ތަރައްްޤީ

ވީއައިއޭ އައު ފަސިންޖަރ ޓަރމިނަލް ހިޔާކޮށް ފަސާޑުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް އެއަރޕޯޓެވެ. ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ވީ.އައި.އޭގެ ކެޕޭސިޓީ އިތުރުކޮށް، ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު މަޝްރޫޢެއް ހިންގަމުންދާއިރު، މިއީ މާލޭ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢުވެސްމެއެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ވީ.އައި.އޭ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އައު ރަންވޭއަކާއި، އައު ވީ.އައި.ޕީ ލައުންޖަކާއި، އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައެވެ. މިވަގުތު އެންމެ ބާރު ސްޕީޑުގައި ކުރިއަށްދަނީ އައު ޕަސެންޖަރ ޓަރމިނަލުގެ މަސައްކަތެވެ. މިއީ ގިނަ ބައެއްގެ ސަމާލުކަން އެ މަސައްކަތަކަށް ހުއްޓިފައިވާ މަސައްކަތެކެވެ. އެންމެ ބޮޑަށް މީހުންގެ ލޮލުގައި އަޅައިގެން ކަމަކީ ޓަރމިނަލުގެ ޑިޒައިނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ޓަރމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިންލާދިން ގްރޫޕާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެދުތެރޭގައެވެ. އިމާރާތް ޑިޒައިންކުރުމުގައި ޓެކްނިކަލް ގޮތުން ދިމާވި އެކި ކަހަލަ ގޮންޖެހުންތަކާއި، ޕްރޮޖެކްޓަށް ފައިނޭންސް ކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިގެންދިޔައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކަކީ ރާއްޖޭގެ އިޤްތިޞާދުގައި މުހިއްމު ދައުރެއް އަދާކުރާ، އަދި ރާއްޖެއަށް ފަތުރުވެރިން އެތެރެވާ މައި ގޭޓުކަމަށްވުމުން، އައު ޕަސެންޖަރ ޓަރމިނަލުން ރާއްޖެވަންތަ ސިފަތަކެއް ފެނިގެންދިއުމަކީ މިހާރުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

އެހެންކަމުން ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއި އެމަނިކުފާނުގެ ލަފާފުޅުގެ މަތިން ޕަސެންޖަރ ޓަރމިނަލުގެ އެތެރެއާއި ބޭރުގެ ފަރުމާއަށް މި ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. ދިވެހިރާއްޖެއާއި ދިވެހިންނަކީވެސް ވަރަށް ބޮޑަށް މޫދާއި ގުޅިފައިވާ ބައެއްކަމުން އައު ޕަސެންޖަރ ޓަރމިނަލްގެ ފަރުމާއަށް ފަހުން ގެނެވުނު ބަދަލާއެކު، ރާއްޖޭގެ ގުދުރަތީ ހިތްގައިމުކަން ވަރަށް ބޮޑަށް ރަމްޒުކޮށްދޭނެކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

އައު ޕަސެންޖަރ ޓަރމިނަލުގެ މަސައްކަތް ދުވަސްތަކެއްވަންދެން މަޑުޖެހިފައި އޮތުމަށްފަހު، މި މަޝްރޫޢުގެ މަސައްކަތް މިހާރު ބާރުދުވެލީގައި އަންނަނީ ކުރަމުންނެވެ. ޓަރމިނަލުގެ މަސައްކަތް މިހާރުގޮސްފައިވާ ހިސާބަށް ބަލާއިރު، ޢިމާރާތުގެ ފައުންޑޭޝަނާއި ކޮންކްރީޓުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. އަދި މިހާރު ކުރަމުންދަނީ އިމާރާތުގެ ސްޓީލް ސްޓްރަކްޗަރގެ މަސައްކަތާއި އިމާރާތް ހިޔާކުރުމަށްވާންޖެހޭ ތައްޔާރީތަކެވެ.

ޓަރމިނަލުގެ ފަސާޑައަށް ބޭނުންވާ ދަގަނޑުތައްވެސް ސައިޓަށް މިހާރު ގެންގޮސްފައިވާއިރު، ދެން އެންމެ އަވަހަށް ފެށިގެންދާނީ ފަސާޑު ހަރުކުރުމުގެ މަސައްކަތްކަމަށާއި، މިއަހަރުގެ ތެރޭގައި އިމާރާތުގެ އޮނިގަނޑު ހުންނާނެގޮތް ފެނިގެންދާނެކަމަށް އެމް.އޭ.ސީ.އެލްއިން މަޢުލޫމާތުދެއެވެ. މުޅި މަޝްރޫޢުގެ ސްކޯޕަށް ބަލާއިރު، މަޝްރޫޢުގެ ގާތްގަނޑަކަށް 30 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމް.އޭ.ސީ.އެލްއިން ވިދާޅުވެއެވެ.

ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.

އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީކުރެވިގެންދާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް މިތަނުގައި ހުންނާނެއެވެ. އައު ޓާރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފްބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް މިތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.