކުން އެކަކީ 65 އަހަރުން މަތީގެ މީހެއް ކަމުގައިވާނެ. ދިވެހިރާއްޖެ ތައްޔާރުވާން ޖެހޭ އަވަސް ސްޕީޑުގައި އަންނަ މިފަދަ ޑިމޮގްރަފިކް ބަދަލުތަކަށް. މިކަން އަޅުގަނޑުމެން ކުރާނީ ކިހިނެއް. އެންމެ ފުރަތަމަވެސް ދުވަސްވީ މީހުން ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ގޮތުން ހަރަކާތްތެރިކޮށް ބޭތިއްބުމަށް މަގުފަހިކުރުވައިގެން." މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. އަހުމަދު ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޖިސްމާނީ ނުކުޅެދުންތެރިކަން ހުއްޓުވުމަށް ނުވަތަ ލަސްކުރުމަށް އަވަހަށް ފަރުވާދިނުމާއި، ގަވާއިދުން ސްކްރީނިންގ ހެދުން ޔަގީންކުރުން މުހިންމު ކަމަށްވެސް ޑރ. އަހުމަދު ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ސްކްރީނިންގް ނުވަތަ ޗެކްއަޕްތައް ކުރިއަށްގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްނެގުމާއެކު ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ކޮންފަރެންސްގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ މަޝްވަރާތައް ކުރެވި، ހައްލުތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.